ކޮވިޑް-19: ޖީއޭއެމްގެ ތައުރީފު ސަރުކާރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކަށް

އައިމިނަތު ޔުމްނާ
ރާއްޖޭގެ ގެސްޓްހައުސް އެއް ރާއްޖޭގެ ގެސްޓްހައުސް އެއް

ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 އާއި ދެކޮޅަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް މަރުހަބާ ކިޔާ ކަމަށް ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) ގެފަރާތުން ވަނީ ވިދާޅުވެފައެވެ.

ޖީއޭއެމް ނެރުނު ބަޔާނެއްގައިވަނީ ރާއްޖެއިން ކޮވިޑް-19 ފެނިފައިވާ މިދަނޑިވަޅުގައި ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު އާއި ޓުއަރިޒަމް މިނިސްޓްރީއާއި ދައުލަތުގެ މުވައްސަސާ ތަކުން މިވައިރަސް އާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ފާހަގަ ކުރައްވާ ޝުކުރުއަދާކޮށްފައެވެ.

ޖީއޭއެމްއިން ފާހަގަ ކޮށްފައިވާ ބައެއް ކަންކަމުގެ ތެރޭގައި ކޮވިޑް-19 ގެ އަލާމާތްތައް ފެންނަ ފަރާތްތައް ކަރަންޓީން ކޮށް ފަރުވާދިނުމުގެ އިންތިޒާމްތައް ހަމަޖެއްސުމުގެ ގޮތުން ކ.ފަރުކޮޅުފުށީގައި ގާއިމް ކުރެވިފައިވާ ކަރަންޓީން ފެސިލިޓީއާއި ކ.އަތޮޅު ވިލިވަރުގައި ޓޫރިޒަމް ޓްރަސްޓްފަންޑުން ހަރަދުކޮށްގެން 10 ދުވަސްތެރޭގައި 30 ކޮޓަރީގެ ފެސިލިޓީއެއް ޤާއިމު ކޮށްފައިވާތީވެ އެކަން ވަނީ އުފަލާއި އެކު ފާހަގަ ކުރައްވާފައެވެ. 

މީގެއިތުރުން ކޮވިޑް-19 ގެ އަލާމާތްތައް ހުރި ފަރާތްތައް ފާހަގަ ކުރުމަށް އެއަރޕޯޓުން ސްކްރީން ކުރުމަށް ތަރމަލް ކެމެރާ ކުޑަމުއްދަތެއްގެ ތެރޭގައި ބަހައްޓާފައިވާކަން ވަނީ ފާހަގަ ކުރައްވާފައެވެ. 

މިކަންކަން އިންތިޒާމްކޮށް ހަމަޖެއްސުމަށް ޓަކައި ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ، ހެލްތު މިނިސްޓަރ އަމީން ، ހެލްތު ޕްރޮޓެކްޝަން އެޖެންސީ ނޭޝަނަލް ޑިޒާސްޓަރސް މެނޭޖްމަންޓް އަދި ސަރުލާރުގެ އެންމެހާ އިދާރާތަކުން ކުރައްވަމުންގެންދަވާ ބުރަމަސައްކަތަށް ފާހަގަކޮށް ޖީއޭއެމްއިން ވަނީ ޝުކުރުއަދާކޮށްފައެވެ.

ޖީއޭއެމްގެ ބަޔާނުގައި ވަނީ މިނާޒުކު ދަނޑިވަޅުގައި ގެސްޓުހައުސްތަކަށް ބޭނުންވާ އެންމެހާ އެހީތެރިކަމަށް ސަރުކާރުގެ އިދާރާތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ. އޭގެތެރޭގައި ޓޫރިޒަމް މިނިސްޓްރީއަށް ގެސްޓުހައުސްތަކުން ދުވަހުންދުވަހަށް ފޮނުވަންޖެހޭ މައުލޫމާތު ލިބޭކަން ކަށަވަރުކުރުމާއި މައުލޫމާތު ފޮނުވަންޖެހޭ އީމެއިލްތަކަށް ދުވަހުން ދުވަހަށް އިޖާބަ ދިނުމާއި، މުހިންމު ދަނޑިވަޅުތަކުގައި ގުޅަން ކަނޑައަޅާފައިވާ ނަމްބަރުތަކާއި ހޮޓްލައިން ތަކަށް އިޖާބަދިނުން ހިމެނެއެވެ.

ގެސްޓްހައުސް އެސޯސިއޭޝަނުންވަނީ މިދަނޑިވަޅުގައި ކޮވިޑް-19 އިތުރަށް ފެތުރުނަ ނުދިނުމަށް ރާއްޖޭގެ ގެސްޓުހައުސްތައް ހިންގަވާ ފަރާތްތައް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދިފައެވެ. އެގޮތުން ސަރުކާރުގެ އިދާރާތަކުން ދެއްވަމުން ގެންދަވާ އިރުޝާދުތަކަށް ފުރިހަމައަށް އަމަލުކުރުމަށާއި އަނގަމުންގެންދާ އެންގުންތަކަށް އެންމެ ފުރިހަމައަށް އިޖާބަދިނުމަށް ވަނީ އެދިފައެވެ.

އަދި ގެސްޓުހައުސްގައި ތިބި ފަތުރުވެރިންގެ މައުލޫމާތާއި ބުކިންގ ކެންސަލް ވަމުންދާ މިންވަރާ ގުޅޭ ތަފްސީލް ދުވަހުން ދުވަހަށް ޓުއަރިޒަމް މިނިސްޓްރީއަށް ހިއްސާކުރަމުން ދިއުމަށާއި ކޮވިޑް-19 ގެ އެއްވެސް އަލާމާތެއް ފާހަގަކުރެވި ނުވަތަ ފެނިއްޖެނަމަ އެޗްޕީއޭއިން ނެރެފައިވާ އެސް އޯ ޕީ ގައި ހިމެނިފައިވާ އެންމެހައި ފިޔަވަޅުތަކެއް ތަންފީޒުކޮށް އެކަންކަން އެންމެ ފުރިހަމައަށް ބެލެހެއްޓޭކަން ކަށަވަރުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.  

އަދި ސަރުކާރުން މިވައިރަސް އިން ސަލާމަތްވުމަށް އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ގެސްޓް ހައުސް ތަކުން ވީހާވެސް ބޮޑަށް އެއްބާރު ލެއްވުން ދެއްވާ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ޖީއޭއެމް ގެ ފަރާތުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު