ޕަބްޖީއިން ދިމާވި މަންޖެ: ބިޓެއްނޫން، ބޮޓެއްް!

އާމިނަތު އަޙުމާ

އެހެން ދުވަސްތަކެކޭވެސް އެއްފަދައިން އޮފީސް ނިންމައިފައި ގެއަށް އައިސް ގަދަޔަށް ފެންވަރާލައިގެން އަހަރެން ޖައްސާލީ އެނދުގައި އަރާމުކޮށްލާށެވެ. ކޮންމެ ދުވަހަކުވެސް އޮފީހުން އައިސް ނިދާލުމުގެ ކުރިން ފޭސްބުކާއި އިންސްޓަގްރާމްގެ ފީޑުގައި ދަތުރުކޮށްލުމާއި ދެތިން ޕަބްޖީގަނޑު ޖަހާލުމަކީ އަހަރެންގެ އާދައެވެ. މިގޮތުން އެދުވަހުވެސް އަހަރެންނާ އެއްކޮށް ޕަބްޖީއަށް ވަދެ ގަނޑެއް ޖަހާލާނެ ރައްޓެއްސަކު އޮންލައިންކޮށް އިންތޯ ބަލާލީމެވެ. ބެލިއިރު އެންމެން ތިބީ ގަނޑެއްގައި މަސްއޫލުވެ ކަމުން އަހަރެން ވަނީ ގުރުއަތުން ބައިވެރިއަކު ލިބޭ ގޮތަށް ހެދުމަށްފަހު އެކަނިއެވެ.

ކަންދިމާކުރި ގޮތުން އަހަރެންނާ އެއްކޮށް އެއް ޓީމްއަކަށް އައީ ބޭރު ގައުމެއްގެ ދެ މީހަކާއި ރާއްޖޭ މީހެކެވެ. ޕަބްޖީގައި މީހުންގެ އެވަޓަރ އަކަށް އަންހެނަކު ދައްކައިގެން އުޅުނަސް ގިނަ ފަހަރަށް އެމީހާ ވާނީ ފިރިހެނަކަށެވެ. އެހެންކަމުން މިފަހަރުވެސް ރާއްޖެއިން އެއްޓީމަށް ދިޔަ މީހާގެ އެވަޓަރ އަންހެނެއްގެ ގޮތުގައި ދެއްކިނަމަވެސް އަހަރެން އެކަމާ މާކަ ބޮޑު ސަމާލުކަމެއް ނުދެމެވެ.

ޕްލޭނަށް އަރައި ދާން ބޭނުންވާ ދާސްތާއަށް ފުންމާ ގަޑި ޖެހިއްޖެއެވެ. ބޭރު ދެ މީހުން ކޮންމެވެސް ފަރަންޖީ ބަހުރުވައަކުން އެއްޗެހިތަކެއް ގޮވަމުންދެއެވެ. އެމީހުން ކިޔާ ނުކިޔާ އެއްޗެއް ނޭނގޭތީ ބޮލަށް އުނދަގޫވެގެން އެ ދެމީހުން ގެ އަޑު ކަނޑާލައި މިއުޓްކޮށްފީމެވެ. ފުންމަނީ ކޮންތާކަށްތޯ އަހަރެން ރާއްޖެ މީހާއާ ސުވާލުކޮށްލީމެވެ. އަހަރެން ހައިރާންވެގެން ދިޔައީ ލިބުން ޖަވާބަކުންނޫނެވެ. ޖަވާބު ދިން އަންހެން ކުއްޖާގެ އަޑު ރީތިކަމުންނެވެ. ލަދުރަކި ގޮތަކަށް އޭނާ ބުނީ ދާން ބޭނުންވަނީ "ޖޯޖޯޕޯލް" އަށް ކަމަށެވެ. އަސްލު އޭނާގެ ޖަވާބުންވެސް އަހަރެން ކުޑަކޮށް ހައިރާންކަން ލިބުނެވެ. އެއީ އާންމުކޮށް އިރަންގަލް އިން ކުޅޭއިރު ޖޯޖޯޕޯލަށް ދާން ބޭނުންވާނީ އެތާނގެ ގޮތް ރަނގަޅަށް ދަންނަ މީހުންނެވެ. އެއީ އެންމެ ގިނައިން ދުޝްމަނުން ގޮސް އުޅޭ އެއްތަނަކަށްވާ މައިގަނޑު ސަބަބަކީވެސް އެތަނުން ލިބޭ "ލޫޓު" ގިނަވުމެވެ.

އަހަރެންގެ އަޑުން ޝައުގުވެރިކަމެއް ނުވަތަ ހައިރާންކަމެއް ހުރިކަމަށް ނުދައްކައި ވަރަށް އާދައިގެ ގޮތަކަށް "އޯކޭ" އޭ ބުނެލީމެވެ. ފުންމާލުމަށްފަހު ބިމުގައި ޖެހެން އިންނަ ވަގުތުކޮޅުގައި އެއް ގައުމެއްގެ ދެމީހުން ކަމުން ކުޑަކޮށް އެކަކު އަނެކަކު ދެނެގަންނާނީ އޭ ހިތަށް އަރައި ވާހަކަ ފެށީ އަހަރެންނެވެ. ކޮން ރަށެއްތޯ އާއި އުމުރުން ކިތައް އަހަރުތޯ އަހާލީމެވެ. ނަސީބަކުން އޭނާއަކީވެސް އަހަރެންނެކޭ އެއްފަދައިން މާލޭގައި ވަޒީފާ އަދާ ކުރަމުންއަންނަ ކުއްޖެކެވެ. އަދި އޭނާގެ އުމުރު ހިއްސާކުރަން އޭނާ ބޭނުން ނުވާ ކަމަށް ބުންޏެވެ. އަހަރެން އޭނާގެ ނިންމުމަށް އިހްތިރާމް ކުރީމެވެ.

ޖޯޖޯޕޯލަށް ފޭބުމާއެކު ދެމީހުން ވެސް އަވަސްވެގަތީ ރަނގަޅު ބަޑިއަކާއި އެއްޗެހި ހޯދުމަށެވެ. އަހަރެމެންގެ އިތުރުން އިތުރު ސްކޮޑެއް އެތަނަށް ފޭބިތަން ފެނުމުން ދެމީހުންވެސް ތިބީ ފޯރި އަރާފައެވެ. އަވަހަށް ކޮންޓޭނާތައް މަތިންނާއި އެތަން މިތަނުން "އެމްފޯ16"އަކާއި އޭގެ ވަޒަންތައް ނަގާފައި ހަމަ އެވައްތަރުގެ ބަޑިއަކަށް މާކް ޖެހީމެވެ. ޖަވާބެއްގެ ގޮތުން އޭނާ ބުނީ އޭގެ ބަޑި ކަމަކު ނުދާކަމާއި އޭނާ އުޅެނީ "އޭކޭއެމް"އެއް ހިފައިގެން ކަމެވެ. އަހަރެން ހިނިގަނޑެއް ޖަހާލައިފައި ސްނައިޕަރަކާއި، ސްކޯޕަކާއި، ސަޕްރެސަރއަކާއި އެއްޗެހި ހޯދަން އަވަސްވެގަތީމެވެ.

އަހަރެންނަށް "ކާރ98" އެއް ލިބުން ތަނުން އެއްކަލަ އަންހެން ކުއްޖާ "8އެކްސް ސްކޯޕް"އަަކަށް މާކް ޖަހައިފިއެވެ. އަހަރެން ޝުކުރު އަދާކޮށްލުމަށްފަހު އޭނާއަށް ހުރިހާ އެއްޗެއް ހަމަވީ ތޯ ސުވާލުކޮށްލުމުން ވަރަށް ޔަގީން ކަމާއެކު އާނ އެކޭ ބުންޏެވެ. އަދި އޭނާއަށް "އެމް24"ގެ ސްނައިޕަރ އަކާއި 8އެކްސް ސްކޯޕެއް ލިބުން ވާހަކަ ބުނީމަ އަހަރެން ހައިރާންވިއެވެ. އެއީ އެމް24 ބަޑިއަކީ ވަރަށް މަދުމަދުން ލިބޭ އެއްޗެކެވެ. އެހިސާބުން އަހަރެންނަށް މިއީ ވަރަށް ގިނައިން ޕަބްޖީ ކުޅެ އުޅޭ، މޮޅު ކުއްޖެއްހެން ހީވާން ފެށިއެވެ.

އަހަރެންގެ ހީވުން ޔަގީންކަމަށް ބަދަލުވެގެން ދިޔައީ މެޗުގެ 23 ވަނަ މިނެޓުގައެވެ. ދުރުގައި ހުރި މީހެއްގެ ބޮލަށް ހެޑްޝޮޓެއް ޖަހައި އޭނާ މަރާލުމުންނެވެ. އެއީ އަހަރެންވެސް މަސައްކަތްކުރަމުން ދިޔައީ އެމީހާ މަރާލުމަށެވެ. އަހަރެންނަކީ ރައްޓެހިންގެ ތެރޭގައިވެސް ޕަބްޖީކުޅުމަށް މޮޅު މީހެއްގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ މީހެއް ކަމުން މި އަންހެން ކުއްޖާ ކައިރީ ނަން އަހާލަން އަހެރެންނަށް މަޖުބޫރުވެއްޖެއެވެ. އޭނާގެ ނަމަކީ ސޯހާ ކަމަށް ބުންޏެވެ.

އަހަރެންނަށް ސޯހާ ކަމުދާ ކަން ފާހަގަކުރެވެން ފެށީ އޭނާއާ އެކު އިތުރު ތިން ޕަބްޖީ ގަނޑުޖެހުމުންނެވެ. އަހަރެމެން ދެމީހުން އިސާހިތަކު، ގާތް ދެ ރަހުމަތްތެރިން ފަދައިން އެއްކޮށް ހީ ސަމާސާ ކުރަމުން ގޭމް ކުޅެމުން ގެންދަން ފެށީމެވެ. ސޯހާ އޭކޭއެމްގެ ރީކޮއިލް ކޮންޓްރޯލް ކުރާ މަންޒަރު ދެކި، އޭނާއަށް ހިތް ނުކިޔާނީ ކާކުހެއްޔެވެ؟ އެފަދަ އުނދަގޫ ކަންކަން ކުރަން އެނގޭނީ ކިތައް ބިޓުންނަށް ހެއްޔެވެ؟

އަހަރެން މިއީ އާންމުކޮށް އަންހެން ކުދިންނަށް ހިތް ކިޔައި އުޅޭ މީހެއް ނޫންކަމުން ސޯހާ ކައިރީ ކެއުމަކަށް ދާން އެހުން ވީ އަހަރެންނަށް ވަރަށް ދަތިކަމެކެވެ. ނަސީބު އަނެއްކާވެސް އަހަރެންގެ އަތުގައި ހިފީއެވެ. ފަސްވަނަ ޗިކަން ޑިނަރ ނެގުމުން ސޯހާ އޭނާއަށް ކާންދޭން ޖެހޭނެކަމަށް ބުނެފިއެވެ. އަހަރެން ވަގުތުން އެއްބަސްވީމެވެ. އަހަރެން ސޯހާއަށް ނަންބަރު ދިނުމަށްފަހު ނިދަން އޮށޯތީ މާދަމާ ރެއަށް ކެތްމަދުކަމާއެކު އިންތިޒާރުކުރާ ޙާލުގައެވެ.

އަނެއް ދުވަހު އެއްކޮށްހެން އަހަރެން އުޅުނީ އޮފީސް މަސައްކަތުގައި އަވަދިނެތިއެވެ. ސޯހާވެސް އަހަރެންނަކަށް މެސެޖެެއްވެސް ނުކުރެއެވެ. އަހަރެން މާޔޫސްނުވެ އިންތިޒާރު ކުރަމުން ދިޔައީ އެ ރޭގެ ނުވައެއް ޖަހާއިރަށެވެ. ސޯހާވެސް އެފަދައިން އަހަރެންނާ ދިމާވާނެ ވަގުތަކަށް އިންތިޒާރުކުރާނެތޯ ހިތާ ހިތާ ސުވާލުކޮށްލެވުނެވެ. ދެން އެކަހަލަ ހުރިހާ ޚިޔާލުތަކެއް އެއްފަރާތްކޮށްލައި އަހަރެންގެ ވަޒީފާ އަދާކުރެވޭތޯ ބެލީމެވެ.

އޮފީސް ނިންމައިފައި ގެއަށް ދިޔަ މަގުމަތީގައި "ލޯލާ" ކިޔާ މާ ފިހާރައަކަށް ވަދެ ފިޔާތޮށި ކުލައިގެ ފިނިފެން މަލެއް ގަނެލީމެވެ. ގެއަށް އައިސް ފެންވަރައި ނަލަވެގެން ގަޔަށް ޖެހުންހާ ވަރަކަށް ސެންޓު ޖަހާއިގެން އަހަރެން ފޯނާ ކުޅެން އިށީނީމެވެ. ހަތެއް ޖަހަން ތިން މީނެޓަށް ވީރަށް ނުދަންނަ ދިރާގު ނަންބަރަކުން ފޯނެއް އަންނަން ފެށިއެވެ. އަވަސް އަވަހަށް އެ ފޯނަށް ޖަވާބު ދިނީ ސޯހާގެ އަޑު އެހުމަށް ކެތްމަދުވެފައި ހުރެއެވެ.

ރަކި ގޮތަކަށް ވާހަކަ ދައްކަން ފެށީ ސޯހާއެވެ. ހެންވޭރު އޮކްސިޖަން ކައިރިއަށް އޭނާ ބަލާ އައުމަށް އެދުނެވެ. އަހަރެން ސޯހާ ފެނޭތޯ ކެތްމަދުވެފައި ހުރިކަން އިހުސާސް ކުރެވުނީ ދެކަމެއްގެ ސަބަބުންނެވެ. ފުރަތަމަ ކަމަކަށް، އަހަރެންނަށް އެތަނަށް ދެވުނީ ސޯހާއަށް ދޭން ގަތް މާވެސް ނުލައެވެ. ދެވަނަ ކަމަކަށް އަހަރެންނަށް މާފަންނު ކޮޅުގައި ހުރެފައި ސައިކަލާއި އޮކްސިޖަން ކައިރިއަށް ދާން ނެގީ ބަރާބަރު ހަތަރު މިނެޓެވެ.

އޮކްސިޖަން ބޭރުގައި ޕޭކްމެންޓުގައި މަޑު ނޫކުލައިގެ ހެދުމެއްގައި ހުރި އަންހެން ކުއްޖެއް ކައިރިއަށް އަހަރެން މަޑުކޮށްލީމެވެ. އޭނާ އަހަންނާ ދިމާލުން ބަލާލުމަށް ފަހު އަހަރެންގެ ނަން ކިޔާލިއެވެ. އަހަރެން ބޯ ޖަހާލުމަށްފަހު އެކުވެރި ހިނިތުންވުމެއް ހަދިޔާ ކުރީމެވެ. ސޯހާއަކީ ބަލާލަން ވަރަށް ރީތި، ޗާލު ހިނިތުންވުމެއްގެ ވެރިއެކެވެ. އަހަރެންނަށް އެންމެ ކަމުދިޔައީ އޭނާގެ ނޭފަތެވެ. ސައިކަލް ފަހަތަށް ސޯހާ އެރުމުން އަހަރެން މެރީ ބްރައުން އާ ދިމާލަށް މިސްރާބު ޖެހީމެވެ. ޕަބްޖީ ބިޓާއިވެސް ދިމާވީ ތާއެވެ.

ސޯހާއަކީ ބުރުގާ ނާޅާ އިންނަ ކުއްޖެއް ކަމުން ސައިކަލް ދުއްވަމުން ދިޔަ ވަގުތު އޭނާ ފަން އިސްތަށިގަނޑު ވަޔާއި ވިހުރެމުންދާ ކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ. ސައިކަލް މަތީގައި ދެމީހުންގެވެސް ވާހަކަވެސް ވަރަށް މަދެވެ. ބޮޑުތަކުރުފާނު މަގުން ދުއްވާލައިފައި މެރީ ބްރައުން ކައިރިއަށް މަޑުކޮށްލުމުން ވަރަށް ބަނޑުހައިވެފައިވާ ވާހަކަ ބުނެލިއެވެ.

އަހަރެން އެރޭ ސިފަކޮށްދޭނީ ވަރަށް ސާދާ ގޮތަކަށެވެ. އަހަރެން ދުވަހަކުވެސް އަންހެން ކުއްޖެއްގެ "ޖާދޫގައި" ޖެހޭނެކަމެއް ހިއެއް ނުކުރަމެވެ. ނަމަވެސް އެރޭ މެރީ ބްރައުންގައި ސޯހާއާއެކު ހޭދަކުރި ދެ ގަޑީރަކީ އަހަރެންގެ ހަޔާތުގައި ހޭދަ ކުރެވުނު ވަރަށްވެސް ހިތްގައިމު ވަގުތެކެވެ. ކުޑައިރުގެ ވާހަކަތަކުން ފެށިގެން އެކަކު އަނެކަކުގެ މުސްތަގުބަލުގެ ރޭވުންތައްވެސް ހިއްސާކުރީމެވެ. އަހަރެން ހިތަށް އެރީ ސޯހާއަކީ އަހަރެންނާއި ވަރަށް ގުޅޭ ކުއްޖެއް ކަމަށެވެ.

ދެން މިއޮތީ އެންމެން ތިޔަ އިންތިޒާރުކުރަމުން އައި ވަގުތު ޖެހިފައެވެ. ސޯހާއަކީ ކޮންކަހަލަ ކުއްޖެއްކަން އެނގޭ ހިސާބެވެ. އާދޭހެވެ. ސޯހާ ގެއަށް ލާން ގޮސް އެގޭގެ ބޭރުގައި ހުއްޓައި އަހަރެންނަށް އައީ ބެސްޓުފްރެންޑުގެ ކޯލެކެވެ. އަހަރެން މިއުޅެނީ ކާކު ގޮވައިގެން ތޯ ސުވާލުކުރިއެވެ. އޭނާއަށް އަހަރެން "މަންޖެ"އެއް ގޮވައިގެން މަގުތައް މަތިން ދުއްވާ މަންޒަރު ފެނިގެން ގުޅި ވާހަކަ ބުންޏެވެ. ރަހުމަތްތެރިޔާ ބުނިގޮތުން ސޯހާގެ އަސްލު ނަމަކީވެސް އެހެން ނަމެކެވެ. އަހަރެންގެ ހަޔާތުގެ ބައިވެރިއަކަށް އިޚްތިޔާރުކުރާ ވަރު ކުއްޖަކު ލިބުން އުފާވެރި ޚަބަރު ހިއްސާކުރަން އަހަރެން ހިތުގައި އޮއްވައި ރަހުމަތްތެރިއާ މި ކިޔަނީ ކީކޭބާވައޭ ހިތަށް އެރިއެވެ.

ރަހުމަތްތެރިއާ ދިން ޖަވާބުން އަހަރެންގެ މޫނުމަތީގައި އެއްޗަކުން ޖެހިހެންނެވެ. އޭނާ ބުނި ގޮތުން "ސޯހާއަކީ" އިންސްޓަގްރާމްގައި ނަން މަޝްހޫރު "މޮޑެލްއެކެވެ." އަދި އޭނާގެ ވަރަށް ސީރިއަސް ބިޓެއް ހުންނަކަމާއި އެ ދެމީހުން ވަނީ މީގެ ދެ ހަފްތާ ކުރިން އެންގޭޖްވެފައެވެ. ކައިވެނީގެ ހަފްލާ އޮތް ތަނަށް ދާންވެސް އޭނާ ކިޔާދިނެވެ. ފޯނު އަހަރެން ބޭއްވީ ހިނިގަނޑެއް ޖަހާލައިފައި ދެރަނުވާ ކަމަށް ހަދާފައެވެ. ދެން ދުވަހަކުވެސް ޕަބްޖީއިން ދިމާވާ ބިޓެއްގެ ފަހަތުން ނުދާން ނިންމައިފައެވެ. އެއީ ބިޓެއްނޫނެވެ. އެއީ ހަމަ ސީދާ ބޮޓެކެވެ.

ކިޔުންތެރިންގެ ހިޔާލު
ޞޮޓް
މިއީ ކަނޑަފައޮތް ފޮންޏެތް. ހަމަ ހުސް ސްޓޯރީ. ފޭކް ފޭކް
ޙެ ހެ
ޢަދިވެސް ދާނެ
ޖޯޓަރޯ ކޫޖޯ
ޔާރެ ޔާރެ ޑަޒެ
ީިައިއްބެ
ޢެންމެފަހުން ބޮޓަކައްމިވީ އެމަންޖެދޯ
ޙަޔަން
ބޮޓަށް ވީ އެމަންޖެޔެއް ނޫން...ތި ކަމެއް ތި ކުރި މީހާ...ހީވަނީ މީނަ އެމަންޖެޔާ އެކުގަ ދިޔައި ގަދަކަމުންހެން...ބޮޓެކޯ
ބިގް ބޮޓް
ގްރޭޓް ވޯރކް މައި ފްރެންޑް. ޔޫ ހޭވް އެޗީވްޑް ނެކްސްޓް ލެވެލް ޝިޓް
މޯޑު
އަދިވެސް ތަނަކުން މަންޖެ އެއް ފެންނަ އިރަށް ހޭބަލިވާތި
ޏަޔާ
އެމަންޖެ ދިޔާމަ އެމަންޖެ ގޯސްވެސް އެވީ..އަޖާބެއް ނުވާނެ