ސިމްޑީ ޑީޑީ ހުރީ އަމިއްލަ ޖީބުންވެސް މުސާރަ ދޭ ގޮތަށް

ކޮރޯނާވައިރަހުގެ ބަލިމަޑުކަން، ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް އަސަަރުކުރިޔަސް، މުވައްޒަފުންގެ މުސާރަ ނުކަނޑާނެ ކަމަށާއި، އަމިއްލަ ޖީބުން މުސާރަ ދޭން ޖެހުނަސް ދޭން ތައްޔާރަށް ހުންނެވި ކަމަށް ސިމްޑީ ގްރޫޕުގެ ވެރިޔާ އިބްރާހިމް މުހައްމަދު ދީދީ (ސިމްޑީ ދީދީ)ވިދާޅުވެއްޖެއެވެ.
މިކަމާއި ގުޅިގެން ގިނަބަޔަކު ދަނީ ސިމްޑީ ދީދީއަށް ތައުރީފް ކުރަމުންނެވެ. އޭނާގެ ނިންމުންތަކަކީ އެހެން ވިޔަފާރިވެރިން ނަމޫނާއެއްގެ ގޮތުގައި ބަލަން ޖެހޭ ކަމެއް ކަމަށް ބައެއް މީހުން ދަނީ ބުނަމުންނެވެ.
ސިމްޑީ ގްރޫޕުގައި މަސައްކަތް ކުރާ މުވައްޒަފުން މި ދަނޑިވަޅުގައި ކުރަމުންދާ މަސައްކަތް ފާހަގަކޮށް އިއްޔެ ޑީޑީ ވިދާޅުވީ، މިހާރު އެހެން ބައެއް ވިޔަފާރިތަކުން މުވައްޒަފުންގެ މުސާރަ ކަނޑަމުންދާ ކަމަށާއި އެހެންނަމަވެސް، އޭނާގެ ކުންފުނި އާދައިގެ މަތިން އޮޕަރޭޓުކޮށް، ކޮންމެ މުވައްޒަފަކަށް މިހާރުވެސް ދެމުންދާ މުސާރަ ބަރާބަރަށް ދޭން އަންގާފައިވާނެ ކަމަށެވެ. ޑީޑީ ވިދާޅުވީ، މުވައްޒަފުންނަށް ފުރިހަމަ މުސާރަ ދީގެން ވިޔަފާރިއަކަށް ގެއްލުންވާނަމަ އޭނާ ރައްކާކޮށްފައި ހުރި ފައިސާވެސް ބޭނުންކުރައްވާނެ ކަމަށެވެ.
ޑީޑީގެ ޕޯސްޓުގައި ވަނީ އޭނާއަށް އެންމެ މުހިންމީ މުވައްޒަފުން ކަމަށާއި މުވައްޒަފުންނާ ނުލައި ކުންފުނި މަސައްކަތް ނުކުރާނެކަން ފާހަގަކުރައްވާފައެވެ.
ކޮރޯނާވައިރަސްގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު، ރާއްޖެއަށް ފަތުރުވެރިން އަންނަ މިންވަރު ވަނީ ބޮޑުތަނުން ދަށަށް ގޮސްފަ އެވެ. ޓޫރިޒަމަށް ބަރޯސާވެފައިވާ ދިވެހި އިގުތިސާދަށް އެކަމުގެ ނޭދެވޭ އަސަރު ދަނީ ކުރަމުންނެވެ.