މިދިޔަ މަހު ދައުލަަތަށް 1.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް

މޫސާ ހުސެއިން

މިދިޔަ މަހު ދައުލަަތަށް 1.4 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަން، މޯލްޑިވްސް އިންލެެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކާފިއެވެ.

މީރާއިން އާންމުކުރި މިދިޔަ މަހުގެ ތަފާސް ހިސާބު ދައްކާ ގޮތުން، މިދިޔަ މަހު ލިބުނު އާމްދަނީއަކީ ލަފާކޮށްފައިވާ މިންވަރަށް ވުރެ އެއް ޕަސެންޓް ދަށް އަދަދެއް ކަމުގައިވީނަމަވެސް އެއީ 2017 ވަނަ އަހަރާ އަޅާ ބަލާއިރު 4.5 ޕަސެންޓް އިތުރުވުމެއް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

މިދިޔަ މަހުގެ  އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރީ ޖީއެސްޓީންނެވެ. 630 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ލިބުނުއިރު، އެއީ ޖުމުލަ އާމްދަނީގެ 43 ޕަސެންޓެވެ.

ދެވަނައަށް އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުން ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީ އެވެ. އެގޮތުން 352 މިލިއަން ރުފިޔާ މީރާ އަށް ލިބިފައިވެއެވެ.

މީރާއިން ބުނިގޮތުގައި ލަފާކުރި މިންވަރަށް ވުރެ މިދިޔަ މަހުގެ އާމްދަނީ މަދުވީ ފަތުރުވެރިކަމުން ބިމު ކުލީގެ ގޮތުގައި ބައެއް ފަރާތްތަކުން ދައްކަންޖެހޭ ފައިސާ ނުދެއްކުމެވެ.

މިދިޔަ މަހު ލިބުނު 1.4 ބިލިއަން ރުފިޔާގެ ތެރެއިން އެއް ބިލިއަން ރުފިޔާ ލިބުނީ އެމެރިކާ ޑޮލަރުން ކަމަށްވެސް އެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކިޔުންތެރިންގެ ހިޔާލު