އުރީދޫއިން ރާއްޖެއަށް "ވައިފައި ކޯލިންގް" ހިދުމަތް ތައާރަފްކޮށްފި

ޢަލީ ޔާމީން
ފޮޓޯ: ސަން ފޮޓޯ: ސަން

ރާއްޖޭގައި ފުރަތަމަ ފަހަރަށް ވައިފައި މެދުވެރިކޮށް ފޯނުކޮށްލެވޭ "ވައިފައި ކޯލިންގް (ވޮއިސް އޯވާ ވައިފައި) ގެ ހިދުމަތް އުރީދޫއިން ތައާރަފްކޮށްފި އެވެ.

ކަލާ ރަންއާ ގުޅުވައިގެން އުރީދޫން ބޭއްވި އުރީދޫ މިއުޒިކް ފެސްޓިވަލްގެ ތެރެއިން އެ ހިދުމަތް ރަސްމީކޮށް ތައާރަފްކޮށްފެއްވީ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު އެވެ.

އެ ހިދުމަތާ ގުޅޭގޮތުން އުރީދޫގެ ސީއީއޯ ނަޖީބް ހާން ވިދާޅުވީ، އެ ހިދުމަތް ތައާރަފްކުރުމާއެކު ބްރޯޑްބޭންޑް އަދި ސުޕަނެޓްގެ ވައިފައި ކަނެކްޝަން މެދުވެރިކޮށް ފަސޭހަކަމާ އެކު ފޯނު ކޮށްލެވޭނެ ކަމަށާއި ނަމަވެސް މި ހިދުމަތް ބޭނުން ކުރެވޭނީ އައިފޯން 11 އަދި ވާވޭ ޕީ30 ޕްރޯ ފަދަ އެންމެ ފަހުގެ ފޯނުތަކުން ކަމަށެވެ.

"މި ހިދުމަތް ބޭނުންކުރަން އިތުރު އަގެއް އުރީދޫއިން ނުނަގާނެ. މިހާރު ވެސް ފޯނު ކޯލުތަކަށް އުރީދޫއިން ޗާޖުކުރާ އަދަދު މި ހިދުމަތަށް ވެސް ޗާޖުކުރާނީ." ނަޖީބް ހާން ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި މިނިސްޓަރު މަލީހު ވިދާޅުވީ ރާއްޖޭގެ ޓެލެކޮމިއުނިކޭޝަންސް ކުންފުނިތަކުން ތައާރަފްކުރާ މިފަދަ ބޭނުންތެރި ހިދުމަތްތައް ފާހަގަ ކުރަން ޖެހޭ ކަމަށެވެ.

އުރީދޫއިން ބުނީ މާލެ ފަދަ ކައިރި ކައިރީގައި އިމާރާތްތައް ހުންނަ ތަނެއްގައި މި ހިދުމަތަކީ ވަރަށް ބޭނުންތެރި ހިދުމަތަކަށް ވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު
އަޖުމަ
ތި،ކަމެއްނޫން ރައްޔިތުން ބޭނުންވަނީ. އެކަމަކު، ޚިދުމަތުގެ އަގު ރަނގަޅުކޮށް އިންޓަނެޓްގެ ބޭންޑްވިތު ބޮޑުކޮށް ސްޕީޑް އަވަސްކުރުން. 5ޖީ ތައާރަފުވެގެން އަންނައިރު ހަގީގީ ސްޕީޑް ލިބުން. އަދި ކަސްޓަމަރ ސަރވިސް ސެންޓަރުގެ ފެންވަރު ރަނގަޅުކުރުން.