ރިސޯޓްތައް ހަދަން ތަންތަނުން ވެލި ނެގުން މަނާކުރަން ނިންމައިފި

ޢަލީ ޔާމީން
ފޮޓޯ: ވީނިއުސް

ރިސޯޓުތަކުގެ ގޮނޑުދޮށް ރީތިކުރުމަށް އެހެން ތަންތަނުން ވެލި ނެގުމުގެ އުސޫލު އުވާލަން ފަތުރުވެރިކަމާއި ބެހޭ މިނިސްޓްރީން ނިންމައިފިއެވެ. 

އެކަމާއި ގުޅިގެން ޓުއަރިޒަމް މިނިސްޓްރީން ނެރުނު ނޫސްބަޔާނުގައި ބުނީ, ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ފަރާތްތަކުން ތިމާވެއްޓާއި މެދު އިޙުމާލުވެ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފަށް އަމަލުކުރަމުންދާކަމުގެ ޝަކުވާ އެ މިނިސްޓްރީއަށް ލިބެމުން އަންނަ ކަމަށާއި އެހެންކަމުން ފަތުރުވެރިން ބައިތިއްބާ އެންމެހައި ތަންތަނަށް ޤާނޫނުތަކާއި ގައިވަދުތަކާއި އެއްގޮތައް އަމަލުކުރުމަށް އަންގައި ސާރކިއުލާއެއް ފޮނުވާފައިވާނެ ކަމަށެވެ.

ނަމަވެސް އަދިވެސް ބައެއް ފަރާތްތަކުން އެފަދަ ކަންކަމުގައި އިޙުމާލުވާތީ، އެކަމާއި މެދު ފިޔަވަޅު އެޅުމަށް މިނިސްޓްރީން ނިންމާފައިވާކަމަށް ޓުއަރިޒަމް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

މި އުސޫލަކީ ރިޒޯޓުތަކުގެ ގޮނޑުދޮށް ރީތިކުރުމަށް އެރިސޯޓުގެ އިޙްތިޞާސުން ބޭރުގައިވާ ފަޅުތަކުން ވެލި ނެގުމަށް ހުއްދަ ދިނުމުގެ ގޮތުން 2017 ގައި އެކުލަވާލެވިފައިވާ އުސޫލެކެވެ.

ޓްއަރިޒަމް މިނިސްޓްރީން ބުނީ ފަޅުތަކުގެ ތިމާވެއްޓަކީ ކަނޑުތަކުގެ ދިރުންތައް އާލާވުމަށް މުހިންމު މާހައުލެއްކަމުން ފަޅުތައް ހިމާޔަތްކުރުމުގެ ގޮތުން މި އުސޫލު އުވާލުމަކީ މުހިންމު ކަމެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު