ގޭބިސީތަކުގައި ސޯލަރ ޕެނަލް ހަރުކުރަމަށް ސްޓެލްކޯއިން ހުޅުވާލައިފި

ނަފްހާ ހަމީދު
ސޯލާ ޕެނަލްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސްޓެލްކޯ ސޯލާ ޕެނަލްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ސްޓެލްކޯ

ކަރަންޓުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ސްޓެލްކޯ އިން ކުރިއަށްގެންދާ "ގްރީން ލައިޓް އިނީޝިއޭޓިވް" ގެ ދަށުން އިންސްޓޯލްމަންޓަށް ސޯލާ ޕެނަލް ހަރުކޮށްދޭން ފަށައިފި އެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޚިދުމަތް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހަސަން މުޢުނީ އެވެ. ސްޓެލްކޯގެ މުވައްޒަފުންނަށް އެންމެ ފުރަތަމަ މި ޚިދުމަތް ފަށަން ނިންމާފައިވާއިރު ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާންމުންނަށް ޚިދުމަތަށް އެދުމަށް ހުޅުވާލާނެ އެވެ.

ސްޓެލްކޯއިން އިތުރަށް ހާމަކުރާ ގޮތުގައި އިންސްޓޯލްމަންޓަށް ކުޑަ އަގެއްގައި ލިބޭ އެޕެނަލްތައް ހަރު ކުރުމުގެ ހުރިހާ މަސައްކަތެއް ކުރަން ހަމަޖެހިފައިވަނީ އެ ކުންފުނިންނެވެ. އަދި މުވައްޒަފުންނާއި އެއް އަގެއްގައި އާންމުންނަށްވެސް ސޯލާ ޕެނަލް ގަތުމުގެ ފުރުސަތު މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ މަހުގެ ކުރީކޮޅު ހުޅުވާލެވިގެންދާނެކަމަށް އެފަރާތުން މަޢުލޫމާތު ދެއެވެ.

މި ހިދުމަތާ ގުޅޭ ގޮތުން އާއްމުނަށް މައުލޫމާތު ދިނުމަށް ސްޓެލްކޯގެ ތިރީގައި ސެންޓަރެއް ހުޅުވާނެ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. މި ސެންޓަރަށް ޒިޔާރަތް ކުރުމުން އެ ގެއެއްގައި ސޯލާ ޕެނަލް ހަރު ކުރެވޭނެ ގޮތަކާ ގުޅޭ ގޮތުން ލަފާ ދޭނެ އެވެ. 

ޚިދުމަތަށް އެދުމުގެ ގޮތުން 5000.00 ރުފިޔާގެ ޑިޕޮސިޓެއް ދައްކަންޖެހޭނެކަމަށް ސްޓެލްކޯއިން ބުނެއެވެ. އަދި މީގެ އިތުރުން ވެރިފަރާތުން ދައްކަންޖެހޭނީ ހަމައެކަނި ފައިސާ ކަމަށާއި ޕެނަލް ހަރުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްޓެލްކޯއިން ކަމަށް އެފަރާތުން ހާމަކުރެއެވެ. އަދި މުޅި ސޯލާ ޕެނެލްގެ އަގަކީ 30,000.00 ރުފިޔާ ކަމަށާއި އިންސްޓޯލްމަންޓް ސްކީމަކަށް ކުޑަ އަގެއްގައި ފައިސާ ދެއްކޭނެ ކަމަށް މުޢުނީ ވިދާޅުވިއެވެ.

އަތޮޅުތަކަށް މިޚިދުމަތް ފުޅާކުރާނެކަން ފާހަގަކުރައްވައި މުޢުނީ ވިދާޅުވީ މިފުރުސަތު ފުރަތަމަ މާލެސިޓީއަށް ހުޅުވާލި ކަމުގައި ވިޔަސް، ކައިރި މުސްތަގުބަލެއްގައި އަތޮޅުތަކަށް މިޙިދުމަތް ފުޅާކުރާނެ ކަމަށެވެ. އަދި ވިދާޅުވީ މާލެއާއި އެއް އަގެއްގައި އަތޮޅުތަކަށް މިޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޢުނީ އިތުރަށް ވިދާޅުވީ އެކުންފުނިން ފޯރުކޮށްދޭ ހުރިހާ ޕެނަލްތަކަކީ ވެސް ކުންފުނިން ޓެސްޓުކޮށް ދުނިޔޭގެ މަގުބޫލުކަން ހޯދާފައިވާ ޕެނަލްތަކެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު
ސޯލާ
އަ ހަރުމެން ޕެނަލް ބޯޑު އަމިއްލައަށް ހޯދިޔަސް ހަރުކޮށްދީފާނަންތަ؟؟