ބޮލީވުޑްގައި ދުވަހު މުސާރައަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީވުމަށް ފިލްމު އުފައްދާ ފަރާތްތަކުން ތެދުވަނީ

ޙަދީޖާ އަލީ

ބޮލީވުޑްގައި ޖޫނިއަރ އަރޓިސްޓުން އަދި އެހެނިހެން އެހީތެރިންގެ ގޮތުގައި މަސައްކަތްކުރާ ގިނަ މީހުންނަނީ ދުވަހު މުސާރައަށް މަސައްކަތްކުރާ ފަރާތްތަކެވެ. ކޮވިޑް-19 ގެ ސަބަބުން ފިލްމީ މަސައްކަތްތައް ހުއްޓުމަކަށް އައުމުން އެންމެ ބޮޑު ދައްޗެއް އެންމެ އަވަހަށް ކުރާނެ ބަޔަކީ ވެސް މި މީހުނެވެ. އެހެން ކަމުން އިންޑިޔާގެ ފިލްމު އުފައްދާފަރާތްތަކުން އިސްނަގައިގެން، ދުވަހު މުސާރައަށް މަސައްކަތްކުރާ ފަރާތްތަކަށް އެހީވުމުގެ މަސައްކަތް ފަށައިފިއެވެ.

އެގޮތުން ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުނަށް އެހީވުމަށް ޚާއްސަ ފަންޑެއް ހުޅުވާ، މާލީ ދަތިކަން ކުރިމަތިވާ ފަރާތްތަކުގެ ފުރިހަމަ މައުލޫމާތު ހޯދާ އެއްކުރުމުގެ މަސައްކަތްދަނީ ކުރެވެމުންނެވެ. އަދި ވަރަށް އަވަހަށް މިކަމަށް ޚާއްސަ ބޭންކް އެކައުންޓެއްވެސް ހުޅުވިގެންދާނެއެވެ. އޭރުން ފިލްމީ ދާއިރާގެ މީހުން ނޫނަސް މި ފަންޑަށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް އެ މަގު ފަހިވެގެން ދާނެއެވެ.

މީގެ އިތުރުން މިފަދަ ފަރާތްތަކަށް ބޭނުންވާ ކާޑާއި ތަރުކާރީގެ ބާވަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ. މިހާރުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް ފިލްމުފަޔާ ސްޓޫޑިއޯއިން ހަނޑޫ، ހަކުރު، ފުއް އަދި މުގު ފަދަ ބާވަތްތައް ދޫކުރަމުންދާނެއެވެ. ގިނަ މީހުން އެއްވެ އުޅުން މަދުކުރުމަށްޓަކައި އެއްދުވަހު އެންމެން މިތަކެތި ހޯދުމަށް ޖަމާނުވުމަށް ޕްރޮޑިއުސަރުން އިލްތިމާސް ކުރެއެވެ. އަދި 10 ހާސް މީހުނަށް ފުދޭވަރަށް ކާޑުގެ ބާވަތްތައް ދޫކުރެވެން ހުންނާނެކަމުގެ ޔަގީންކަންވެސް ފިލްމު އުފައްދާ ފަރާތްތަކުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު