ލައިވް ސީފުޑާއި އެކު "ނިއުޕޯޓު ވިއު" މާދަމާ އާންމުންނަށް ހުޅުވާލަނީ

ޝަރޫނާ އަބްދުﷲ
ނިއުޕޯޓް ވިއު ހުޅުވުމުގެ ރައްސްމިޔާތު
ލައިވް ސީފުޑާއި އެކު ބްރިޖު ވިޔުގައި ސްޓްރާޑާ ޕްވަރައިވެޓް ލިމިޓެޑް އިން ތަރައްޤީކުރި ނިއު ޕޯޓު ވިއު މާދަމާ އާންމުންނަށް ހުޅުވާލަން ނިންމައިފިއެވެ.
ނިއު ޕޯޓުގެ ސޮފްޓް އޯޕެނިންގް ރޭ ބާއްވައިފައިވާއިރު، މި ރެސްޓޯރެންޓުގެ އެންމެ ހާއްސަ ކަމަކީ ލައިވް ސީފުޑް ޓޭންކެއް ހުރުމާއެކު ކަސްޓަމަރުންގެ އެދުމަށް އެ ޓޭންކުން ނަގައިގެން ތަފާތު ވައްތަރުގެ ކާނާ ތައްޔާރު ކޮށްދިނުމުގެ އިންތިޒާމް ހަމަޖެހިފައިވުމެވެ.
"މި ރެސްޓޯރެންޓްގެ މެއިން އެއްޗަކީ ލައިވް ފިޝް ޓޭންކް، އޭގެން ކަސްޓަމަރުން ބޭނުން އެއްޗެއް ބުނުމުން ވަގުތުން ކައްކާފަ ސާވް ކޮށްދޭނެ." ސްޓްރާޑާ ޕްވައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ މަލަކާ އަބްދުލް ހަކީމް، ޖަޒީރާ ނިއުސް އަށް މައުލޫމާތު ދެމުން ބުނެފައިވެއެވެ.
ނިއުޕޯޓް ވިއު ބޮޑައް ހާއްސަ ކުރެވިފައިވަނީ އާއިލާތަކަށާއި ކުޑަކުދިންނަށެވެ. އެގޮތުން މި ރެސްޓޯރެންޓަށް ވަންނައިރު ކުޑަކުދިންނަށް ހާއްސަކޮށްގެން ޕްލޭ ގްރައުންޑެއްވެސް ހަދާފައި ހުރެއެވެ.

ނިއުޕޯޓްގެ ހޯލް ބިޒްނަސް މީޓިން ތަކަށް ހާއްސަ ކުރެވިފައި ވާއިރު މަތި ހާއްސަ ކުރެވިފައިވަނީ ޝީޝާ ބުއިމަށެވެ.
އަލަށް ހުޅުވިގެންދާ މި ރެސްޓޯރެންޓުގައި ހެނދުނު ގަޑީގައާއި އަދި އެހެން ގަޑިތަކުގައިވެސް ބުފޭ ލިބެން ހުންނާނެއެވެ. އަދި ޕާޓީތަކަށް ދޫކުރުމަށް ހިޔާލު ނުކުރާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މިއަދު ހަވީރު 4 ޖަހާއިރު ނިއުޕޯޓް ވިއު ގައި ކުޑަކުދިންގެ ހަވީރެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. މި ހަވީރުގައި ޖާދޫގަރެއްގެ ހުނަރު ދައްކާލާނެއެވެ. ނިއު ޕޯޓު ވިއު އަކީ 500 މީހުންގެ ޖާގައިގެ ރެސްޓޯރެންޓެކެވެ. އަދި މިއީ ރާއްޖޭގައި ގާއިމް ކުރެވުނު ފުރަތަމަ ލައިވް ސީފުޑް ރެސްޓޯރެންޓުވެސް މެއެވެ.
ކިޔުންތެރިންގެ ހިޔާލު