ސިމްބޮލިކް ރިކޯޑްސްއިން ސްރީލަންކާގެ ފަންނާނުންނާއިއެކު އަލްބަމެއްގެ މަސައްކަތް ފަށަނީ

ދިވެހިރާއްޖޭގައި ހިޕްހޮޕް އަދި ރެޕް މިއުޒިކް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ، ރާއްޖޭގެ އެންމެ މަޝްހޫރު ހިޕްހޮޕް ލޭބަލް، ސިމްބޮލިކް ރިކޯޑްސްއިން އަވަށްޓެރި ސްރީލަންކާގެ ހިޕްހޮޕް ފަންނާނުންނާއިއެކު އަލްބަމެއްގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.
ސިމްބޮލިކް ރިކޯޑްސްއިން ބުނީ، ޔޫތު މިނިސްޓަރ އަޙުމަދު މަޚްލޫފުގެ އެހީތެރިކަމާއިއެކު، ސްރީލަންކާގެ އެންމެ މަޝްޙޫރު ހިޕްހޮޕް ޕްރޮޑިއުސަރ އިރާޖް ވީރަރަތުނޭ އާއި ބައްދަލުކޮށް، ދިވެހި ރެޕް އާޓިސްޓުންނާއި ލަންކާގެ ރެޕް އާޓިސްޓުންގެ މަސައްކަތް އެކުގައި ހިމެނޭ އަލްބަމެއްގެ މަސައްކަތް ކުރުމަށް އެއްބަސް ވެވިފައިވާ ކަމަށެވެ.
މިކަމާއި ގުޅޭގޮތުން ޔޫތު މިނިސްޓަރު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވަނީ ލަންކާ އަދި ރާއްޖޭގެ ރެޕް ސީންގައި ހަރަކާތްތެރިވާ ޒުވާނުންނަށް ފުރުސަތުތައް ހޯދައިދީ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާ ކުރެވިފައިވާތީ އިރާޖަށް ޝުކުރު ދަންނަވާފައެވެ. ހަމައެހެންމެ ލަންކާގެ ޔޫތު މިނިސްޓަރ ނަމާލް ރާޖަޕަކްސާއާއެކު ޒުވާނުންނަށް މިފަދަ އިތުރު ފުރުސަތުތައް ފަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ.
މި އަލްބަމްގެ މަސައްކަތް ކުރިއަށްދާއިރު ސްރީލަންކާގެ ފަންނާނުން ރާއްޖެއަށް އައިސް، އަދި ދިވެހި ފަންނާނުން ސްރީލަންކާއަށް ގޮސް ތަޖުރިބާ ހިއްސާ ކުރުމުގެ މަސައްކަތްތަކެއްވެސް ކުރުމަށް ރޭވިފައިވާކަމަށް ސިމްބޮލިކް ރިކޯޑްސްއިން ބުންޏެވެ.
އެ ލޭބަލްއިން ބުނީ މި އަލްބަމް އުފެއްދުމުގެ މައިގަނޑު މަގުޞަދަކީ ދިވެހި ރެޕަރުންނަށް ރާއްޖެއިން ބޭރުގައި ހުނަރު ހުށަހެޅުމަށް ފުރުޞަތުތައް އިތުރުކޮށް، ދިވެހި ރެޕަރުންނަށް އާމްދަނީ ހޯދޭނެ އައު މާކެޓެއް ހޯދުން ކަމަށެވެ.
އަދި މީގެ އިތުރުން ސްރީލަންކާގެ ފެސިލިޓޭޓަރުންނާއިއެކު ޔޫތު މިނިސްޓްރީއާއި ސިމްބޮލިކް ރިކޯޑްސް ގުޅިގެން ހިޕްހޮޕް މިއުޒިކާއި މިއުޒިކް ވީޑިއޯ ޕްރޮޑަކްޝަން ވަރކްޝޮޕްތަކެއް މިކަމަށް ޝައުގު ހުންނަ ޒުވާނުންނަށް އަމާޒުކޮށްގެން ހިންގުމަށް މަޝްވަރާ ކުރެވެމުންދާ ކަމަށް އެ ލޭބަލްއިން ވަނީ ބުނެފައެވެ. މި މަސައްކަތުގައި ސްރީލަންކާގެ ޔޫތު މިނިސްޓްރީގެ އެހީތެރިކަން ހޯދުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް ސިމްބޮލިކް ރިކޯޑްސްއިން ބުންޏެވެ.
2013 ވަނަ އަހަރު އުފެދުނު ސިމްބޮލިކް ރިކޯޑްސްއިން މިހާތަނަށް ހުސް އަމިއްލަ ރާގު ހިމެނޭ 7 އަލްބަމް ނެރެފައިވާއިރު މީގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ހިޕްހޮޕް/ރެޕް އަލްބަމާއި ދިވެހި ރެޕް އާޓިސްޓެއްގެ ފުރަތަމަ ސޯލޯ އަލްބަމްވެސް ހިމެނެއެވެ. މި 7 އަލްބަމްގެ އިތުރުން އެ ލޭބަލްއިން ވަނީ ސިންގަލްގެ ގޮތުގައިވެސް އެތައް އަމިއްލަ އުފެއްދުމަކާއި ގިނަ އަދަދެއްގެ ވީޑިއޯ ލަވަތައްވެސް އާންމުންނަށް ގެނެސްދީފައެވެ.