ބެކަޕް ސިލިންޑަރ ގަނެގެން ހިލޭ ލުއިފުޅި ލިބޭނެ ޕްރޮމޯޝަނެއް މޯލްޑިވް ގޭހުން ފަށައިފި

ޢަލީ ޔާމީން
ފޮޓޯ: މިހާރު

މޯލްޑިވް ގޭހުގެ ބެކްއަޕް ގޭސް ސިލިންޑަރު ގަނެގެން ހިލޭ ލުއި ފުޅި ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

އެ ކުންފުނިން ބުނީ ރަމަޟާން މަހަށް ހާއްސަކޮށްގެން ފެށި މި ޕްރޮމޯޝަނުގެ އަމާޒަކީ ކުއްލިއަކަށް ގޭސް ހުސްވެގެން ކަސްޓަމަރުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުން ކަމަށެވެ.


މި ޕްރޮމޯޝަން މިއަދުން ފެށިގެން އަންނަ މަހުގެ ފަހެއްގެ ނިޔަލަަށް ކުރިއަށް ގެންދާއިރު، ޕްރޮމޯޝަނުގެ ދަށުން މޯލްޑިވް ގޭހުގެ ދެ ކިލޯގެ ބެކްއަޕް ސިލިންޑަރު ގަންނަ ކަސްޓަމަރުންގެ މެދުގައި ކޮންމެ ހަފުތާއަކު ނަގާ ގުރުއަތުން ހޮވޭ ކަސްޓަމަރުންނަށް ކޮންމެ ހަފުތާއަކު ހިލޭ 10، ކިލޯގެ ގޭހާއި އެކު ފުޅި އެއް ލިބޭނެއެވެ.

ލުއި ފުޅިއަކީ ސަލާމަތީ ގޮތުންނާއި ހިފައިގެންގުޅުމަށްވެސް އެންމެ ރަނގަޅު ގޭސްފުޅިއެވެ.

ހިލޭ ގޭސް ލިބޭ ޕްރޮމޯޝަނެއް މޯލްޑިވް ގޭހުން ފަށާފައިވާ އިރު، މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި މޯލްޑިވް ގޭހަށް ވަނީ ރެކޯޑް އަދަދެއްގެ ފައިދާއެއް ވެފައެވެ. އެގޮތުން ފުރަތަމަ ކުއާޓަރުގައި އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 17 މިލިއަން ރުފިޔާ ލިބިފައިވާއިރު، އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ފައިދާގެ ގޮތުގައި ލިބުނު 8 މިލިއަން ރުފިޔާއަށް ވުރެ 112.5 އިންސައްތައިގެ ކުރިއެރުމެކެވެ.

މޯލްޑިވްސް ގޭސްއަކީ 1999 ވަނަ އަހަރުން ފެށިގެން ގޭހުގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު
އަސިން
ކޮބާ މުވައްޒަފުން ގެ ބޯނަސް
ހުސެއިން
މުވައްޒަފުން ގެ ހައްޣު ކޮބާ
ޒީން
ހާދަ ރީތި ކުދިން ކޮޅެއް
އަރޫ
ތި 2 ކުދިން ގެ ފޮޓޯ ބަލާ ބަލާ ފޫހި ވެއްޖެ. އެހެން ފޮޓޯ ކޮޅެއް ޖަހައިލާބަ ހަބަރު ތަކުގައި