އޭ ބަލަ މިހިރަ ލަތީފާ، ޑައިނެޒެކްގެ ހުނަރުވެރި ފަންނާނުންގެ ފުރިހަމަ މަސައްކަތެއް

ޑައިނެޒެކްގެ ވީޑިއޯގެ ތެރެއިން ޑައިނެޒެކްގެ ވީޑިއޯގެ ތެރެއިން

"އޭ ބަލަ މިހިރަ ލަތީފާ. ކޮންތާކަށް ގޮއްސަތަ ތި އަންނަނީ؟ އަޖައިބެއް މީހަކު ނުވާނެތަ މީނަޔާގެން." ރިޔާޒަށް ތިއްތި ދެއްކެން ލަތީފާ ލައްކަތަނައްގޮސް ލައްކަ ގަނޑެއްގަނެފިތާއެވެ. ކުޅި ބަލަންހުރި ހާޖަރާގެ މި ބަސްކޮޅަކީ ދިވެހީންގެ ތެރޭގައި އެންމެ މަޝްހޫރު ޑައިލޮގެވެ.

1987ވަނަ އަހަރު ނުކުތް ފިލްމު "އިތުބާރު" ގައި ފެނިގެންދާ މި ޑައިލޮގަކީ ތާއަބަދައް ދިވެހީންގެ ތެރޭގައި ދެމި އޮންނާނެ، ދިވެހި ފިލްމަކުން ފެނުނު އެންމެ މޮޅު ޑައިލޮގެވެ. މިފަހަރު ހާޖަރާގެ މި ޑައިލޮގަށް އިތުރު ފުރިހަމަކަން ގެނެސްދިނީ "ޑައިނެޒިއެކް" ގެ އުފެއްދުމެއްގެ ގޮތުގައި ނުހާ ކިޔާ ދިވެހި ފަންނާނަކު އިންސްޓަގްރާމަށް ލި ވީޑިއޯއެކެވެ.

ހާޖަރާގަ ކުޅަދާނަ އެކްޓިންގ އަކަށް ހަމަ ތަންފުކެއްވެސް ދުލެއްނުކުރެއެވެ. ހިތާމަވެރި ޑައިލޮގުތަކުން ބެލުންތެރިން ހެއްވާލުމަކީ ހާޖަރާއަށް އެކަނި ހާއްސަކަމެއް ނޫންކަން ސާބިތު ކޮށްދީފިއެވެ. މި ވީޑިއޯއަށް ތައުރީފު ކުރަނީ ހަމައެކަނި އާންމު ރައްޔިތުންނެއް ނޫނެވެ. ޔޫތު މިނިސްޓަރު އަޙްމަދު މަޙްލޫފް ވަނީ މިއީ ޒުވާން ހުނަރުވެރި ފަންނާނުންތަކެއްގެ ފަރާތުން ފެނިގެންދިޔަ ވަރަށް މޮޅު މަސައްކަތެއް ކަމަށް ބުނެ ތައުރީފްކުރައްވާފައެވެ.



ހަމައެހެންމެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ ހާޖަރާގެ މަޝްހޫރު ޑައިލޮގަކަށް ފެނިގެންދިޔައީ ވަރަށް 'އެކްސްޕެރެސިވް' އަދި ފަންނުވެރި މަސައްކަތެއް ކަމަށެވެ. އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވެސް ވަނީ މި ވީޑިއޯ ވަރަށް ގިނަ ފަހަރު ބައްލަވާފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ވަނީ މި ވީޑިއޯގައި ހަރަކާތްތެރިވި ފަންނާނުންނަށް ތައުރީފް ކުރައްވާފައެވެ.



ދެން "ޑައިނެޒިކް" އިން ގެނެސްދޭނީ ކޮން ވީޑިއޯއެއްތޯ ބަލަން ގިނަ ބަޔަކު ތިބީ ކެތްމަދުވެފައެވެ. މީގެ ތިން ދުވަސް ކުރިން ޔޫޓިއުބަށް އަޕްލޯޑް ކުރި ވީޑިއޯއަށް 2000 އަށްވުރެ ގިނަ ވިއުސް ލިބިފައިވާއިރު ޓްވިޓަރ އަދި ފޭސްބުކްގައި ގިނަ އަދަދެއްގެ ބަޔަކު އަންނަނީ މި ވީޑިއޯ ޝެއަރ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު