ޑިމާންޑް ބޮޑުވެ އެމިރޭޓްސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފި

ފަސިންޖަރުންގެ ޑިމާންޑް ބޮޑުވެ އިންޓަނޭޝަނަލް ޓްރެފިކްގެ ގޮތުން ބަލާއިރު ދުނިޔޭގެ އެންމެ ބޮޑު އެއަރލައިން ކަމަށްވާ އެމިރޭޓްސްއިން ރާއްޖެއަށް ކުރާ ދަތުރުތައް އިތުރުކޮށްފިއެވެ.

ކޮވިޑް 19 ފެތުރުން ކޮންޓްްރޯލްކުރުމުގެ ގޮތުން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރުމާއި ގުޅިގެން އެމިރޭޓްސްގެ ދަތުރުތައް ރާއްޖެއަށް ހުއްޓާލިއެވެ. އެހެން ނަމަވެސް އޭގެ ތިން މަސް ފަހުން ޖުލައި 16 ވަނަ ދުވަހު އަލުން އެ އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ވަނީ ފަށާފައެވެ. 

މީގެކުރިން އެމިރޭޓްސްއިން ރާއްޖެއަށް ކުރަމުން ދިޔައީ ދުވާލަކު ތިން ދަތުރެވެ. އެހެން ނަމަވެސް މިހާރު އެ އަދަދު ވަނީ ހަތަރަކަށް އިތުރުކޮށްފައެވެ. އަންނަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހާ ހަމަޔަށް ކޮންމެ ދުވަހަކު ވެސް އެމިރޭޓްސްއިން ހަތަރު ފްލައިޓް ރާއްޖެއަށް ބާއްވާއިރު ހަފްތާއަކު 21 ފްލައިޓް އެ އެއަރލައިނުން ރާއްޖެއަށް އޮޕަރޭޓްކުރާނެއެވެ.

ދުނިޔޭގެ އެކިކަންކޮޅުތަކުން މިހާރު ރާއްޖެއަށް 27 އެއާލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. ބޯޑަރު ހުޅުވާލިފަހުން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ގެނެސްފައިވަނީ އެމިރޭޓްސްއިންނެވެ. އެ އެއަރލައިންގެ 352 މޫވްމަންޓް ރެކޯޑް ކުރެވިފައިވާއިރު އެ އެއަރލައިނުން ރާއްޖެއަށް 33،769 ޓޫރިސްޓުން އައިސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު