ކޮރޯނާވައިރަހާއި ގުޅިގެން އައިޓީބީ ފެއަރ ކެންސަލްކޮށްފި

އައިމިނަތު ޔުމްނާ
އައިޓީބީ ބަރލިން ފެއަރގެ ތެރެއިން އައިޓީބީ ބަރލިން ފެއަރގެ ތެރެއިން

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަލުވިކަމާއެކު ނުރައްކާތެރި ކޮރޯނާވައިރަސް ފެތުރެމުންދާތީ، ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގެ އެންމެ ބޮޑު ފެއަރ، އައިޓީބީ ބާރލިން 2020 ކެންސަލްކުރުމަށް ނިންމައިފިއެވެ.

މިފެއަރއަށް ޒިޔާރަތްކުރާ މެހެމާނުންނާއި، މުވައްޒަފުން އަދި ބައިވެރިވާ ފަރާތްތަކުގެ ރައްކާތެރިކަމާ ދުޅަހެޔޮކަމަކީ އެބޭފުޅުން ސީރިއަސްކަމާއެކު ނަންގަވާ ކަމެއްކަމަށާއި ހުރިހާ ބޭފުޅުންގެ ސިއްހީ ސަލާމަތްތެރިކަން ކަށަވަރު ކުރަން ޖެހޭ ވަގުތަކަށްވާތީ އައިޓީބީ ފެއަރ 2020 ކެންސަލް ކުރަން ނިންމާފައިވާކަމަށް މެސް ބަރލިންގެ އޯގަނައިޒަރުންގެ ޗެއަރމަން ކްރިސްޓިއަން ގޯކޭ ވަނީ ވިދާޅުވެފައެވެ.

މާރޗް 4-8 ކަށް މިފެއަރ ބޭއްވުމަށް ކުރިން ހަމަޖެހުނުނަމަވެސް، ޖަރުމަނުގައި ހުކުރު ދުވަހާއި ހަމައަށް 60 މީހަކަށް މިވައިރަސް ޖެހިފައިވާކަން ކަށަވަރުވެފައިވާއިރު އެ ބައްޔަށް ޝައްކު ވެގެން 1،000 އެއްހާ މީހުން ކަރަންޓީނުކޮށްފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

އައިޓީބީ ފެއަރއަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ގިނަ ފަރާތްތައް ވެސް ބައިވެރިވާ ފެއަރއެކެވެ. ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރާ ކުންފުނި، އެމްއެމްޕީއާރުސީއިން މައުލޫމާތުދީފާވާގޮތުގައި މިއަހަރުގެ ފެއާގައި ރާއްޖެއިން 99 ކުންފުންޏަކުން 244 ފަރާތެއް ބައިވެރިވާން ހަމަޖެހިފައިވެ އެވެ.

1966 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޓުއަރިޒަމް ސިނާއަތުގެ މިފެއަރ އަކީ ފަތުރުވެރިކަމުގެ މަންޒިލްތައް އިޝްތިހާރު ކުރުމާއި އެ ދާއިރާއާ ގުޅޭ އެންމެ މުހިންމުފެއާ އެވެ. މިއީ 54 އަހަރުގެ ތެރޭގައި މިފެރ ކެންސަލް ކުރެވުނު ފުރަތަމަ ފަހަރެވެ. އަައިޓީބީ ފެއަރ އަކީ ގާތްގަނޑަކަށް 180 ޤައުމަކުން، ފަތުރުވެރިކަމާ ގުޅޭ 10،000 އޯގަނައިޒޭޝަން ބައިވެރިވާ، 100،000 އަށްވުރެން ގިނަ މީހުން ޒިޔާރަތްކުރާ ފެއަރއެކެވެ.

މިފެއަރގެ އިތުރުން މޭމަހު ޗައިނާގައި ބޭއްވުމަށް ނިންމާފައިވާ އައިޓީބީ ފެއަރވެސް މިހާރުވަނީ ކެންސަލްކޮށްފައެވެ. 

އައިޓީބީ ބަރލިން ފެއަރ ކެންސަލްކުރުމަށް ނިންމާފައިމިވަނީ އެކަމަށް ބާރުއަޅާ ސޯޝަލްމީޑީއާގައި ގިނަބަޔަކު އަޑުއުފުލާފައި ވަނިކޮށެވެ.


ކިޔުންތެރިންގެ ހިޔާލު