ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ގްރޭޓަރ މާލެއިން ފަށައިިފި

އައިޝަތް ޝިރުފާ އަލީ

މާލޭގައި ހުރި ނުރައްކާތެރި ތަކެތި ރައްކާ ކުރާ ގުދަންތައް ކ.ތިލަފުށްޓަށް ބަދަލުކުރުމުގެ މަސައްކަތްތައް ސަރުކާރާ ގުޅިގެން ފަށާފައިވާކަމަށް ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ބުނެފިއެވެ. 

އެކުންފުނިން ބުނީ ތިލަފުއްޓަށް މިފަދަ ގުދަންތައް ބަދަލު ކުރުމުގެ މަސައްކަތް ފެށީ، މިދިޔަ ހަފްތާގެ ހުކުުރު ދުވަހުގެ ރޭ ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއަށްފަހު މިފަދަ ގުދަންތައް މީހުން ދިރި ނޫޅޭ ސަރަހައްދުތަކަށް ބަދަލުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ނިންމެވުމާ ގުޅިގެން އެކަން ތަންފީޒު ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެ މަސައްކަތް އެ ކުންފުނިން ކުރަނީ އެކަމަށް ވަކި ޚާއްސަ އުސޫލެއް ވެސް އެކަށަ އަޅައިގެން ކަމަށް އެކުންފުނިން ނެރުއްވި ބަޔާނުގައި ބުނެފައި ވެ އެވެ. 

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ބުނީ ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލުކުރުމަށްޓަކައި އެރަށުގެ ވަކި ސަރަހައްދެއްގައި ވެއަރހައުސް ޔުނިޓް ތަކެއް ގާއިމު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި މި ޔުނިޓްތަކަކީ ސަލާމަތީ ރައްކާތެރިކަމަށް ފެތޭ ގޮތަށް ފަރުމާކުރެވިވާ ތަންތަނަ ކަމަށާއި، ރައްކާކުރެވޭ މުދާ ވަކި ހަމަތަކެއްގެ މަތިން ބެހެއްޓޭގޮތަށް ހަދާއިރު، މި ޔުނިޓްތައް ހުންނަ މާހައުލަކީ އެހެން މީހުންނަށް ވެސް ރައްކާތެރި މާހައުލަކަށް ހެދުމަށް އެކުންފުނިން ހާއްސަ އިސްކަމެއް ދޭނެކަމަށެވެ. 

ހަމަ މިއާއެކު 23 ސެޕްޓަރުން (މިއަދު) ފެށިގެން އެފަދަ މުދާ (ކެމިކަލް ފަދަ ނުރައްކާތެރި) ތިލަފުށީގައި ގުދަން ކުރެވޭނީ، ކެމިކަލް އަދި ނުރައްކާތެރި މުދާ ގުދަން ކުރުމަށް އެދޭ ފޯމް ހުށަހެޅުމަށްފަހު ކަމަށް ވެސް އެ ކުންފުނީގެ ނޫސް ބަޔާނުގައިވެ އެވެ. އަދި އެ ފޯމް އެ ކުންފުނީގެ ވެބްސައިޓުންނާއި ރިސެޕްޝަނުންވެސް ލިބޭނެ ކަމަށް ވެސް ގަރޭޓަރ މާލެއިން ބުންޏެވެ.

 "ވެއަރހައުސް ޔުނިޓް ދިނުމުގައި އިސްކަންދޭނީ ނުރައްކާތެރިކަން ބޮޑު މުދާ ހުރި ގުދަންތަކަށް އިސްކަންދީގެން އެ ތަރުތީބުން،" އެ ކުންފުނިން ނެރުނު ބަޔާނުގައި ވެ އެވެ. 

ސަރުކާރުން ކެމިކަލް ގުދަންތައް އާންމުންނަށް ރައްކާތެރި ހިސާބަކަށް ބަދަލުކުރަން ނިންމާފައިވަނީ ހުކުރުދުވަހުގެ ރޭގެ ހާދިސާއަށްފަހު މާލޭގައި ނުރައްކާތެރި ކެމިކަލް ގެންގުޅުން ހުއްޓުވައިދޭން ގިނަބަޔަކު ސަރުކާރަށް ގޮވާލަމުން ދަނިކޮށެވެ. 

ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އިއްޔެ ވެސް ވަނީ މާލޭގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަންތައް ބަލައި ފާސްކުރުމުގެ އޮޕަރޭޝަނެއް ހިންގާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު
ޙަންމި
ޙެޔޮނިޔަތުގަ ކޮފިޔާ ކިތަންމެ ހާވެސް ރަގަޅު.އަނެކާވެސް ލާރިކޮލެއް ލިބިޖެއް.