ހާމަ ތަންތަނަށް ކުޑަކަމު އަދި ބޮޑުކަމު ނުދިއުމަށް އަމީތާބު ގޮވާލައިފި

ޙަދީޖާ އަލީ
އަމީތަބު ބައްޗަން އަމީތަބު ބައްޗަން

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށާއި އެކަމަށް މީހުން ހޭލުންތެރިކުރުމަށް އެންމެ އިސް ސަފުގައި މަސައްކަތް ކުރަމުން އަންނަ، ބޮލީވުޑްގެ މެގަ ސްޓަރ އަމީތާބު ބައްޗަންވަނީ، ހާމަ ތަންތަނަށް ކުޑަކަމު އަދި ބޮޑުކަމު ނުދިއުމަށް އިންޑިޔާ މީހުނަށް ގޮވާލާފައެވެ. އަމީތާބު މިކަމަށް ގޮވާލީ އޭނާ ސޯޝަލް މީޑިޔާގައި އާންމުކުރި ވިޑިއޯ އެއްގައެވެ. ވީޑިއޯގައި އަމީތާބު ބުނީ "ބަންދު ތަންތަނަށް ފާޚާނާ ކުރާނަމަ، ވައިރަސް ވެސް ބަންދުވާނެ" ކަމަށެވެ.

އެންމެ ފަހުގެ ހޯދުންތަކުން ދައްކާގޮތުގައި ކޮރޯނާ ވައިރަސް، އިންސާނުން ކުޑަކަމުދާ އަދި ބޮޑުކަމުދާ ނަޖިހުގައި ވެސް ހުރެއެވެ. އަދި ހާމަ ތަންތަނަށް ބޮޑުކަމު އަދި ކުޑަކަމު ދާނަމަ މިވައިރަސް ފެތުރެން ފަސޭހަ ވާނެއެވެ. އެހެން ކަމުން އަމިތާބުގެ ވީޑިއޯގައި އިތުރަށް އަމީތާބު ހާމަ ކުރި ގޮތުގައި "ޗައިނާގެ ދިރާސާ އަކުން ދައްކާގޮތުގައި އިންސާނުންގެ ނަޖިހުގައި އެތައް ހަފްތާއެއް ވަންދެން މި ވައިރަސް ދިރި ހުރޭ. ބަލިމީހާ ބަލިން ރަގަޅު ވާ އިރުވެސް ނަޖިހުގައި މިވައިރަސް ހުރެދާނެ. އަދި މެއްސާއި އެހެނިހެން ދިރޭތަކެތީގެ ޒަރީއާއިން މޭވާ އާއި ތަރުކާރީ އަށް އަރާ އިންސާނުންނަށް ވާޞިލް ވެދާނެ. އެހެން ކަމުން މިވަގުތަކީ ގައުމީ މޮޓޯ ކަމަށްވާ، ސާފު އިންޑިޔާގެ ރޫހުގައި މިކަމާއި ދެކޮޅަށް ތެދުވަންވީ ވަގުތު" ކަމަށް ވެސް ފާހަގަ ކުރިއެވެ.

ރަސްމީ ރެކޯޑްތައް ދައްކާގޮތުން އިއްޔެއާއި ހަމައަށް އިންޑިޔާގައި 693 މީހަކު މިބައްޔަށް ޕޮސިޓިވް ވެ، 13 މީހަކު ވަނީ މަރުވެފައެވެ. އިންޑިޔާ ފާހަގަ ކުރެވެނީ ބައްޔަށް ޕޮސިޓިވް ވުމުން ނުވަތަ ބައްޔަށް ޝައްކުވެގެން ކަރަންޓީނު ކުރުމުން ގިނަ ބަޔަކު ފިލައިގެން އުޅޭ ގައުމެއްގެ ގޮތުގައެވެ. އެހެންކަމުން މި ގައުމުގައި މި ބައްޔަށް ޕޮސިޓިވް މީހުންގެ ސީދާ އަދަދު ބުނަން ވަރަށް ދަތިވާނެކަމަށް މީޑިޔާތަކުން ހާމަ ކުރެއެވެ.   

ކިޔުންތެރިންގެ ހިޔާލު