"މުލާން" ގެ ޓީޒާ އަށް ބޮޑު ތަރުހީބެއް!

މުޙައްމަދު ޤާސިމް

ޑިޒްނީން ކުރިން ގެނެސްދީފައިވާ އެނިމޭޓެޑް ފިލްމުތަކުގެ ތެރެއިން ހަގީގީ އެކްޓަރުންނާއެކު މިހާރު އުފެއްދުމުގެ މަސައްކަތްކުރިއަށްދާ ފިލްމު "މުލާން" ގެ ޓީޒާ ގިނަ ބަޔަކަށް ކަމުގޮސްފިއެވެ.

އެގޮތުން، އެ ފިލްމުގެ ޓީޒާ ޕޯސްޓުކުރިތާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ބެލިމީހުންގެ އަދަދު 175.1 މިލިއަނަށް އަރައިފިއެވެ. ޑިޒްނީގެ "މުލާން" ވެފައިވަނީ މިދިޔަ ނޮވެންބަރު މަހުގައި ރިލީޒްކުރި ޑިޒްނީގެ "ލަޔަން ކިންގް" ފިޔަވާ އެންމެ ގިނަ ބަޔަކު ބެލި ލައިވް-އެކްޝަން ފިލްމުގެ ޓްރެއިލާ އަށެވެ. އެފަހަރު "ލަޔަން ކިންގް" ގެ ޓީޒާ ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި ރެކޯޑް 224 މިލިއަން މީހުން ބަލާފައިވެއެވެ.

ރިލީޒްކުރިތާ 24 ގަޑިއިރުގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ މީހުން ބެލި ފިލްމުގެ ޓީޒާތަކުގެ ލިސްޓުގައި، "އެވެންޖާޒް: އެންޑްގޭމް"، "އެވެންޖާޒް: އިންފިނިޓީ ވޯ"، "އައިޓީ" އަދި "ދަ ފޭޓް އޮފް ދަ ފިއުރިއަސް"ގެ އިތުރުން "ލަޔަން ކިންގް" އާއި "މުލާން" ވެސް ހިމެނެއެވެ.

މީގެއިތުރުން، "މުލާން" ގެ ޓީޒާ ބެލިމީހުންގެ ތެރެއިން ޗައިނާ އިން އެކަނިވެސް ފުރަތަމަ 24 ގަޑިއިރުގެ ތެރޭގައި 52 މިލިއަން މީހުން ބަލާފައިވެއެވެ. މީގެ ސަބަބެއްކަމަށް ބެލެވެނީ، މި ފިލްމުގެ ޓައިޓްލް ރޯލުން ފެނިގެންދާ ކްރިސްޓަލް ލިއުގެ ނަމުން މަޝްހޫރު ޗައިނާގެ އެކްޓްރެސް އަދި ލަވަ ކިޔުންތެރިޔާ ލިއު ޔިޕީ އެވެ. ޗައިނާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އެ ގައުމުގެ ސޯޝަލް މީޑިއާގައި ޔިފީ އަށް ދީފައިވަނީ "'ޗައިނާގެ ފުރަތަމަ ޑިޒްނީ ޕްރިންސެސް" މިހެންނެވެ.

މި ފިލްމުގެ ކާސްޓުންގެތެރޭގައި، ޑޮނީ ޔެން، ޖޭސަން ސްކޮޓް ލީ، ޔޮސޮން އަން އާއި ގޮންގް ލީގެ އިތުރުން އެމްޕަރާގެ ރޯލުން ފެނިގެންދާ ކުޅަދާނަ އެކްޓަރު ޖެޓް ލީ ހިމެނެއެވެ.

"މުލާން" އަކީ 1998 ގައި ބެރީ ކުކް އާއި ޓޯނީ ބެންކްރޮފްޓް ޑައިރެކްޓްކޮށް ގެނެސް ދިން ފިލްމެކެވެ. މީގެ މައިގަނޑު ވާހަކައަކީ، އަސްކަރިއްޔާގައި މަސައްކަތްކޮށްފައިވާ އުމުރުން ދުވަސްވީ މީހަކު އަލުން އެނބުރި ހަނގުރާމަ އަށް ނުކުންނަން ޖެހުމުން ބަދަލުގައި އޭނާގެ އަންހެން ދަރިފުޅު ހަނގުރާމަ އަށް ނުކުމެ ދައްކާލާ ކުޅަދާނަކަމެވެ.

އެފަހަރު، ބޮކްސް އޮފީހުގައި "މުލާން" އަށް 304.3 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނުއިރު، އެ ފިލްމު ހަދާފައިވަނީ އެންމެ 90 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.

ނިކީ ކާރޯ ޑައިރެކްޓްކޮށް، ރިކް ޖާފާ، އެމަންޑާ ސިލްވާ އާއި އެލިޒަބެތު މާޓިންގެ އިތުރުން ލޯރެން ހީނެކް ސްކްރީންޕްލޭ ތައްޔާރުކޮށްފައިވާ "މުލާން" ގެ ލައިވް-އެކްޝަން ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ 2020 ވަނަ އަހަރުގެ މާރިޗް މަހުގެ 27 ވަނަ ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު