މިމަސް ނިމޭއިރު މާލޭގައި ނުރައްކާތެރި ކެމިކަލް ރައްކާކުރާ ގުދަނެއް ނުހުންނާނެ: އެމްޑީ އިބްރާހިމް

ޢަލީ ޔާމީން
ފޮޓޯ: ސަންގު އެމްވީ ފޮޓޯ: ސަންގު އެމްވީ

މި ހިނގާ ޑިސެމްބަރު މަސް ނިމުމުގެ ކުރިން މާލޭގައި ހުރި ނުަރައްކާތެރި ކެމިކަލް ގުދަންތައް ތިލަފުށްޓަށް ބަދަލުކޮށް ނިމޭނެ ކަމަށް ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން ބުނެފިއެވެ.

ކެމިކަލް ގުދަންތައް ތިލަފުށްޓައް ބަދަލު ކުރަނީ ކެމިކަލް ގުދަނެއްގައި ރޯވެ ސެޕްޓެމްބަރ މަހުގެ ތެރޭގައި މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށްފަހު ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލުހު މާލެގެ ރައްޔިތުންނަށް ރައްކާތެރި ތަނަކަށް މާލެ ހަދާ ދެއްވާނެ ކަމަށް ވިދާޅުވުމާއި ގުޅިގެންނެވެ.

ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވީ، އެމްއެންޑީއެފުން އެ ކުންފުންޏަށް ފޮނުވާފައި އޮތް ލިސްޓާއި އެއްގޮތަށް ކެމިކަލް ގުދަންތައް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މިހާރު މިދަނީ ކެމިކަލް ގުދަންތައް ބަަދަލުކުރުމުގެ މަސައްކަތް ކުރަމުން. ކެމިކަލް ގުދަންތައް ބަދަލުމިކުރަނީ އެމްއެންޑީއެފުން އަޅުގަނޑުމެންނަށް ފޮނުވާފައި އޮތް ލިސްޓަކަށް ބަލައިގެން”

އެމްޑީ އިބޫ އިތުރަށް ވިދާޅުވީ، މި މަހުގެ 25 ވަނަ ދުވަހާއި ހަމައަށް މާލޭގައި މާލޭގައި ނުރައްކާތެރި ކެމިކަލް ރައްކާ ކުރާ ގުދަނެއް ނުހުންނާނެ ކަމަށެވެ. 

އަދި ރައްޔިތުންނަށް ހިދުމަތް ކޮށްދިނުމަށްޓަކައި އެ ކުންފުނި އަބަދުވެސް ދެމި އޮންނާނެ ކަމުގައި އެމްޑީ އިބްރާހިމް ވިދާޅުވިއެވެ.

"މިފަދަ ހައްސާސް މައްސަލައެއް ހައްލުކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށް، ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑަށް ފުރުސަތެއް ލިބުނީތީ އުފާކުރަން. މުސްތަޤުބަލުގައިވެސް ކުންފުނިން މަސައްކަތް ކުރާނީ ރައީސް ޞާލިހުގެ ވައުދުތައް ފުއްދުމަށް، ޤާނޫނާއި ޤަވާއިދާއި ކުންފުނީގެ އުސޫލުތަކުގެ ތެރެއިން އެންމެ އަވަސް ސްޕީޑުގައި. މި ކުންފުނީގެ މެނޭޖްމެންޓުން ޤާނޫނާއި ޤަވާއިދާއި ޚިލާފު އެއްވެސް ކަމެއް ނުކުރާނަން" އެމްޑީ އިބްރާހިމް ވިދާޅުވިއެވެ.

ޖީއެމްއައިޒެޑް ކުންފުނި އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ދާކަން ފާހަގަކުރައްވައި، އެމްޑި އިބޫ ވިދާޅުވީ، ކުންފުނިން އަބަދުވެސް ކުރިޔަށް ދާނީ ކުންފުނީގެ ހެދިފައި އޮންނަ އުސޫލުތަކާއި ޤަވައިދުތަކުގެ ތެރެއިން ކަމަށެވެ.

އެމްޑީ އިބްރާހިމް ވިދާޅުވީ، ކުންފުނީގެ މެނޭޖްމެންޓުން ޤާނޫނާއި، ޤަވާއިދާއި ޚިލާފަށް އުސޫލުން ބޭރުން ކަންކަން ކޮށްފައި ނުހުންނާނެކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު