ކަލިނަރީ ޗެލެންޖާ އެކު ހޮޓެލް އޭޝިއާ އެގްޒިބިޝަން 2019 ފަށަނީ: މިފަހަރުވެސް ވަރަށް ތަފާތުވާނެ!

ޢަލީ ޔާމީން
ފޮޓޯ: އަވަސް

ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ އެއް ފެއާ ކަމަަށްވާ "ހޮޓެލް އޭޝިއާ އެގްޒިބިޝަން 2019" މިމަހުގެ ހަތްވަނަ ދުވަހު ދަރުބާރުގޭގައި ފަށަން ތައްޔާރުވެއްޖެއެވެ.

މި އަހަރުގެ އެގްޒިބިޝަނުގައި، ނިއުޒިލެންޑް، ހޮންކޮންގް، ކެނެޑާ، އެމެރިކާ، ޖަރުމަން އަދި އިޓަލީ އާއި ސްވިޒިލެންޑް ހިމެނޭހެން 45 ގައުމަކުން ބައިވެރިވެފައިވާއިރު، އެ ޤައުމުތަކުން ޖުމްލަ 155 ސްޓޯލް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.

ހޮޓެލް އޭޝިއާގެ އޮފިޝަލަކު ބުނީ ކޮންމެ އަހަރަކު ބާއްވާ މި އެގްޒިބިޝަނަކީ އޭޝިއާ ބައްރުގެ ގައުމުތަކުން ވަރަށް ބޮޑަށް އިންތިޒާރު ކުރަމުން އަންނަ ފެއާއެއް ކަމަށާއި، މި ފެއާގެ ސަބަބުން އެކި ގައުމުތަކުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ކުންފުނިތަކުން ރާއްޖޭގައި އިންވެސްޓް ކުރުމުގެ ފުރުސަތު ފަހިވެގެންދާ ކަމަށެވެ.


މިއަހަރުގެ ހޮޓެލް އޭޝިއާގައިވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ޝެފުން ބައިވެރިވާ ކަލިނަރީ ޗެލެންޖުވެސް ކުރިއަށްދާނެއެވެ. އެ ޗެލެންޖު ކުރިއަށްދާނީ މިމަހުގެ 6 ވަނަ ދުވަހުގައެވެ. މި ޗެލެންޖަކީ ވޯލްޑް ޝެފްސް ޗެމްޕިއަންޝިޕްގެ ގޮތުގައި ބައެއް ޤައުމުތަކުން ސިފަކުރަމުން އަންނަ ޗެލެންޖެކެވެ. މި އަހަރުގެ ޗެލެންޖުގައި 70 ގައުމަކުން 400 ޝެފުން ބައިވެރިވާއިރު، ޗެލެންޖު ކުރިއަށް ދާނީ 22 ކެޓަގަރީއަކަށް ބަހާލައިގެންނެވެ. 


މި ޗެލެންޖަކީ ރާއްޖޭގެ ޒުވާން ޝެފުން ކުރިއެރުވުމުގެ ބޭނުމުގައި ކުރިއަށްގެންދާ ޗެލެންޖެއް ކަމަށް ހޮޓެލް އޭޝިއާއިން ބުނެއެވެ. މިއަހަރުގެ ޗެލެންޖުގައިވެސް ގިނަ އަދަދެއްގެ ދިވެހި ޝެފުން ބައިވެރިވާއިރު، މިއަހަރުގެ ޗެލެންޖު ޖަޖު ކުރާނީ 15 ގައުމެއްގެ 24 ޖަޖުންގެ ޕެނަލަކުންނެވެ.

"ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަނޭޝަނަލް ކަލްނަރީ ޗެލެންޖް 2019" ގެ މެއިން ސްޕޮންސަރު، ބެސްޓް ބައި މޯލްޑިވްސް އިން ބުނީ މި މުބާރާތުން ކަލްނަރީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ތަމްރީނު ކުރުމާއި، ވަޒީފާގެ ފުރުސަތުތައް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މުބާރާތުން އެންމެ މޮޅު ވަނަތައް ލިބޭ ފަރާތަތަކަށް ބީބީއެމްގެ ފަރާތުން ކަލްނަރީ ދާއިރާއިން ތަމްރީނުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.


ޔޫރަޕުގެ އުފެއްދުންތައް ވިއްކާ ބެސްޓް ބައި މޯލްޑިވްސްއިން އިން މި މުބާރާތުގެ ތެރޭގައި އަލަށް ތައާރަފުކުރާ ދެ ޕްރޮޑަކްޓެއް ވެސް ދައްކާލާނެ އެވެ. 

ހޮޓެލް އޭޝިއާ ފުރަތަމަ ރާއްޖޭގައި ބާއްވާފައިވަނީ 2000 ވަނަ އަހަރު އެވެ. މިއީ ރާއްޖޭގައި މިފެއާ ބާއްވަމުން އަންނަތާ 15 ވަނަ އަހަރެވެ. މިއަހަރުގެ ފެއާއަށްވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު