ބިކަވި ދެހިތުގެ ކެކުޅުން

ޙުސެއިން ޝާހް

ކައިވެންޏެއްގެ އެންމެ މުހިންމު އެއް މަގްސަދަކީ ހެޔޮލަފާ ޞާލިހު ދަރިފަސް ކޮޅެއް އުފަން ކުރުވުން ކަމުގައި ވީހިނދު، އެދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމުގެ ޒިންމާ މައިންބަފައިންގެ މައްޗަށް ވާޖިބުވެއެވެ. އާއިލާ ރޫޅުނު ކަމުގައި ވީނަމަވެސް ދަރިންގެ ހުރިހައި މަސްއޫލިއްޔަތެއްގެ ޒިންމާ އަކީ މަންމައާއި ބައްޕަގެ މައްޗައް ހަމަހަމަ ވެގެންވާ ކަމެކެވެ. ނަމަވެސް ހިތާމައަކީ މި މުސްލިމު މުޖުތަމައުގައި ވެސް ދަރިންނާއި މެދު އިހުމާލު ވެވޭތަން ފެންނަމުންދާކަމެވެ. މިފަދައިން ހިތްދަތިކަމުގައި އުޅެން މަޖުބޫރު ކުޑަކުޑަ އާއިލާއެއްގެ އުދާސްތައް ތިޔަ އެންމެ ބެފުޅުންނާއި ހިއްސާކޮށްލެވެތޯ ބެލީމެވެ.

ކޮންމެ ބައިވެރިއަކު ޒަވާޖީ ހަޔާތެއް ފަށަނީ އުމުރަށް އެކީ އުޅެން ވައުދު ވަމުންނެވެ. ރީތި ފޮނި ހުވަފެން ތަކެއް ދެކެމުންނެވެ. އެހެންނަމަވެސް ދިރިއުޅުން އިމްތިހާނަކަށް ވެގެންދަނީ ލޯމަރާލާފައި ލޯ ހުޅުވާލެވޭހާ ކުޑަ ހިދުކޮޅެއްގެ ތެރޭގައެވެ. އަހަރެން މިކިޔައިދެނީ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ގެބިގެން ދިޔަ ގޮތުގެ ވާހަކައެވެ. އެހެން އަންހެނެއްގެ އަވައިގައި ޖެހި އަހަރެމެންގެ ދެމައިން ބިކަކޮށްލި ގޮތުގެ ވާހަކައެވެ. އަބަދާއި އަބަދު ބައްޕި ކިޔަމުން ލޯބިން އެބައްޕަގެ ގައިގައި ބައްދާލައިގެން އޮންނަން ބޭނުންވި ތިން އަހަރުގެ ދަރިފުޅު ނިކަމެތިވާން ދޫކޮށްލި ހިތްދަތި ވާހަކައެވެ.

އަހަރެންގެ ދަރިފުޅު އެންމެ ގަޔަވާ ކުލައަކީ ނޫ ކުލައެވެ. އެއީ ނޫކުލައަކީ ދަރިފުޅުގެ ބައްޕައަށް ރީތި ކުލައެވެ. އާ ޖިންސެއް، ހެދުމެއް، ބޮލުޖަހާ އެއްޗެއް ގަތްނަމަވެސް ނޫކުލަ ނޫނީ ކަމަކު ނުދެއެވެ. މިހާރު އަހަރެންގެ އެ ލޯބިލޯބި ދަރިފުޅު 7 އަހަރާ ގާތް ވަނީއެވެ. އަހަރެންގެ މައުސޫމް ދަރިފުޅު އެއްލާލާފައި އަހަރެންގެ ފިރިމިހާ ދިޔަތާ ހަތަރު އަހަރު ވަނީއެވެ. ވަރިކޮށް އެއްލާލުމަށްފަހު އެންމެ ފަހަރަކުވެސް ދަރިފުޅު ދެކެލަން އޭނައެއް ނާދެއެވެ. 

އޭނަ އަހަރެން ވަރިކޮށްލީ ކޮން ކުށެއް ކުރެވިގެން ކަމެއް މިއަދާއި ހަމައަށްވެސް އަހަރެންނަށް ނޭންގެއެވެ. ފުރަތަމަ ވަރިކޮށްލުމަށްފަހު އަލުން ކައިވެނި ކުރީ އޭނަގެ މައިންބަފައިންގެ އާދޭހާ ނަސޭހަތަށް ކަމަށްވެސް ވެދާނެއެވެ. އަހަރު ނުވަނީސް ދެވަނަ ފަހަރު ވަރިކޮށްލިއެވެ. އަހަރެންގެ ދަރިފުޅަށްޓަކައި ނަމަވެސް އެހެން ނެހެދުމަށް އެދި އަހަރެން އޭނާގެ ފައިދަށަށް ވެއްޓި ސަލާން ޖެހީމެވެ. އެކަމުން އޭނައަށް އެއްވެސް އަސަރެއް ނުކުރުމުން އޭނަ ހޯދި އަލަތު ލޯބިވެރިޔާއަށް ގުޅައިގެން މޮޔައެއްގެ އުސޫލުން އާދޭސްވެސް އަހަރެން ކުރީމެވެ.

އަހަރެންގެ ދަރިފުޅުގެ ބައްޕަ އަހަރެންގެ ފުރާނަ ފަދަ ލޯބިވާ ދަރިފުޅާއި ވަކި ނުވުމަށް އެދި ސަލާން ޖެހީމެވެ. އެހެނަސް ބަފައިމީހާ ހިތުގައި އަހަރެންނަށް ނެތް ކުލުނު ދަރިފުޅާއި މެދުވެސް އޭނާގެ ހިތުގައި ނެތީއެވެ. ދުނިޔެއަށް އެންމެ ފުރަތަމަ ދަރިފުޅު ނޭވާލި ހިނދުވެސް އެއީ ހިތްބަލި ކުއްޖެއްކަން އޭނައަށް އެގޭނެއެވެ. ވިހޭ ދުވަހު އެދަރިފުޅަށް ފަރުވާ ދިނުމަށް އަހަންނާއި ވަކިކޮށް މާލެ ގެންދިޔަ ހަދާން އޭނާ ނެތުނީހެއްޔެވެ؟ ދަރިފުޅު ހިތުގަ ޖެހޭކަމެއް ނުކުރުމަށް ބުނެ ޑޮކްޓަރުން ދިން ނަސޭހަތް ހަދާންވެސް އެނާ ނެތުނީހެއްޔެވެ؟. ބަފައި ކުލުނުގެ ޒައްރެއްހާ މިންވަރު ހުރި ނަމަވެސް އެހަނދާނެއް އޭނާ ނުނެތޭނެއެވެ. އަމިއްލަ އެދުން ބޮޑުވެ ދުނިޔެއަށް ހެއްލުނު މީހަކަށް އިތުރަށް ވިސްނޭނީ ކޮންއެއްޗެއް ހެއްޔެވެ؟

އަހަރެންގެ ދަރިފުޅު ކުރާ އެތައް ހާސް ސުވާލުތަކުން އަހަރެންގެ މައިލަގޮނޑިއަށް ކުރާ ބާރު ދެނެވޮޑިގެން ވާނީ ހެއްދެވިފަރާތެވެ. ބައްޕަ ނާންނަނީ ކީތްވެތޯ ބައްޕަ ނުގުޅަނީ ކީތްވެތޯ ބައްޕަ ކޮއްކޮ ދެކެ ލޯބި ނުވަނީ ކީތްވެތޯ އެތައް ފަހަރަކު އަހަރެންގެ ދަރިފުޅު އަހައެވެ. އަހަރެން ވަކި ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ބޮޑުވަމުން އަންނަ ވަރަކަށް ކަންކަން ވަމުން ދާގޮތް ދަރިފުޅަށްވެސް އެބަ ވިސްނެއެވެ. ބައެއް ފަހަރު ހިތުގައިވާހާ ޝަކުވާތައް ސިއްރު ކުރަން އުޅެއެވެ. އެހެނަސް ކުދިން އުރާލައިގެން އެކުދިންގެ ބައްޕައިން އުޅޭތަން ބަލަން ފެންކަޅިވެ ގިސްލެވިފައި ހުރެއެވެ. އަހަރެންގެ މޭމަތީގައި ބޮނޑިވެގެން އޮވެ ހިތު ޖެހިޖެހިފައި ރޮއެވެ. ދަރިފުޅުގެ ކަރުނައިން މި މައިމީހާގެ ހިތް ފަޅައިގެން ދާހާވެއެވެ. ދަރިފުޅުގެ ލޮލުން ހިތްދަތި ކަމުގެ ކަރުނަ ފެނުމަށް ވުރެ ބޮޑު އިމްތިހާނެއް ވެދާނެ ހެއްޔެވެ؟

އަހަރެން މިދަނީ ލިބޭ ކޮންމެ ޗުއްޓީއެއްގައި ދަރިފުޅު ގޮވައިގެން މާލެ ގޮސް ޑޮކްޓަރަށް ދައްކަމުންނެވެ. އެކަނި މައި އެކަނި އެއް ޑޮކްޓަރު ކައިރިން އަނެއް ޑޮކްޓަރު ކައިރިއަށް އަހަރެމެން ދެމައިން ހިނގަމުން ދާއިރު ދަރިފުޅުގެ ބައްޕަ އެއުޅެނީ އޭނަގެ ލޯބިވާ ދަރިފުޅާއި އަނބިމީހާއާއި އެކު އަވަދި ނެތިއެވެ. ދަރިފުޅު ހިތުގަ ޖެހޭ ކަންތައް ނުކުރާށޭ ބުނެ ޑޮކްޓަރު ނަސޭހަތް ދެނީ އަހަރެންނަށެވެ. އަހަރެންނަށް ވީ ވަރަކުން ދަރިފުޅު އުފާ ކޮށްދެމެވެ. އެހެނަސް ދަރިފުޅު ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓެމުން އެދަނީ އަހަރެންގެ ސަބަބުން ނޫންތާއެވެ. އެހާވަރުން ހިތް ނުފުރިގެން އަހަރެންގެ ދަރިފުޅަށް ގުޅައި މިދަރިފުޅުދެކެ އޭނަގެ މައިން ބަފައިން ލޯބިވަތީ  އެ ޝަކުވާ ވެސް ކުރަނީ އޭނައެވެ. އޭނަ ބުނާ ގޮތުން އޭނަގެ ކުޑަދަރިފުޅު ދެކެ މަންމަމެން ނުވާ ލޯތްބެއް އޭނަގެ ބޮޑު ދަރިފުޅު ދެކެވެސް ވެގެން ނުވާނެއެވެ.

ކިހާ ހެއްވާ ފިރިހެނެއް ހެއްޔެވެ؟ އޭނަ ލޯބި ނުދީ ބިކަ ހާލަށް އެއްލާލި އަހަރެންގެ ދަރިފުޅުދެކެ އެހެން މީހަކު ލޯބި ވާންވެސް އެރަހުމުނެތް ހިލަ ހިތަށް ކުޅަދާނައެއް ނޫނެވެ. އަހަރެންގެ ދަރިފުޅު ދެކެލަން ބައްޕަ ނައިނަމަވެސް އަދިވެސް އެދަރިފުޅު އެންމެ ގަޔަވާ ކުލަ އަކީ ނޫ ކުލައެވެ. އެންމެ ފަހަރަކު ނަމަވެސް އައިސް އުރާލާނެ ދުވަހަކަށް އެދަރިފުޅު ކުރާ އިންތިޒާރަށް ނިމުމެއް ނާދެއެެވެ. މީ އަހަރެން ދެމައިން އުޅެމުންދާ ނިކަމެތި ހާލެވެ. އަހަރެން ބުނެލަން އޮތީ އެންމެ ވާހަކައެކެވެ. ދަރިންނަކީ ހަވާލު ކުރެވޭ އަމާނާތެއްކަން ހަދާން ކުރާށެވެ. ސުވާލު ވޭވޭނެ ދުވަހެއް އަންނާނެކަން ކަަށަވަރެވެ.

ކިޔުންތެރިންގެ ހިޔާލު
ކޮކީ
ރޮވިއްޖެ ހުވާ
ޢާމިނަތު
ޜޮވިއްޖެ.ތިޔަ ފިރިހެނާޢަށް ތިކަމުގެ ބަދަލުދައްކަވާނެ.