ދަ ރޮކް ކޮވިޑް 19 އަށް ޕޮސިޓިވްވެއްޖެ

ދަ ރޮކް ދަ ރޮކް

މަޝްހޫރު އެކްޓަރު އަދި ރެސްލަރ ޑްވޭން ޖޯންސަން ނުވަތަ ދަ ރޮކް ކޮވިޑް 19 އަށް ޕޮސިޓިވްވެއްޖެއެވެ. 

އިންސްޓަގްރަމްގައި އާއްމުކުރި ވީޑިއޯއެއްގައި ރޮކް ވަނީ އޭނާގެ އަންހެނުންނާއި ދެ ދަރިންނަށް ކޮވިޑް ޖެހިފައިވާކަން ހާމަކޮށްފައެވެ. އަދި އެމީހުންނަށް ކޮވިޑް ޖެހުނީ ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅާފައި ވަނިކޮށް ކަމަށް އޭނާ ބުންޏެވެ. އޭނާގޭ އާއިލާ ކޮވިޑަށް ޕޮސިޓިވްވީ އާއިލީ ރައްޓެހިންތަކެއްގެ ފަރާތުން ކަމަށް ބެލެވޭ ކަމަށް އޭނާ ބުނެފައިވެއެވެ. 

މިހާރު ބަލިން ރަނގަޅު ވެފައިވާ ކަމަށް ބެލެވޭ ކަމަށާއި އޭނާއަށް ބަލި ޖެހުނީ މީގެ ދެ ހަފްތާކުރިން ކަމަށް ބެލެވޭ ކަމަށް އޭނާ ބުންޏެވެ. އާއިލާއެއްގެ ގޮތުގައި ކަޑައްތުކުރި އެންމެ ދަތި ދުވަސްތަކަކީ މިއީ ކަމަށް އޭނާ ބުންޏެވެ. 

އޭނާ ވަނީ މާސްކް އެޅުމާ ދެކޮޅަށް މަސައްކަތްކުރަމުންދާ މީހުންނަށް ރައްދު ދީފައެވެ. އެގޮތުން އެއީ ސިޔާސީ ކަމެއް ނޫން ކަމަށާއި އެއީ މި ބަލިން ރައްކާތެރިވުމަށް ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅެއް ކަމަށް އޭނާ ބުންޏެވެ. 

ރޮކް އަކީ ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެކްޓަރެވެ. އޭނާ ވަނީ މިއަހަރު ޖޫން މަހުގެ ނިޔަލަށް އާމްދަނީގެ ގޮތުގައި 87.5 މިލިއަން ޑޮލަރު ހޯދާފައެވެ. 

ކިޔުންތެރިންގެ ހިޔާލު