އެމްޓީސީސީގެ ފައިދާ ނުބަހަން ނިންމައިފި

ޢަލީ ޔާމީން
ފޮޓޯ: ސަން

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީ އަށް މިދިޔަ އަހަރު ލިބުނު ފައިދާ ދަށްވެ ކުންފުނީގެ ހިއްސާދާރުންނަށް ހިއްސާގެ ފައިދާ ނުބެހުމަށް ފާސްކޮށްފި އެވެ.

ރޭ ހޮޓެލްޖެންގައި ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި ކުންފުނީގެ ހިއްސާދާރުންނަށް ފައިދާ ނުބަހަން ފާސްކުރީ ޖަލްސާގައި ބައިވެރިވި ހިއްސާދާރުންގެ ތެރެއިން 97.80 އިންސައްތަ ހިއްސާދާރުންގެ ވޯޓާއެކު އެވެ.

އެމްޓީސީސީގެ ސާފު ފައިދާއަށް މިދިޔަ އަހަރު ލިބިފައިވަނީ 34.27 މިލިއަން ރުފިޔާއެވެ. 2017 ވަނަ އަހަރު އެ ކުންޏަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 145 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރުގެ ސާފު ފައިދާއަށް ވުރެ 111 މިލިއަން ރުފިޔާ އިތުރު އަދަދެކެވެ.

އެމްޓީސީސީ އިން ބުނީ ކުންފުނީގެެ ފައިދާ ދަށްވީ ދަތުރުފަތުރުގެ ސެކްޓާ އާއި ކުންފުނީގެ ކޮންނަބޯޓު، މަހާޖައްރާފު ގަތުމަށް ނަގާފައިވާ ލޯނު ފައިނޭންސް ކުރުމުގެ ހަރަދު ބޮޑުވެ، ހަރަދާ އެކަށީގެން ނުވާ ކުޑަ އަގެއްގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހުމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު