ގިނަ އަދަދެއްގެ ޒުވާނުންނާއި އެކު ދިރާގުގެ ދެވަނަ ސްޓާޓަޕް ގްރައިންޑް އިވެންޓް ބާއްވައިފި

ޢަލީ ޔާމީން

ސްޕާކްހަބް އާއި ދިރާގު ގުޅިގެން، ޒުވާން ވިޔަފާރިވެރިންނަށް އަމާޒުކޮށްގެން، ދެވަނަ ސްޓާޓަޕް ގްރައިންޑް އިވެންޓް ބާއްވައިފިއެވެ.

"ސްޓާޓް އަޕް ގްރައިންޑް އެކްސް" ގެ ނަމުގައި ދިރާގު މައި އޮފީހުގައި އިއްޔަ ބޭއްވި އިިވެންޓުގައި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ، އައިސީޓީ ދާއިރާގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.

"ސްޓާޓް އަޕް ގްރައިންޑް އެކްސް މާލެ" އަކީ ތައުލީމީ ފަރާތްތަކާއި އަލަށް ވިޔަފާރިތައް ނުކުންނަ ފަރާތްތަކާއި އިންވެސްޓަރުން ހިމެނޭ ގޮތަށް ކުރިއަށް ގެންދާ އެންމެ ބޮޑު ސްޓާޓް އަޕް ކޮމިއުނިޓީއެވެ.

މި އިވެންޓުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ރަޝީދު ވިދާޅުވީ ޒުވާނުންގެ ތަރައްޤީއަށް މަސައްކަތް ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން އެހީތެރިކަން ފޯރުކޮށްދޭން އެންމެ ބޮޑަށް ބޭނުންވާ ދާއިރާ ކަމަށެވެ.

"މި ދާއިރާއަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ތެރެއިން އެހީތެރިވާން އެންމެ ބޭނުންވާ އެއް ދާއިރާ،" އޭނާ ވިދާޅުވިއެވެ.

ދިރާގުން ކުރިއަށް ގެންދިޔަ "ސްޓާޓް އަޕް ގްރައިންޑް އެކްސް މާލެ" ގައި މައުލޫމާތު ދީފައި ވަނީ މެލޭސިޔާގެ މައިބަންޕް މެލޭޝިއާ ކުންފުނީގެ ކޯފައުންޑަރު އަދި ސީއީއޯ ދަނީސް އާތިފެވެ.

ދަނީސްގެ ވާހަކަ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ "އެޑްޓެކް" އެއް ފަށައިގަތުމަށާއި ޝައުގުވެރިކަން ގެއްލުވާ ނުލާ ކުރިއަށް ދިޔުމަށް ވިސްނާލަން ޖެހޭ ކަންތައްތަކުގެ މައްޗަށެވެ.

މައިބަންޕް އަކީ އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަފާތު ވަސީލަތްތައް މެދުވެރިކޮށް ކާމިޔާބު ކަމާއެކު މާކެޓިން ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ ކުންފުންޏެވެ.

ދިރާގުން "ސްޓާޓް އަޕް ގްރައިންޑް އެކްސް މާލެ" އިވެންޓު ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަދި އެ ކުންފުނިން ވަނީ ރާއްޖޭގެ ފުރަތަމަ އިންޓަނޭޝަނަލް ހެކަތޯންވެސް ބާއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު