"ވެނަމް"ގެ ސީކުއެލްގެ ޑައިރެކްޓަރަކަށް ސާކިސް ހަމަޖައްސައިފި

މުޙައްމަދު ޤާސިމް

މިދިޔަ އަހަރު ރިލީޒްކޮށް، ބޮޑު ތަރުހީބެއް ލިބުނު ޓޮމް ހާޑީގެ ސުޕަހީރޯ ފިލްމު "ވެނަމް" ގެ ދެވަނަ ބައިގެ ޑައިރެކްޓަރަކަށް އެންޑީ ސާކިސް ހަމަޖައްސާފައިވާކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ފިލްމުގެ ދެވަނަ ބައި ޑައިރެކްޓްކުރުމަށް ސާކިސްގެ އިތުރުން "ބަމްބްލްބީ" ގެ ޓްރެވިސް ނައިޓް އާއި "ރައިޒް އޮފް ދަ ޕްލެނެޓް އޮފް ދަ އޭޕްސް" ގެ ޑައިރެކްޓަރު ރުޕާޓް ވަޔަޓްއާ ވެސް ސޮނީ ޕިކްޗާޒުން މީގެކުރީން މަޝްވަރާކޮށްފައިވާކަމަށް ހޮލީވުޑްގެ ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.

މި ފިލްމުގެ ފުރަތަމަ ބައި "ވެނަމް"ގެ ޑައިރެކްޓަރަކީ ރުބެން ފްލެއިޝާއެވެ. ނަމަވެސް ފްލެއިޝާ މިހާރު އުޅެނީ "ޒޮމްބީލޭންޑް: ޑަބަލް ޓެޕް" ގެ ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތުގައި ކަމަށްވާތީ "ވެނަމް"ގެ ދެވަނަ ބައި ޑައިރެކްޓް ނުކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރިލީޒް ކުރި މި ފިލްމަކީ 116 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި ފިލްމަކަށްވާއިރު، ގިނަ ބަޔަކަށް ހައިރާންކަން ގެނައުމަށްފަހު ބޮކްސް އޮފީހުގައި 855.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ވަނީ ހޯދާފައެވެ.

ކުރީގެ ފިލްމެކޭ އެއްގޮތަށް، މިފަހަރުގެ ފިލްމުގައިވެސް ލީޑް ރޯލުން ފެނިގެންދާނީ ހާޑީ ކަމަށްވާއިރު، އިތުރު ކާސްޓުންގެ މައުލޫމާތު މިހާތަނަށް ހަމާކޮށްފައެއްނުވެއެވެ.

"ވެނަމް" ގެ ދެވަނަ ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 2, 2020 ގައެވެ.

ކިޔުންތެރިންގެ ހިޔާލު