ދިވެހި ފިލްމް “ލީނާ” ލީކް ކޮށްލައިފި!

ފާތިމަތު ފަޔާޟާ
މިއަހަރު ޖުލައި މަހުގެ ދެވަނަ ދުވަހު ރިލީޒްކުރި، އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކުރި ފުރަތަމަ ފީޗާ ފިލްމް، “ލީނާ” ގެ ކޮޕީއެއް ޔޫޓިއުބްގައި ލީކް ކޮށްލައިފިއެވެ.

މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނާ ތެރޭގައި މަރާލާފައި އޮއްވާ ފެނުނު އެ ޖަމިއްޔާގެ ސެކެރެޓަރީ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާއިން އިންސްޕަޔާރ ވެގެން މުއާ ތައްޔާރުކުރި މިފިލްމް ސިނަމާގައި ޕްރީމިއާކުރުމުގެ އިތުރުން އެހެން އެއްވެސް ގޮތަކަށް އަދި ފިލްމް ރަސްމީކޮށް ރިލީޒްކޮށްފައެއްނުވެއެވެ. އެހެންނަމަވެސް މި ފިލްމްގެ ކޮޕީއެއް މިހާރު ޔޫޓިއުބްގައި ދަނީ ދައުރުވަމުންނެވެ.

ލީކް ވެފައިވާ “ލީނާ”ގެ ކޮޕީގައި “ވޯޓާ މާކް” އެއްހުރިއިރު، މި ވޯޓާ މާކްގައި އިނގިރޭސިއަކުރުން ލިޔެފައިވަނީ، “ސައްޔާހް އައްބާސް” މިހެންނެވެ. އަދި ޔޫޓިއުބްއިން ހާމަވާ މައުލޫމާތުން އެނގޭގޮތުގައި، މި ކޮޕީ ޔޫޓިއުބްއަށް ލާފައިވަނީ މީގެ 3 ދުވަސްކުރިންނެވެ. އަދި މިހާތަނަށް ލީނާ ފިލްމްގެ މި ކޮޕީ ސޯޅަހާސްމީހުންނަށްވުރެ ގިނަ މީހުން ވަނީ ބަލާފައެވެ.

މިކަމާއި ގުޅޭގޮތުން މުއާގެ ބަހެއް ހޯދުމަށް މި ނޫހުން ގުޅާލުމުން މުއާ ބުނީ، އާއްމުކޮށްއެގޮތަށް ފިލްމްގެ ކޮޕީގައި ޖަހާފައި ހުންނަ ނަންނަމަކީ ފިލްމް އަޅުވަން ހަވާލުކުރާ ރަށްރަށުން ފިލްމްގެ ކޮޕީއާއި ހަވާލުވާ ފަރާތުގެ ނަންކަމަށެވެ.

“ފިލްމެއް ނެރުނީމަ ބަޔަކު ފައިވިއްދާފަ ތިބޭވިއްޔާ އެކަންކުރާނެ ގޮތެއް ހޯދަން. އެހެންވީމަ އެބަޔަކު ކާމިޔާބު ކޮއްފަ އެއޮތީ.” މުއާ ބުންޏެވެ.

މިފިލްމު ޔޫޓިއުބުއިން ނެގުމަށް މަސައްކަތް ކުރަންތޯ މި ނޫހުން ސުވާލުކުރުމުން މުއާ ބުނީ އެއީ ބޭކާރު ކަމެއް ކަމަށާއި، ޔޫޓިއުބު އިން ނަގާއިރަށް ހަމަ އެހެން ބަޔަކު އެހެންތަނަކަށްލާނެ ކަމަށެވެ. މިމައްސަލަ ފުލުހުންނަށް ހުށައަޅާފައި ނުވާނެ ކަމަށްވެސް މުއާ ބުންޏެވެ.

ފަހަކަށްއައިސް ދިވެހި ފިލްމީ އުފެއްދުންތަކުގެ ތެރެއިން، ޔޫސުފް ޝަފީއު(ޔޫއްޕެ)ގެ “ނޯޓީ 40” އަދި ނަހުލާގެ “4426” ވެސް ވަނީ އޮންލައިންކޮށް ލީކް ކޮށްލައިފައެވެ.

ކިޔުންތެރިންގެ ހިޔާލު