ރާއްޖެ - އިންޑިއާ ފެރީއާ ގުޅޭގޮތުން ވިޔަފާރިވެރިންނަށް މައުލޫމާތު ދެނީ

ކާގޯ ފެރީގެ ހިދުމަތްދޭ ބޯޓު ކާގޯ ފެރީގެ ހިދުމަތްދޭ ބޯޓު

ރާއްޖެއާ އިންޑިއާ އާ ދެމެދު ފެށުމަށް ހަމަޖެހިފައިވާ ކާގޯ ފެރީގެ ހިދުމަތާއި ގުޅޭގޮތުން މައުލޫމާތު ބައްދަލުވުމެއް ބޭއްވުމަށް ނިންމައިފިއެވެ. 

ބިޒަނަސް ސެންޓަރ ކޯޕަރޭޝަނުން މައުލޫމާތު ދޭގޮތުގައި މި ބައްދަލުވުމުގައި އިންޑިއާ ހައި ކޮމިޝަނާއި، ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާގެ އިތުރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑެވެލޮޕްމަންޓްގެ ފަރާތުން ބައިވެރިވާނެއެވެ. މި ބައްދަލުވުން އިންތިޒާމް ކުރަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަނާއި އިންޑިއާގެ ޝިޕިން ކޯޕަރޭޝަން ގުޅިގެންނެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 17 ސެޕްޓެމްބަރު މަހުގެ 14:00 ގައެވެ. 

ވެބިނަރ އެއްގޮތަށް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ މި ބައްދަލުވުމުގައި ރާއްޖޭއިން މުދާ އެކްސްޕޯޓް ކުރާ ފަރާތްތަކާއި ރާއްޖެއަށް މުދާ އިމްޕޯޓްކުރާ ފަރާތްތަކުން ބައިވެރިވުމުގެ ފުރުސަތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވަނީ މިހާރު ހުޅުވާލާފައެވެ. 

ރާއްޖެއާ އިންޑިއާ އާ ދެމެދު ފެރީގެ ހިދުމަތް ބާއްވަން ނިންމާފައިވަނީ މާލެ އަދި ކުޅުދުއްފުއްޓާއި އިންޑިއާއިން ކޮޗިން އަދި ޓިޓުކޮރިން ބަނދަރާ ދެމެދުއެވެ. 

ދެގައުމުގެ މެދުގައި މިފަދަ ކާގޯ ފެރީގެ ހިދުމަތެއް ފެށުމަށް ސޮއިކޮށްފައިވަނީ މިދިޔަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. މި ފެރީގެ ދަށުން ފުރަތަމަ ބޯޓު މި މަހުގެ 21 ވަނަ ދުވަހު ޓީޓުކޮރިންއިން ރާއްޖެއަށް ނައްޓާލާނެއެވެ. މި ބޯޓު އޮޕަރޭޓް ކުރަނީ ޝިޕިން ކޯޕަރޭޝަން އޮފް އިންޑިއާއިންނެވެ. މި ބޯޓުން 20 ފޫޓުގެ 380 ކޮންޓައިނަރު އަދި 3000 މެޓްރިކް ޓަންގެ ބަލްކް ކާގޯ އުފުލާނެއެވެ. 



ކިޔުންތެރިންގެ ހިޔާލު