މިއަންނަ އަހަރުގެ ވެލަންޓައިންސްޑޭ ގައި ބޮޑު 3 ތަރިންގެ ކުރިމަތިލުން

ޙަދީޖާ އަލީ
އަކްޝޭ ކުމާރު، ދީޕިކާ ޕަދުކޯން އަދި އަޖޭ ދޭވްގަން އަކްޝޭ ކުމާރު، ދީޕިކާ ޕަދުކޯން އަދި އަޖޭ ދޭވްގަން

ބޮލީވުޑްގައި އެއްތާރީޚެއްގައި ބޮޑު ދެ ފިލްމު އެޅުވުންވަނީ ވަރަށް ބޮޑު ކަމަކަށެވެ. ބެލުންތެރިނަށް ވަނީ ޢީދަކަށެވެ. ނަމަވެސް ފިލްމުގެ މުޅި ކާސްޓް ތިބެނީ ހާސްކަމުގައެވެ. ކުރިލިބޭނީ ކާކަށް ކަން ނޭގޭތީއެވެ. މިހާރު ޚަބަރުތައް ލިބޭ ގޮތުން ސަލްމާންގެ "ރާދޭ" އަދި އަކްޝޭގެ "ލަކްޝްމީ ބޮމް" ސްކްރީނަށް އަންނަނީ މިއަހަރުގެ ފިތުރު ޢީދާއި ދިމާކޮށް 22 މޭގައެވެ. ނަމަވެސް މިއަންނަ އަހަރުގެ ވެލަންޓައިންސް ޑޭ އާއި ދިމާކޮށް އެއްވަރުގެ ބޮޑު 3 ތަރިންގެ ފިލްމު އެއް ދުވަހެއްގައި އެޅުވުމަށް ދަނީ ތައްޔާރު ވަމުންނެވެ.

ރިލަޔަންސް އާއި ގުޅިގެން އުފައްދާ ފިލްމް "ކައިތީ"، މިއަންނަ އަހަރުގެ 12 ފެބްރުއަރީ ގައި ބެލުންތެރިންނާއި ހަމައަށް އަންނާނެކަމަށް، އަޖޭ ދޭވްގަން ވަނީ ޓްވިޓަރ މެދުވެރިކޮށް އިޢުލާންކޮށްފައެވެ. "ކައިތީ" އަކީ 2019 ވަނަ އަހަރު ބޮޑު ކާމިޔާބެއް ހޯދި ތަމަޅަ ފިލްމެއްގެ ނަކަލެކެވެ. މި މިލްމު އުފެއްދުމުގައި ރިލަޔަންސްގެ ގެ އިތުރުން އަޖޭގެ ފިލްމު ކުންފުނި އަދި މި ފިލްމުގެ އަޞްލު އުފެއްދި ތަމަޅަ ކުންފުނިންވެސް ޙިއްޞާވާނެއެވެ. ޖަލުން ނިކުންނަ މީހަކު އޭނާގެ ދަރިފުޅާއި ބައްދަލުކުރަން ކުރާ މަސައްކަތުގެ ތެރެއިން، ކުށްވެރިންނާއި، ފުލުހުންނާއި ދެމެދު ހިނގާ ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމަކީ ގިނަބަޔަކު އިންތިޒާރުކޮށްގެން ތިބި ފިލްމެކެވެ.

ހަމަ މި ހަފްތާބަންދުގައި ނެރެން ތައްޔާރުކުރާ އަނެއް ފިލްމަކީ، ޝަކުން ބަޓުރާ ޑައިރެކްޓްކޮށް ކަރަން ޖޯހަރު އުފައްދާ ފިލްމެކެވެ. ފިލްމަށް އަދި ނަމެއް ދީފައި ނުވިޔަސް ފިލްމުގެ ލީޑް ރޯލުތަކުން ފެންނާނީ ދީޕިކާ ޕަދުކޯން، ސިއްދާތު ޗަތުރުވޭދީ އަދި އަނަންޔާ ޕާންޑޭކަން ވަނީ މީޑިޔާގައި ހާމަކޮށްފައެވެ.

ވެލަންޓައިންސް ޑޭގައި ބެލުން ތެރިންނާއި ހަމައަށް އަންނަ އަނެއް ފިލްމަކީ އާނަންދު ރާޖް ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރާ "އަތުރަންގީ ރޭ" އެވެ. މި ފިލްމުގެ ލީޑް ރޯލުން އަކްޝޭ ފެނިގެންދާ ކަމީ، މި ހަފްތާ ބަންދުގެ ފޯރި އިތުރަށް ގަދަވެގެން ދާނޭކަމެކެވެ.

މިގޮތަށް ބޮޑެތި ފިލްމުތައް އެއް ތާރީޚެއްގައި އެޅުވުމަކީ، ފިލްމު ގަންނަފަރާތްތަކުން ވަރަށް ކަންބޮޑުވާ ކަމެކެވެ. މިހެން ރިލީސްކުރާނަމަ ކޮންމެވެސް އެއް ފިލްމަކަށް ނުވަތަ ދެ ފިލްމަށް އޭގެ ނުރަގަޅު އަސަރު ކުރާނެއެވެ. މިކަމުގައި ދެން އެންމެ ބާރުބޮޑުވާނީ ފިލްމު އިޝްތިހާރުކުރާ ފަރާތްތަކަށެވެ. އެހެންކަމުން ބެލުންތެރިން ތިބީ މި އަންނަ އަހަރު ކަންތައްވާނެގޮތެއް ބަލަން ކެތްމަދުވެފައެވެ. 

ކިޔުންތެރިންގެ ހިޔާލު