ގޭމް އޮފް ތްރޯންސް: ނައިޓް ކިންގަކީ ހަމަ ބްރޭން ތަ؟

ޝަރޫނާ އަބްދުﷲ

އެމެރިކާގެ ލިޔުންތެރިޔާ ޖޯޖް ރޭމަންޑް ރިޗާޑް މާޓިން ލިޔުނު ވާހަކައެއްގެ މައްޗަށް ބިނާކޮށް އެޗްބީއޯ އިން އުފެއްދި، މަޝްހޫރު ސީރީސް ގޭމް އޮފް ތްރޯންސް ގެ އެންމެ ފަހު ސީޒަން ނެރެން ގާތްގަނޑަކަށް ދެމަސް ދުވަހަށް ވެފައިވާއިރު، އެންމެ ފަހުން ނެރުނު ޓްރެއިލާ ބަލާފައި އެތައް ބަޔަކު ދަނީ އެ ސީރީސް ނިމޭނެ ގޮތާއި، ސީރީސް ތެރޭގައި މީހުންނަށް ވާނެ ގޮތާއިމެދު އެތަކެއް ވާހަކަ ތަކެއް ދައްކަމުންނެވެ. އެގޮތުން އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ، ބްރޭންޑަން ސްޓާކް( އައިސާކް ހެމްޕްސްޓެޑް ރައިޓް)، އަކީ ނައިޓް ކިންގް ކަމެވެ.

ޓްރެއިލާ އިން ފެނިގެންދަނީ ޖޮން ސްނޯ( ކިޓް ހެރިންގްޓަން)، (އާރްޔާ ސްޓާކް(މެއިސީ ވިލިއަމްސް )އަދި ސަންސާ ސްޓާކް(ސޯފީ ޓާނާ) ގެ ބުދު ތަކެއް ބިންގަރާސް ތެރޭގައި ބަހައްޓާފައި ވަނިކޮށެވެ. އަދި އެތަނުގެ ތެރެއަށް ކުއްލިއަކަށް ވަރަށް ފިނިވެ ސްނޯގެ ތޫފާނެއް އަންނަން އުޅޭހެން ހީވާ ތަނެވެ. އިރުކޮޅަކުން ފެނިގެންދަނީ ދޫންޏެއްގެ ފަތެއް ވެއްޓި އެ ފަތް، ގަނޑު ވެގެން ދާ ތަނެވެ.

ޓްރެއިލާ ބެލުމަށްފަހު އެންމެ އާންްމުވި ވާހަކަ އަކީ އެ ބުދު ތަކުގެ ތެރޭގައި ބްރޭން ނެތް ވާހަކައެވެ. އަދި ބްރޭންޑަން ސްޓާކް އަކީ ނައިޓް ކިންގް ކަމަށް، މީހުން ކުރިން ގެންގުޅުނު ވިސްނުން ހަމަ ރަނގަޅު ކަމަށެވެ.

ބްރޭން އަކީ ނަައިޓް ކިންގް ކަމަށް ބުނާ އެތައް ސަބަބު ތަކެއް ވެއެވެ. އޭނައަށް ކުރިއަށް ވާން ހުރި ކަންތައްތައް ފެނުމާއި ނައިޓް ކިންގް އަށްވެސް ކުރިއަށް ވާން ހުރި ކަންތައްތައް ފެނުމަކީ އެއީ އެދެމީހުންނަކީ އެކަކު ކަމުގައި ވާތީ ކަމަށް ބައެއް މީހުން ބުނެއެވެ.

ބްރޭން ދަ ބިލްޑާ އަކީ ވެސް ބްރޭންޑަން ސްޓާކް ކަމަށް ބައެއް މީހުން ގަބޫލު ކުރެއެވެ. ނައިޓްސް ވޮޗްގެ ފާރު ބިނާކުރުމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރި ބްރޭންޑަން ދަ ބިލްޑާއަށް ފާރު ހަދާނެ ގޮތް ބުނެދިނީ ބްރޭން ކަމަށް ވެއެވެ. އޭނާގެ ބާރުގެ ބޭނުން ކޮށްގެން ފާރު ބިނާ ކުރި އިރަށް ބްރޭން ދިޔަކަމަށްވެއެވެ.

ނައިޓް ކިންގަށް ވަނީ ބްރޭން އޭނާގެ ބާރުގެ ބޭނުން ކޮށްގެން ދަތުރު ކުރަނިކޮށް ފެނިފައެވެ. އަދި އޭނަގެ ގައިގަ އަތްވެސް ލާފައެވެ. އެހެންނަމަވެސް އޭނަ މަރައެއް ނުލައެވެ. އަދި ވައިޓް ވޯކާސް ގެ ތެރެއިން އެކަކުވެސް ދުވަހަކުވެސް ބްެރޭން އާއި ދިމާލަކަށް ނާދެއެވެ. މިއީވެސް ހަމަ އެ ސަބަބައްޓަކައި ވާ ކަމެއް ކަމަށް ގިނަ ފޭނުން ގަބޫލުކުރެއެވެ.

މީގެ އިތުރުންވެސް އެތައް ގޮތަކުން ބްރޭން އަކީ ނައިޓް ކިންގް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މިއީ ކިހާވަރެއްގެ ތެދެއް ކަމެއް އެނގޭނީ ސީރީސް އެއްކޮށް ނިމެންދެން ބަލާލީމައެވެ.

މި ސީރީސް ގެ އެންމެ ފަހު ސީޒަންގެ ފުރަތަމަ އެޕިސޯޑު ނިކުންނާނީ މި އަންނަ އެޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ. 

ކިޔުންތެރިންގެ ހިޔާލު