ހިތުން ނުފިލި ކުކުޅު ކެޔުން

ޙުސެއިން ޝާހް

އަޒީޒުގެ އަނބި ޝަފާއަކީ ވަރަށް މީރުކޮށް ކައްކާ މީހެކެވެ. އެކަން ނުދަންނަ ގާތް މީހަކު ނެތެވެ. އަދި އަޒީޒަށް ބަލާލުމުންވެސް އެކަން އެނގޭހާވެއެވެ. ދުވަސްގަނޑަކަށް ފަހު އަޒީޒް އޭނާ ރަށު އުޅުނު އިރުގެ ދެ ރަހުމަތްތެރިންނާ ދިމާވީ މާރުކޭޓު ސަރަހައްދުންނެވެ. ތިން ރަހުމަތްތެރިން އެރީ ކޮފީ އަކަށެވެ. އެކިއެކި ވާހަކައިގެ ތެރެއިން އަޒީޒް އޭނަގެ އަންހެނުންގެ ކެއްކުމުގެ ކުޅަދާނަ ވާހަކަ ފަށައިފިއެވެ.

" ދެން ވަކި އެއްޗެއް ނެތް. ޝަފާ ކެއްކި އެއްޗެއް ކާލެވޭއިރު ނޭނގޭނެ އިނގިލިކޮޅު ކާލެވުނަސް. ހާދަހާ މީރޭ. ބިރިޔާނި ކުކުޅު ބީފް އެއްޗެހި ހަދާލާއިރު ދެން ބުނާނެކަމެއްނެތް. މުޅި ހިސާބުގަނޑު މީހުން ބަނޑު ފުރޭނެ ދުވާ މީރު ވަހުން."

" މަގޭ އަނބިގޮއްޔެ ތީގެ އަނެއް ކޮޅު. ކައްކަން އެނގޭނީ ބަދިގެއަށް ވަންނަ ނަމަ އެއްނު ". އިސްހާގަކީ ކެއުމަށް ފޯރި ހުންނަ މީހަކަށް ވުމުން ބުނެލީ ކައިވެނި ކުރެވުނު މޮޔަ ހީވެފައި އިންކަހަލަ ގޮތަކަށެވެ.

"އަޅެ މާދަމާ ހުކުރެއްނު. ގެއަށް ޖައްސާލަބަލަ ޝަފާ ހަދާލާ ކުކުޅުގެ ރަހަބަލާލަން. އިސްހާގު ނުވެސް ކާނެ އިތުރު އެއްޗެއް. " އަޒީޒް އިތުރަށް ފޯރިލާފައި ދައުވަތުދިނެވެ.

"ބަލަ މަށަށް ދައުވަތެއް ނުދެންތަ. މަވެސް ދާނަން. ކުޅު ދިޔާވެއްޖެ މިހާރުވެސް." ނޫރު އަޑު އަހަން އިނދެފައި ބުނެލިއެވެ.

" ނޫނޭ ނޫރުވެސް އަންނަން ވާނެ. " އަޒީޒް ހިނިގަނޑެއް ޖަހާލާފައި ނޫރު ކޮނޑުގައި ޖަހާލިއެވެ. އެވަގުތު އިތުރަށް މަޑުކުރެވެން ނެތުމުން ތިން ރަހުމަތް ތެރިން ވަކިވީ މާދަމާ ބައްދަލުވާނެ ކަމުގެ އުއްމީދާއި އެކުގައެވެ.

ހުކުރު ދުވަހަށް އިރު އަރައި އަލިވެއްޖެއެވެ. އިސްހާގަކީ ވަރަށް ގަދައަށް ހެދުނުގެ ސައިބޯ މީހެއް ކަމަށް ވިޔަސް އެދުވަހަކު ކެއީ ވަރަށް މަދުންނެވެ.

" ރޭ ހުވަފެނެއް ފެނުނީތަ ނުކައި ތިޔަދަނީ؟ " އަންހެނުން ހައިރާން ވެލާފައި ސުވާލު ކޮށްލިއެވެ.

" ނޫނޭ. މެންދުރު އެބައޮތް ގެއަކުން ރަނގަޅު ކެއުމަކަށް ދައުވަތު ދީފަ. ގިނައިން ކައިފިއްޔާ މެންދުުރު ރަނގަޅަށް ކައި ނުލެވޭނެ."

އިސްހާގު ބަދިގެއިން ނުކުމެ ނޫރު އަށް ގުޅައި ކާން ދާން ޖެހޭކަން ހަދާން ކޮށްދިނެވެ. ހުކުރު ވަގުތު ގާތްވެގެން އައި އިރު އިސްހާގު ހުރީ ހައިވެގެން ބުރާންތި އަރާ ވަރު ވެފައެވެ. އިސްހާގުގެ ބޮޑު ބަނޑުވެސް ހުރީ ހިނދިފައެވެ. އެހެން ނަމަވެސް އަޒީޒުމެން ގެއިން ނޫނީ ދެން ނުކާން ވެގެން ފެންވަރާ ލައިގެން ހުކުރަށް ހިނގައްޖެއެވެ. ހުކުރު ނަމާދު ނިމުމާ އެކު ބޭރަށް ނިކުމެ ނޫރު އަށް ލަސް ނުކޮށް ގުޅައިފިއެވެ. މިދަނީ އޭ ބުނެ ފޯނު ކަނޑާލައި އިސްހާގު ހުރި މިސްކިތް ދޮށަށް ނޫރުއަށް އާދެވުނީ ދިހަވަރަކަށް މިނެޓް ފަހުންނެވެ. ބަނޑުހައި ވެފައި ހުރިވަރުން އިސްހާގު ހިތްހަމަ ނުޖެހުން ފާޅު ކުރިއެވެ.

