ތިލަފުށީގައި ބޭސްފިހާރައަކާއި ކްލިނިކެއް ހުޅުވައި، 3،000 ވުރެ ގިނަ މީހުންގެ ހުވަފެން ހަޤީޤަތަކަށް!

ޢަލީ ޔާމީން

ގްރޭޓާރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން، އެފް އެންޑް ސީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެން ތިލަފުށީގައި ކްލިނިކެއްގެ އިތުރުން ބޭސްފިހާރައެއް ހުޅުވައިފިއެވެ.

މިއަދު ތިލަފުށީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ކްލިނިކާއި ބޭސްފިހާރަ ހުޅުއްވައިދެއްވީ، ރާއްޖޭގެ ނައިބް ރައީސް ފައިޞަލް ނަސީމެވެ.

ކްލިނިކް އަދި ބޭސް ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގްރޭޓާރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގް ޑިރެކްޓަރ އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވީ، އެބޭފުޅާ އެކުންފުނީގެ ހިންގުމާއި ހަވާލުވުމަށް ފަހު އެންމެ ފުރަތަމަވެސް ކުރަން ބޭނުންވި ކަމަކީ ތިލަފުށީގައި ކްލިނިކެއްގެ ހިދުމަތް ފެށުން ކަމަށެވެ.


"އަޅުގަނޑު އެންމެ އިސްކަމެއްދީގެން ކުރަން ބޭނުންވި ކަމަކީ މިރަށުގައި ކްލިނިކެއްގެ މަސައްކަތް ފެށުން ހިމެނޭ. އެހެންނަމަވެސް ނިމިދިޔަ ސަރުކާރުން މި ފަދަ ހިދުމަތް ދޭން ހުރި ތަންތަން ހުރީ އެކި ފަރާތްތަކަށް އެކި ނަންނަމުގައި ދެވިފައި އޭގެ ސަބަބުން އަޅުގަނޑުމެންނަށް ޖެހުނީ ޤާނޫނުގެ ތެރެއިން އެކަން ނިމުމަކަށް ގެނެސް ދޭން ޖެހޭ ވަގުތުދީ އަޅުގަނޑުމެންނަށް ދައުލަތަށް އުނދަގޫ ނުވާ ފަދަ ބަދަލުތަކެއް ދީ އެ ކަމުން އަރައިގަނެވޭނެ ގޮތަކަށް މިކަަން ކުރުމަށް. އެމަގުން ގޮސް އެންމެ އަވަހަށް ކުރުކޮށް މިކަން ކުރެވެން އޮތް މުއްދަތަކީ މިއީ." އެމްޑީ އިބްރާހިމް ވިދާޅުވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކުރައްވާ ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވީ، މިސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުން ކަމަށެވެ.


"މި ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާކޮށް، ރާއްޖޭގެ ރައްޔިތުންނަކީ ދުޅަހެޔޮ ހަށިހެޔޮ ބަޔަކަށް ހެދުން" ނައިބު ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ވަނީ މަސައްކަތްތެރީންގެ ހައްޤުތައް ކަށަވަރުކޮށްދީ އެއްބާރުލުންދީ އެހީތެރިކަން ދިނުމަށް އިސްތިމާސްކުރައްވާފައެވެ.

ތިލަފުށީ އަދި ގުޅީފަޅުގައި 3،000 އަށް ވުރެ ގިނަ މީހުން މަސައްކަތް ކުރާއިރު، އެ މީހުންނަށް ފަސޭހައިން ބޭސްފަރުވާގެ ހިދުމަތް ލިބޭނެ މަގު ފަހިވެފައި ނެތުމަކީ ފަރާތްތަކުގެ ކަންބޮޑުވުމެވެ. ނަމަވެސް މިއަދު ތިލަފުށީގައި ހުޅިވިގެން ދިޔަ ކްލިނިކްގެ ސަބަބުން އެކަމަށް އެދެވޭ ހައްލެއް މިވަނީ ލިބިގެން ގޮސްފައެވެ.

ދެ ޑޮކްޓަރުންނާއި އެކު މިއަދު އެ ކްލިނިކް ހުޅުވިއިރު، ކްލިނިކްގައި ބަލިމީހުން ބަލާ ކޮޓަރިއަކާއި، ބަލިމީހުންނަށް ފަރުވާދޭ ކޮޓަރިއެއް( ބޭސް އަޅާ ކުދި ފަރުވާތައް ދެވޭނެ ފަދަ ކޮޓަރިއެއް)އަކާއި، އިންޖެކްޝަން ޖަހާދޭ ކޮޓަރިއަކާއި، ބޭސްފިހާރައަކާއި، ބޭސްރައްކާކުރާގެ ގުދަނެއްގެ އިތުރުން ފާހާނައެއް ހިމެނެއެވެ.

ގްރޭޓަރ މާލޭ އިންޑްސްޓްރިއަލް ޒޯން ލިމެޓެޑުގެ އަމާޒަކީ އަމާޒަކީ، މުސްތަގުބަލުގައި ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކުރެވި، ތިލަފުށްޓާއި، ގުޅީފަޅުގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކަށް، ފަސޭހަވާނެ ގޮތެއްގެ މަތިން ހިދުމަތްތައް ފޯރުކޮށްދިނުމެވެ. އެގޮތުގެ މަތިން ކުރިއަށް އޮތް މުސްތަގުބަލުގައި މެޑިކަލް ޗެކަޕްގެ ހިދުމަތްތަކާއި، އާސަންދަ އަދި އިންސުއަރެންސް ފަދަ ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު