ރިޓްރީޓް ހުޅުމާލެ: ހިތްފަސޭހަ މާހައުލެއް، ހިދުމަތުގެ އިތުރުން ރަހަވެސް މީރު

ޢަލީ ޔާމީން

ރަށްޓެއްސަކާއި އެކު މާސިންގާ ކަނޑުއޮޅިއެއް ހުރަސްކޮށް އަޅާފައިވާ ސިނަމާލެ ބުރިޖާއި، އެ ބުރިޖާއި ގުޅިފައިވާ ހައިވޭއިން ދަތުރުކޮށް ހުޅުމާލެ ދިޔައީ "ރިޓްރީޓް ހުޅުމާލެ"އިން ރޯދަވީއްލުމަށެވެ. އެތަނުގެ އިފްތާރުގެ މޮޅު ކަމުގެ ވާހަކަ އަހަރެންގެ އެކުވެރިޔާ ދައްކާތީ އެކަމުގެ ހުރި ތެދު ދޮގެއްވެސް ބަލާލުމުގެ ފޮނި އުންމީދުގައެވެ.

އިރިއޮއްސި 6:00 އިރު ހުޅުމާލޭގެ ބީޗު ފްރޮންޓްގައި ހުންނަ ރިޓްރީޓާއި އަރާ ހަމަވިއެވެ. ސައިކަލު ޕާކު ކޮށްލުމާއި އެކު ފުރަތަމަވެސް ލޮލުގައި އަޅައިގަތީ، ރިޓްރީޓުން އިފްތާރަށް އޯޑަރ ކުރި ފަރާތްތައް އެމީހުންނަށް ހާއްސަ ކުރެވިފައިވާ މޭޒުތައް ދޮށުގައި ކެތްތެރިކަމާއި އެކު ތިބި މަންޒަރެވެ.


އަހަރެމެން ސައިކަލުން ފޭބުމާއި އެކު ރިޓްރީޓުގެ ވެއިޓަރަކު އަހަރެމެންނަށް ސަލާމް ގޮވާލިއެވެ. އަަދި އަހަރެމެންގެ ނަން އަހާލައި، އަހަރެމެންނަށް ހާއްސަކޮށްފައިވާ މޭޒާއި ގޮނޑި ދައްކާލިއެވެ. މޭޒުމަތީގައި ދެ ވައްތަރެއްގެ ފަންޏާއި، ކަނދުރުގެ އިތުރުން ހެދިކާ ހުއްޓެވެ. އަދި ޕްލާސްޓިކް ފެންފުޅީގެ ބަދަލުގައި މޭޒުގައި ހުރީ ބިއްލޫރި ފެންފުޅިއެކެވެ. ތިމާވެއްޓަށް ރިޓްރީޓުން ލޯބިކުރާ މިންވަރު އަހަންނަށް އެ ކުޑަވަގުތު ކޮޅުގެ ތެރޭގައި ތަސައްވަރުކޮށްލެވުނެވެ.


އެކުވެރިޔާއާއި އެކު ގޮނޑީގައި އިށީނދެ ރިޓްރީޓުގެ މާހައުލަށް ނަޒަރު ހިންގާލީމެވެ. ކުރިމަތީގައި މާސިންގާ މޫދު ފެންނާނެ ހެން ހުދު ދޮންވެލީގައި، ފިނި ވައިރޯޅި ޖެހޭ ހިތްފަސޭހަ މާހައުލެކެވެ. ތޮއްޖެހުމާއި، ހާސްވުމެއް ނެތެވެ. 150 މީހުންނަށް އެއްފަރަތާ އިފްތާރަށް އިންސާފުކޮށްލެވޭނެ ވަރުގެ ތަނެކެވެ. ކައިރީގައި ދިގަށް ހެދިލާފައި ހުރި ރުއްތަކާއި، އަރިމަތީގައި ހައްދާފައި ހުރި މާގަސްތަކުން ހިތައް އިތުރު ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

ގަޑިން 6:05 ވީއިރު އިފްތާރު ބުފޭގައި މީހުން ކިއު ހަދަން ފަށައިފިއެވެ. ދެ ފަރާތުން ތަށްޓައް ކާއެއްޗެހި އެޅޭ ގޮތައް އޮތް އެ ބުފޭއިން ހިނިތުންވުމާއި އެކު އެތަނަށް ރޯދަވީއްލުމަށް އައި މީހުން ކާތަކެތި އަޅަމުން ދިޔައެވެ. ބިރިޔާނީއާއި ކުކުޅެވެ. ފިނުހު މަހާއި ތަފާތު ވައްތަރުގެ ސެލެޑެވެ.  


ރިޓްރީޓު ހުޅުމާލޭގައި ކޮންމެ ދުވަހަކަށް ހާއްސަ އިފްތާރު މެނޫއެއް އޮންނަ އިރު ހުކުރު ދުވަސް ފިޔަވާ އެހެން ދުވަސްތަކުގައި މެނޫގެ އަގަކީ 140 ރުފިޔާއެވެ. ހުކުރު ދުވަހުގެ އިފްތާރު މެނޫގެ އަގަކީ 160 ރުފިޔާއެވެ. ރިޓްރީޓު ހުޅުމާލެއިން އިފްތާރަށް ކުރާ ކޮންމެ 10 އޯޑަރަކުން އެއް އޯޑަރ ހިލޭ ލިބޭނެއެވެ. އަދި މި ނޫނަސް ގިނައިން އޯޑަރ ކުރާނަމަ ބޮޑެތި ޑިސްކައުންޓްތަކެއް އެތަނުން ލިބޭނެއެވެ.

ބުފޭއިން އަހަންނާއި އަހަރެންގެ އެކުވެރިޔާވެސް ކާތަކެތި އެޅުމަށް ފަހު، އަހަރެމެންނަށް ހާއްސަ ކުރެވިފައިވާ މޭޒު ދޮށުގައި އިށީނީނެވެ. އަދި ބަންގި ގޮވުމާއި އެކު ބިސްމި ކިޔާ ކަދުރު އޮށަކުން ރޯދަވީމެވެ. އެއަށް ފަހު ކަނާތް ފަރާތުގައި ހުރި އޮރެންޖު ފަނިތަށިން ކޯވަރެއް ބޯލީމެވެ. އެ ކޯވަރާއި އެކު ކަރުހިއްކުން މުޅިން ފިލައިގެން ގޮސް، މުޅި މީހާގެ ހަށިގަނޑަށް އިތުރު އާރޯ ކަމެއް ލިބުނެވެ. ފަނިތަށްޓަށް އިންސާފުކޮށްލުމަށް ފަހު ލަސް ލަހުން އެތަނުގެ ކާތަކެތީގެ ރަހަ ބަލަމުން ދިޔައީމެވެ.

ރިޓްރީޓް ހުޅުމާލެއަަށް ރޯދަވީއްލަން އަންނަ ގިނަ ބަޔަކަށް އެންމެ ކަމުދާ އެއް ބާވަތަކީ އެތަނުގެ ބިރިޔާނީއެވެ. އަދި އެތަނުގެ ބިރިޔާނީގެ މީރުކަމުގެ ވާހަކަ އެތަނަށް އަންނަ ކަސްޓަމަރުން ދައްކާ ކަމަށް ރިޓްރީޓް ހުޅުމާލޭގެ އިފްތާރުގައި ހިމެނޭ ރަހަތަކުގެ ފަހަތުގައިވާ ތަޖުރިބާކާރު ޝެފް، އެމްބްރޯސް ބުންޏެވެ.


މީގެ އިތުރުން އެތަނުގެ ބަޓަރ ޗިކެން އާއި ގްރިލްޑް ޗިކަންގެ ރަހަވެސް ވަރަށް ތަފާތެވެ. މީރު ކަމުން ތަށްޓަށް އިތުރަށް އެޅުނު ނަމައޭ ހިތައްވެސް އެރިއެވެ. ރިޓްރީޓް ހުޅުމާލެއިން ރޯދަވީއްލާ ނިމިގެން އަހަރެމެން އެތަން ދޫކޮށް ދިޔައީ ހިނިތުންވުމާއި އެކުގައެވެ. އެތަނުގެ ވެއިޓަރުން އެ ފޯރުކޮށްދިން ހިދުމަތާއި، ރޯދަވީއްލުމަށް އަހަރެމެންގެ އަތުން ހޭދަކުރި ފައިސާއާއި އެއްވަރުގެ ރަހައެއް އަރުން އެތެރެވުމުގެ އުފާވެރި ކަމާއި އެކުގައެވެ. ދެވަނަ ފަހަރަށްވެސް ރިޓްރީޓް ހުޅުމާލެއޭ ބުނަމުންނެވެ.

ރިޓްރީޓް ހުޅުމާލެއިން އިފްތާރަށް އޯޑަރ ކުރެއްވުމަށް ގުޅުއްވާނީ :7778616 ނަންބަރު ފޯނާއެވެ.


ކިޔުންތެރިންގެ ހިޔާލު