ދެމީހުން އެކުގައި ގޮސް އަޒީޒް އުޅޭ ފަންގިފިލާގެ ބެލް ޖަހާލައިފިއެވެ. ދޮރު ހުޅުވައިލީ އަޒީޒެވެ. ގޭތެރެއިން ދުވި މީރުވަސް ގަނޑު ނޭފަތު ޖެހި އިސްހާގު ގެ ބަނޑުން އަޑު ކިޔާލިއެވެ.

" އަހަ. މިތިބަ އައީނު. މާ ލަހުން ތި އައީ. މަ މި ނިންމާލީ މިހާރު. ގެއަށް އައިސް ނުހުރެވުނު ނުކައެއް. އާދޭ އަވަހަށް އެތެރެއަށް. "

ގަދަޔަށް ކައިލައިގެން އަޒީޒް ހުރީ ބަނޑު ފުއްޕާލާފައެވެ. ދެ އެކުވެރިން ގެއަށް ވައްދައި ސޯފާގައި އިށީންނަން ތަން ދައްކައިފިއެވެ.

" ޝަފާ މިވަތު ގެއަކު ނެތް. ހިނގައްޖެ ހުޅުމާލެއަށް ރައްޓެހިން ކޮޅަކާއި އެކު ދެންމެ. "

އަޒީޒް ދެފަޔަށް ބާރުލާފައި ހިނގާފައި ގޮސް ބަދިގެ ބަޔަށް ވަދެގެން ހިނގައްޖެއެވެ. ކާން ގޮވާލާނެ އިރަކަށް ކެތް މަދުވެފައި އިސްހާގު އިންދައި އަޒީޒް އައީ ދެތައްޓަށް ދެ ކުކުޅު މަސްކޮޅު ލައިގެނެވެ.

" އަޅެ ނިކަން ރަހަބަލާލަބަލަ. "

ދެމީހުންގެ އަތަށް ދެތަށި ދީފައި އަޒީޒް ދުރަށް ޖެހިލައި ހެވިފައި ބަލަން ހުއްޓެވެ. އެމީހުންގެ ތައުރީފް އަޑު އަހާ ހިތުން އަޒީޒް ހުރީ ކެތްމަދުވެފައެވެ. ދެ އެކުވެރިންގެ މޫނުމަތިގެ ކުލަވަރު ދިޔައީ ބަދަލު ވެގެންނެވެ. ބަލައިލެވުނީ އެކަކު އަނެކެއްގެ މޫނަށެވެ.

" ތި މީރުވާނެ. ކާލަބަލަ "

ދެމީހުނަށް ވީގޮތް ފެނި އަޒީޒް ޗޮކެއް ކަނޑާލިއެވެ. ހިންދިރުވާލައިފައި ދެމީހުން ވެސް އަނގައިން ނުބުނެ މަސްކޮޅު ކާލައިފިއެވެ. އެ ކުކުޅު މަސްކޮޅު ކިތަންމެ ހާވެސް މީރެވެ. ނޫނީ ހައިވެފައި ހުރި ވަރުން އޭގެ މީރުކަން އެތައް ގުނަ އިތުރުވީއެވެ. އެހެނަސް އެ ކާލުމުން ބަނޑުހައި ހޫނުކަން އިތުރުުވެގެން ހިނގައްޖެއެވެ.

" ކޮބާ ކިހިނެއް ރަހަ؟ "

އަޒީޒް އަހައިލީ ނިތް އަރުވާލާފައެވެ. ގަދަ ކަމުން ހީލާފައި ދެމީހުންވެސް މީރު ކަމަށް ބުނެ ތައުރީފް ކޮށްލިއެވެ. އަޒީޒް ޖަހާލީ ހިނިގަނޑެކެވެ.

" މަ ބުނީމެއްނު. ޔޫރަޕުން ކައްކާ ކޯސް ހަދާލައިގެން މަގޭ އަނބިގޮއްޔެ އައިސް އެހެރީ. "

ހެވި ދިލިފައި ހުރެ އަޒީޒް ދެތަށި އަލުން އަތުލައި ގެންްގޮސް ސިންކަށް ލާފައި އައިސް އިށީން ދެއްޖެއެވެ.

" މިއަދު ދާންވާނީ އަނގަތަޅާލަން އަދި މަޑުކޮށްލާފަ. ޝަފާ ދެން އަންނާނީ މިރޭ "

އަޒީޒް ގޮނޑީގައި ރަނގަޅަށް ހަމަޖެހިލައި ނުދެކެވި ހުރި އެތައް ވާހަކައަކުން ފަށައިފިއެވެ. އަޒީޒަކީ ފަށާ ވާހަކައެއް ހުއްޓާލާ މީހެއް ނޫނެވެ. ހިތާމައަކީ ކުރިންވެސް އަޒީޒަކީ ދަހި މީހެއްކަން ހަނދާން ނެތުނު ކަމެވެ. މިކެވުނީ ހިތުން ނުފިލާ ވަރުގެ ހުކުރު ކެއުމެކެވެ. އަޒީޒުގެ ހުސްނުވާ ވާހަކަތައް އަޑު އަހަން ކެތްކޮށްލައިގެން ދެ ރަހުމަތްތެރީން ތިބެން ޖެހުނީ ހީލަ ހިލައި ބަނޑުހައިވެ އަނގައިންވެސް ބުނަން ދަތިވެފަ ހުރި ހާލުގައެވެ.

ކިޔުންތެރިންގެ ހިޔާލު