އެސްޑީއެފްސީގެ ލޯނުތައް ފަސްކުރަން ހުށަހަޅަން ހުޅުވާލައިފި

އެސްޑީއެފްސީ އެސްޑީއެފްސީ

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފައިވާ ލޯނުތައް ފަސްކޮށްދޭން ހުށަހެޅުމަށް ހުޅުވާލައިފިއެވެ. 

އެސްޑީއެފްސީއިން ވަނީ މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ލޯނުތައް ދެއްކުން މިއަހަރުގެ ނިޔަލަށް ފަސްކޮށްދީފައިވާ ކަމަށް ހާމަކޮށްފައެވެ. އެ ކުންފުނިން ލޯނުތައް ދެއްކުމަށް މީގެ ކުރިން ދީފައިވާ ލުއިތައް މި މަހަށް ހަމަވެއެވެ. 

އެ ބެންކުން ނެރުނު ބަޔާނެއްގައި ވަނީ ލޯނު ފަސްކޮށްދިނުމަށް އެދި ހުށަހެޅޭނީ އެ ބެންކުގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލްއިން ކަމަށެވެ. އަދި ސެެޕްޓެމްބަރު 25 ވަނަ ދުވަހުގެ ކުރިން ލޯނުތައް ފަސްކޮށްދިނުމަށް އެދެން ޖެހޭނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ހުށަނާޅާނަމަ ބެލެވޭނީ އެފަރާތްތަކުން މޮރޮޓޯރިއަމްގެ ހިދުމަތް ބޭނުންނުވާ ކަމުގައި ކަމަށް އެސްޑީއެފްސީއިން ވަނީ ބުނެފައެވެ. އަދި އެ ލޯންތަކުން މަހުން މަހަށް ދައްކަން ޖެހޭ ފައިސާ ސެޕްޓެމްބަރު މަހުން ފެށިގެން ދައްކަން ޖެހޭނެ ކަމަށް ވެސް އެސްޑީއެފްސީއިން ވަނީ ބުނެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ގިނަ ބަައެއްގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެ، ގިނަ ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންވެފަ އެވެ. އެ މައްސަލަ ހައްލު ކުރުމަށް ސަރުކާރުން ވަނީ ވިޔަފާރިތަކަށް އެހީވާ ހާއްސަ ސްކީމްތައް ތައާރަފްކޮށްފަ އެވެ.

އެސްޑީއެފްސީއަކީ މި ސަރުކާރުގެ ވައުދެއްގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ މަގު ހަމަޖެއްސުމަށްޓަކައި އުފައްދާފައިވާ ކުންފުންޏެކެވެ.

ކިޔުންތެރިންގެ ހިޔާލު