ކަރަން ޖޯހަރު އޭނާގެ އެންމެ ބޮޑު ފިލްމަށް ތައްޔާރު!

ޙަދީޖާ އަލީ
ކަރަން ޖޯހަރު ކަރަން ޖޯހަރު

ކަރަން ޖޯހަރުގެ ފިލްމީ ކެރިއަރުގެ އެންމެބޮޑު ފިލްމް "ތަޚްތު" ފަށަން އޭނާ ތައްޔާރުވާން ފަށައިފިއެވެ. 250 ކްރޯޑް ރުޕީސް ޚަރަދުކޮށްގެން ހަދާ މި ފިލްމަކީ މިހާތަނަށް ކަރަން އުފައްދާ އެންމެ ބަޖެޓްބޮޑު ފިލްމެވެ. މިއީ، "ކަބީ ޚުޝީ ކަބީ ޣަމް"، ކަބީ އަލްވިދާ ނާ ކެހެނާ" އަދި "އަގްނީޕަތު" އަށް ވުރެވެސް ބޮޑު ބަޖެޓަކުން ހަދާ ފިލްމެކެވެ. އެހެންވިއްޔާ މިއީ ކިހާ ބޮޑު ފިލްމަކަށް ވެދާނެކަން އަންދާޒާކޮށްލަން ދޫކޮށްލާނީ ބެލުންތެރިންނަށެވެ.

ފިލްމުގެ ތަރިންނަށް ބެލުމުން މިކަމާއި މެދު ހައިރާންވާކަށް ނުޖެހޭނެއެވެ. އަނިލް ކަޕޫރު، ކަރީނާ ކަޕޫރު ޚާން، ރަންވީރު ސިންގ، އާލިޔާ ބަޓް، ބޫމީ ޕެޑްނޭކަރ އަދި ވިކީ ކައުޝަލްއަކީވެސް އަގު ބޮޑެތި ތަރިންނެވެ. ކަރަންގެ ފިލްމަކަށް ވުމުން އެމީހުން އަގުކުޑަކުރަން ބޭނުންވި ނަމަވެސް، އެންމެނަށްވެސް ކަރަންދީފައިވަނީ، އެމީހުން މިހާރު ފިލްމު ކުޅެދޭ އަގެވެ. އަނެއްކޮޅުން ފިލްމަކީ ތާރީޚީ ފިލްމެއްކަމުން، އުފެއްދުމުގެ މަސައްކަތަށްވެސް ބޮޑު ޚަރަދެއް ހިނގާނެއެވެ.

މި ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ މިއަހަރުގެ މާރޗް މަސް ތެރޭގައި ނަމަވެސް ފިލްމުގެ މަރކެޓިންގ ޓީމަށް އޮޅުމަކުން، ފިލްމުގެ ޕޯސްޓަރުވަނީ ލީކްވެފައެވެ. ކަރަންގެ ފިލްމު ކުންފުނި ދަރްމާ ޕްރަޑަކްޝަންގެ މުވައްޒަފުންގެ މެދުގައި ހިއްސާކުރި އީމެއިލްއެއް އެހެންފަރާތަކަށް ފޮނުވި ޕޯސްޓަރު ލީކުވީއެވެ. 

ކިޔުންތެރިންގެ ހިޔާލު