އުންމީދު ކުރިކަހަލަ ފިލްމީ ކެރިއަރެއް ބިނާ ނުކުރެވުނު:ޝަމީތާ ޝެޓީ

އީމާ މުހައްމަދު ވަހީދު

އުންމީދު ކުރެވުނު ކަހަލަ ކެރިއަރެއް ފިލްމީ ދާއިރާގައި ބިނާ ނުކުރެވުން ކަމަށް، ބޮލީވުޑްގެ ބަތަލާ ޝަމީތާ ޝެޓީ ބުނެފިއެވެ.

ބޮމްބޭ ޓައިމްސް އަށް ދިން އިންޓަވިއުއެއްގައި، ޝަމީތާ ބުނީ، ބޮލީވުޑަށް ނުކުންނަން އޭނާ އަށް ފުރުސަތު ލިބުނީ ހުވަފެނީ ޕްރޮޖެކްޓަކުންކަން ގަބޫލު ކުރާ ކަމަށެވެ. ޝަމީތާ ބުނި ގޮތުގައި އަދިވެސް އޭނާ ހުރީ ފިލްމުތަކުން ރަނގަޅު ފުރުސަތުތައް ލިބޭނެ ނަމަ ކުރިއަށްދާށެވެ.

ޝަމީތާ ޝެޓީއަކީ ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ޝީލްޕާ ޝެޓީގެ ކޮއްކޮއެވެ. ޝަމީތާ އެންމެ ފުރަތަމަ ކުޅުނު ފިލްމަކީ ދެހާސް ވަނަ އަހަރު ގެނެސްދިން ފިލްމެއް ކަމަށްވާ "މޮހައްބަތޭން" އެވެ. "މޮހައްބަތޭން" އަކީ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" ގެނެސް ދިން ޑައިރެކްޓަރުގެ ދެވަނަ ފިލްމެވެ.

ޝަމީތާ ބުނީ، "މޮހައްބަތޭން" އަށް ފަހު އޭނާ އުންމީދު ކުރި ކަހަލަ ކެރިއާއެއް ނުހޯދުނުކަމަށެވެ. ޝަމީތާ ބުނީ އަދިވެސް ގިނަ ބަޔަކު އޭނާ ދަންނަނީ ޝިޕްލާ ޝެޓީގެ ކޮއްކޮގެ ގޮތުގައިކަމަށެވެ.

"އެގޮތަށް ވަރަށް ގިނަ ބަޔަކު އަދިވެސް މުހާތަބު ކުރަނީ. ބައެއް ފަހަރު އަދިވެސް ބައެއް މީހުން އަހަންނަށް ޝިލްޕާގެ ނަމުން ގޮވައި ވެސް ހަދާ. ވެދާނެ ޝިޕްލާ ތަންކޮޅެއް ވައްތަރު ގޮތެއް ހުންނާނީތީ ކަމަށް ވެސް،" އޭނާ ބުންޏެވެ. "އެއީ ހަގީގަތުގައި ތެދަށް ބުނަންޏާ އަހަރެން އެހާ ގަޔާވާ ކަމެއް ނޫން. ކޮންމެ މީހަކު ވެސް ބޭނުން ވާނެ އަމިއްލަ އައިޑެންޓިޓީއެއް. މިހާތަނަށް އައި އިރު ވެސް އަހަރެންގެ އަމިއްލަ އައިޑެންޓިޓީއެއް ނެތް. އެކަމަކު އުފާ ވެސް ކުރަން ޝިލްޕާގެ ކޮއްކޮގެ ގޮތުގައި އަހަރެން ލޭބަލް ވެސް ކުރާތީ."

ޝަމީތާގެ ކުރިއަށް އޮތް ފިލްމަކީ "ދަ ޓެނަންޓް" އެވެ. އަދި އޭނާ އަންނަނީ "ޔޯ ކޭ ހުއާ ބްރޯ" ކިޔާ 6 އެޕިސޯޑްގެ ވެބް ސީރީޒެއްގެ މަސައްކަތް ވެސް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު