ހޮޓެލް އޭޝިއާ އެގްޒިބިޝަން ނައިބު ރައީސް ބައްލަވައިލައްވައިފި

ޢަލީ ޔާމީން
ފޮޓޯ: ރައީސް އޮފިސް

ހޮޓެލް އޭޝިއާ އެގްޒިބިޝަން އެންޑް އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް 2019، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ބައްލަވައިލައްވައިފިއެވެ.

މިމަހުގެ 7 ވަނަ ދުވަހުން 9 ވަނަ ދުވަހުގެ ނިޔަލަށް ދަރުބާރުގޭގައި ކުރިއަށްދިޔަ ފެއާ ބައްލަވާ ލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އިއްޔެ ހަވީރު ކުރެއްވި މި ޒިޔާރަތުގައި މައުރަޒުގެ އެކިއެކި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެސްޓޯލްތަކުން ލިބެންހުރި ފަތުރުވެރިކަމުގެ ދާއިރާގެ އެކިއެކި އުފެއްދުންތަކާއި ޚިދުމަތްތަކުގެ މަޢުލޫމާތު ހޯއްދެވިއެވެ.

ހޮޓެލް އޭޝިއާ އަކީ ރާއްޖޭގައި ބާއްވާ ފަތުރުވެރިކަމުގެ  އެންމެ ބޮޑު ފެއާއެވެ. މި ފެއާގައި ރިޒޯޓްތަކާއި ހޮޓާތަކާ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ތަކެތި ސަޕްލައި ކުރާ ފަރާތްތަކުން ޖުމްލަ 160 ސްޓޯލް ގާއިމުކޮށްފައިވެއެވެ.

މީގެއިތުރުން މި ފެއާގެ ތެރެއިން ކުރިޔަށްގެންދިޔަ އިންޓަރނޭޝަނަލް ކަލިނަރީ ޗެލެންޖް 2019ގައި 22 ގިންތިއަކުން 450 ޝެފުން ވަނީ އެމީހުންގެ ހުނަރުވެރިކަން ދައްކާލައިފައެވެ. މިއީ ފެއާ ބޭއްވި 15 ވަނަ ފަހަރެވެ. މި ފެއާގައި 45 ޤައުމަކުން ބައިވެރިވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު