"ސައްތޭ ޕޭ ސައްތާ"ގައި ޝާހު އަދި ކެޓްރީނާ

އީމާ މުހައްމަދު ވަހީދު

ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ޝާހްރުކް ހާނާއި ކެޓްރީނާ ކައިފް އެކުގައި ފިލްމެއް ކުޅެން އުޅޭ ކަމުގެ ހަބަރުތަކެއް ފެތުރިއްޖެއެވެ.

ފަރާ ހާން ޑައިރެކްޓްކުރާ، ކުރީގެ ހިންދީ ފިލްމެއް ކަމަށްވާ، "ސައްތޭ ޕޭ ސައްތާ" ގެ ރިމޭކް ކުޅުމަށް ޝާހު އަދި ކެޓްރީނާ އަށް ހުށަހަޅާފައިވާ ކަމަށް އިންޑިއާގެ ބައެއް ބޮލީވުޑް ހަބަރުތައް ފަތުރާ ނޫސްތަކުން ވަނީ ބުނެފައެވެ.

އެކަމަކު ފާހަގަކޮށްލަން ޖެހޭ ކަމަކީ "ސައްތޭ ޕޭ ސައްތާ" ޝާހްރުކަށް ހުށަހަޅާފައިވާ ކަމަށް ބުނާ އިރު، އޭނާ އެކްޓިން ބްރޭކެއް ނަގައި އާއިލާ އަށް ވަގުތު ހުސް ކުރަން މިވަގުތު ނިންމާފައި އޮތުމެވެ. އެހެންވެ ފަރާގެ ފިލްމަށް ޝާހްރުކް އެއްބަސްވާނެތޯ އެއީ މި ވަގުތު ވަރަށް ބޮޑު ސުވާލެކެވެ.

މި ފިލްމުން ޝާހްރުކް ޙާންއާއި، ކެޓްރީނާ ސޮއިކުރިކަން ކަށަވަރުވެއްޖެ ނަމަ، މިއީ އެ ދެ ތަރިންގެ ޖޯޑު ސްކްރީނުން ފެންނާނެ ތިން ވަނަ ފިލްމަށް ވާނެ އެވެ. ދެހާސް ބާރަ ވަނަ އަހަރު "ޖަބް ތަކް ހެ ޖާން" ކުޅުނު ދެ ތަރިން އެންމެ ފަހުން އެކީގައި ކުޅުނީ މިދިޔަ ޑިސެމްބަރު މަހު ރިލީޒް ކުރި "ޒީރޯ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން 1982 ގައި އާރް އެން ސިއްޕީ ޑައިރެކްޓް ކުރި "ސައްތޭ ޕޭ ސައްތާ" ގެ ރައިޓްސް ހޯދައި، އޭގެ ސްކްރީންޕްލޭގެ މަސައްކަތް ފަރާ އާއި އޭނާގެ ޓީމުން މިހާރު އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު