"ޗަޕާކް"ގެ ޓައިޓަލް ލަވަ އާންމުކޮށްފި

ޢަލީ ޔާމީން

ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދްމާވަތު"ގެ ކާމިޔާބަށް ފަހު ދީޕިކާ ޕަދުކޯން ސްކްރީނުން ފެނިގެންދާ ފިލްމު ޗަޕާކްގެ ޓައިޓަލް ލަވަ ދައްކާލައިފި އެވެ.

ފިލްމު ޗަޕާކް އަކީ އެސިޑު ހަމަލާގައި ޒަހަމްވި ލަކްޝްމީ އަގަރްވާލުގެ ހަޔާތުގެ މައްޗަށް ކުޅެފައިވާ ފިލްމެކެވެ.

ޗަޕާކް ލަވަ ރިލީޒްކުރުމަށް ބޭއްވި ހަފްލާގައި އެ ލަވަ ކީ ލަވަކިޔުންތެރިން ލަވަ ހުށައަޅައިދީފައިވާއިރު، އެ ލަވަ ކީ ވަގުތު އެސިޑު ހަމަލާއެއްގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލުގެ ލޮލުން ވަނީ ކަރުނަ ފާއްދާލަފައެވެ.

އެ ލަވަ ކިޔާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްޖީތު ސިންހް އެވެ. އެ ލަވަ ކޮމްޕޯސް ޝަންކަރު އިހްސާން ރޯއީކުރިއިރު، ފިލްމުގެ ޓައިޓަލް ލަވައިގެ ލިރިކްސް ތައްޔާރުކުރީ ގުލްޒާރު އެވެ.

ފިލްމާ ބެހޭ ގޮތުން ދީޕިކާ މީގެ ކުރިން ބުނީ އެ ފިލްމަކީ ބެލުންތެރިން ބަލާހިތްވާނެ ހިތްގައިމު ފިލްމަކަށް ވާނެ ކަމަށެވެ.

ދީޕިކާ އާ އެކު ފިލްމުގައި ފެނިގެންދާނީ ވިކްރަންތު މެކްސޭ އެވެ. 

ލަކްޝްމީ އެސިޑްގެ ޝިކާރައަކަށްވީ އުމުރުން އެންމެ 15 އަހަރުގަ އެވެ. އެ ފިލްމު ރިލީޒްކުރާނީ މި މަހު 10 ގައެވެ.

ކިޔުންތެރިންގެ ހިޔާލު