ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ޗެއާރމަނަކަށް ބޭފުޅަކު ހަމަޖައްސަވައިފި

އާރްއޭސީ ޗެއަރމަން އަބްދުލް ލަތީފު ގާސިމް އާރްއޭސީ ޗެއަރމަން އަބްދުލް ލަތީފު ގާސިމް

ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރްއޭސީ)ގެ ޗެއާރމަނަކަށް އަބްދުލް ލަތީފު ގާސިމް ހަމަޖައްސަވައިފިއެވެ.

އާރްއޭސީގެ ޗެއަރމަން ކަމުގެ މަގާމަށް އަބްދުލް ލަތީފް ގާސިމް އައްޔަންކުރެއްވީ މިއަދުގެ ވަގުތެއްގައެވެ. ހާރިޖީ ދާއިރާގައި ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ، އަބްދުލް ލަތީފް ގާސިމް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަޕާ ނޯތު ޔޫޓިލިޓީ ލިމިޑެޓްގެ ޗެއާމަންކަންވެސް ކުރައްވައިފައެވެ. އޭގެ އިތުރުން، ބަންގްލަދޭޝް ހައި ކޮމިޝަންގެ ކައުންސެލާ ކަމާއި އިންޑިޔާގެ ކެރެލާގައި ހުންނަ ކޮންސިއުލޭޓްގެ ކޮންސުލްގެ މަގާމުވެސް އޭނާ ފުރުއްވާފައިވެއެވެ.

އާރްއޭސީގެ ބޯޑަށް ރައީސް ގެންދަވަނީ ބޮޑެތި ބަދަލުތަކެއް ގެންނަވަމުންނެވެ. އެގޮތުން، އެ ކުންފުނީގެ އެމްޑީ ކަމުގެ މަގާމަށް ކުރިން އައިލެންޑް އޭވިއޭޝަންގެ އެމްޑީ ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ރިޒްވީ ހަމަޖައްސަވާފައިވެއެވެ. އަދި، އެ ކުންފުނީގެ ބޯޑަށް ކުރީ ސަރުކާރުގައި އެމްއާރްޑީސީގެ އެމްޑީ ކަމުގެ މަގާމުގައި ހުންނެވި މުހައްމަދު ޝަފާއު ހަސަން ވެސް އައްޔަންކޮށްފައިވެއެވެ.

ރީޖަނަލް އެއަަރޕޯޓްސް ކުންފުނި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. އެ ކުންފުންޏަކީ ސަރުކާރުން ހިންގަމުން ގެންދަވާ ސަރަޙައްދީ އެއަރޕޯޓްތައް ވިޔަފާރީގެ އުޞޫލުން ހިންގުމަށާއި، ސަރުކާރުން ރީޖަނަލް އެއަރޕޯޓްސް މެދުވެރިކޮށް ހިންގަމުން ގެންދަވާ ވައިގެ ބަނދަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަރައްޤީކޮށް ހިންގުމަށްޓަކައި އުފެއްދެވި ކުންފުންޏެކެވެ.

ކޮންމެ ރަށަކުން 20 މިނެޓުން ދެވޭ އެއަރޕޯޓެއް ތަރައްގީކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ވެސް އެކި ސަރަހައްދުތަކުގައި އެއަރޕޯޓްތައް ތަރައްގީކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މި ސަރުކާރުން ތަރައްގީކުރި އެންމެ ފުރަތަމަ އެއަރޕޯޓް ކަމަށްވާ ހއ. ހޯރަފުށީ އެއަރޕޯޓް ރަސްމީކޮށް ހުޅުވީ މިދިޔަ އަހަރުގެ ފަހުކޮޅުއެވެ.

ކިޔުންތެރިންގެ ހިޔާލު