އަންނަ އަހަރު ނިމެންވާއިރަށް ތިލަފުށްޓަކީ ދުމުން ސަލާމަތްވެފައިވާ ރަށަކަށް ހަދާނަން: އެމްޑީ އިބްރާހިމް

ޢަލީ ޔާމީން

އަންނަ އަހަރު ނިމެންވާއިރަށް ތިލަފުށްޓަކީ ދުމުން ސަލާމަތްވެފައިވާ ރަށަކަށް ހަދާނެ ކަމަށް އެރަށުގެ ބެލެނިވެރިފަރާތް ކަމަށްވާ، ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވެއްޖެއެވެ.

މިރޭ ދަރުބާރުގޭގައި އެ ކުންފުނިން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ އިބްރާހިމް ވިދާޅުވީ، ތިލަފުށްޓަކީ ދުމުން ސަލާމަތްވެފައިވާ ރަށަކަށް ހެދުމުގެ މަސައްކަތް ސަރުކާރުގެ ބޮޑު މަޝްރޫއަކުން މިހާރު ކުރައްވަމުން އެބަ ގެންދަވާ ކަމަށާއި، އަންނަ އަހަރުގެ ޖުލައި، ސެޕްޓެމްބަރ ހިސާބަށްދާއިރު،  ތިލަފުށީގައި ދުމުގެ ކަންތައް ކަންކަން އެއްކޮށް ކެނޑިގެންދާނެ ކަމަށެވެ.

"އަޅުގަނޑަށް ވަރަށް ބޮޑަށް ސާފުވޭ ތިލަފުށީގެ ދުމުން ތިލަފުށި ސަލާމަތް ކުރަން ޖެހޭކަން. އިރާދަކުރެއްވިއްޔާ 2020 ވަނަ އަހަރު ނިމުމުގެ ކުރީގެ ތިލަފުށިން ދުން އެރުމުގެ ކަންކަން އެކީ އެކައްޗަކަށް ކެނޑިގެންދާނެ. އެއީ 165 މިލިއަން ރުފިޔާގެ ޕްރޮޖެކްޓަކުން ސަރުކާރުން އެކަން ހިންގަވަމުން އެބަ ގެންދަވާ. އިރާދަކުރެއްވިއްޔާ އަންނަ އަހަރުގެ ޖުލައި، ސެޕްޓެމްބަރ ހިސާބަށްދާއިރު ތިލަފުށީގައި ދުމުގެ ކަންތައް ކަންކަން އެއްކޮށް ކެނޑިގެންދާނެ" އެމްޑީ އިބްރާހިމް ވިދާޅުވިއެވެ.

މީގެ އިތުރުން އެމްޑީ އިބްރާހިމް ވަނީ ތިލަފުށީގެ މަގުތަކުގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން އެ މަގުތައް ވަނީ ވަރަށް ބޮޑަށް ހަލާލުވެފައި ކަމަށާއި، މަގުތައް ހަލާކުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މަގުތަކުގައި ހެވީ ވެހިކަލް ދުއްވުން ކަންވެސް އެބޭފުޅާ ފާހަގަކުރެއްވިއެވެ. އަދި މަގުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވެން ހުރި ކަންކަން ބަލަމުން އަންނަ ކަމަށް އެމްޑީ ފާހަގަކުރެއްވިއެވެ.

"ފުރަތަމަ ދުވަހު އަޅުގަނޑު ހިތައް އެރީ ހަމަ އަންނަގޮތަށް އައިސް މި މަގުތައް ހަދާފާނަމޭ. ތާރުއަޅާފާނަމޭ. ނަމަވެސް ގޮނޑީގައި އިށީގެ ކަންކަން ކުރެވެން އޮތް ގޮތެއް ބަލާލީމާ ކަންކަން ކުރެވޭނެ މަގު މިފެންނަނީ. މަސައްކަތް ކުރެވޭނެ ފަރާތްތަކާއި، މިކަން ކުރެވޭނެ ގޮތަކީ ކޮބާކަމާއި މެދު އަޅުގަނޑު މަޝްވަރާކޮށްލީމާ ހުރިހާ ބޭފުޅުންވެސް ވިދާޅުވަނީ ތިލަފުށީގައި ކުނިން ހިއްކާފައި އޮތް ހިސާބުތަކުގެ މަގުތަކުގައި ތާރު އެޅިޔަސް އެއީ ދެތިންމަސް ދުވަހުގެ ކަމެކޭ. އެމަގުތައް ހަލާލުވެގެންދާނެއޭ. ދެން ހެދޭނީ ކިހިނެތް ތޯ ސުވާލު ކުރީމާ ޖަވާބަކީ މުޅި މަގުތައް އެކީ އެކައްޗަކަށް ކޮނެ، ކުނި ނަގާ، ވެލިއަޅާ އެހެން ހަދައިގެންނޭ ރަނގަޅުވާނީ. އަޅުގަނޑަށް އެހާ ހިސާބުން މަސައްކަތުގެ ބޮޑުކަމާއި މެދު ވިސްނާލެވުނީ" އެމްޑީ އިބްރާހިމް ވިދާޅުވިއެވެ.

އަދި ތިލަފުށީގެ މަގުތަކުގެ ހާލަކު އަދަށް ވުރެ ރަނގަޅު ކުރުމަށް، އެރަށުގެ މަގުތައް ބެލެހެއްޓުމަށް ވެހިކަލްތަކެއް ގެނެވުމަށް އިއުލާން ކޮށްފައިވާނެ ކަމަށްވެސް އެމްޑީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބަޖެޓުކޮށް މިހާރު އޮންނާނެ، ދައުލަތުގެ ގެޒެޓުގައި ގްރޭޓަރ މާލޭގެ މަގުތައް ބެލެހެއްޓުމަށް ވެހިކަލްތައް ގެނެވުމަށް އިއުލާން ކުރެވިފައި. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 90 ވަރަކަށް ދުވަސް ގިނަވެގެން 100 ވަރަކަށް ދުވަހުގެ ތެރޭގައި ކޮންމެ ދުވަހަކީ ތިލަފުށީގެ މަގުތަކުގެ ހާލަތު އަޅުގަނޑުމެންގެ އަމިއްލަ ވެހިކަލްތަކުގައި، ސާމާނުތަކުގައި ރަނގަޅުކުރެވޭނެ" އެމްޑީ އިބްރާހިމް ވިދާޅުވިއެވެ.

ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަކީ ތިލަފުށި އަދި ގުޅީފަޅުގެ ބެލެނިވެރި ފަރާތެވެ. އެ ކުންފުންޏަކީ ބިން ކުއްޔަށް ދީގެން އާމްދަނީ ހޯދަމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނި ވުޖޫދަށް އައިސްފައިވަނީ 21 މާރިޗު 2018 ގައެވެ.

ކިޔުންތެރިންގެ ހިޔާލު