އަހަރެންގެ ފަރާތުން ކުށެއް ކުރެވިފައިވާނަމަ މަޢާފްކުރާށެވެ!

އީމާ މުހައްމަދު ވަހީދު

އަޅުގަނޑުމެން ގުނަމުން މިދަނީ ބަރަކާތްތެރިވެގެންވާ ރަމަޟާން މަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކެވެ. ރަމަޟާން މަހަކީ ބަރަކާތާއި މާތްކަމުން ފުރިފައިވާ މަހެކެވެ. އަޅުކަން ކުރުމުގައި ގިނަ ވަގުތު ހޭދަކުރަންޖެހޭ މައްސަރެކެވެ. އެކުވެރިކަމާއި އޯގާވެރިވަންތަކަން އިސްކުރަންވީ މަހެކެވެ. ފަގީރުންނަށާއި މިސްކީނުންނަށް އަޅާލައި، ޞަދަގާތް ކުރުން ފަދަ އަމަލުތައް ކުރުން ގިނަ ކުރަންވީ މަހެކެވެ. ހިތުތެރޭގައި މީހުންނަށްވާ ނަފްރަތާއި ރުޅިވެރިކަން ހަނދާން ނައްތާލައި، އާ ފެށުމަކުން ފަށަންވީ މަހެކެވެ. ތިބާއަށް ވެސް މީހަކާއި ދޭތެރޭ ގޯސްކޮށް ކަންތައް ކުރެވިފައިވާނަމަ އެކަމަކަށް އެމީހެއްގެ ކިބައިން މަޢާފަށް އެދުން އަވަސްކުރާށެވެ.

ކޮންމެ އިންސާނަކަށްވެސް ކުށްކުރެވޭނެއެވެ. އެއްވެސް މީހަކީ ފުރިހަމަ މީހެއް ނޫނެވެ. އުނި ސިފައަކާއި ނުލައި އެއްވެސް އިންސާނެއް ހައްދަވާފައެއް ނުވެއެވެ. އަހަރެމެންނަށް މިހެން މީހުންގެ ތެރޭގައި ދިރިއުޅުމުގެ ދުވަސްތައް ވޭތުކުރަމުން ދާއިރު، ހަމަގައިމުވެސް އެކުގައި އުޅޭ މީހުން ހިތްހަމަނުޖެހޭ ކަންތައްތައް ވެސް ކުރެވޭނެއެވެ. އެމީހުން ވަރަށް ރުޅިއަންނަ ކަހަލަ ކަންތައްތައް ވެސް ކުރެވޭނެއެވެ. އާއިލާ މީހުން ދެރަވާ ކަހަލަ ކަންކަން ވެސް ކުރެވޭނެއެވެ. ނަމަވެސް ހެޔޮ ޞާލިހު އަޅަކީ އެމީހަކަށް ކުރެވޭ ކުށްތަކަށް މަޢާފަށް އެދި ކުށް ގަބޫލުކުރާ މީހާއެވެ.

މި ދާއިމީ އާލަމުގައި ދުވަސްތައް ވޭތުކުރަމުން ދާއިރު އެކުގައި އުޅޭ އެކުވެރިންނާއި އާއިލާ އަދި ގާތްތިމާގެ މީހުން ހިތްހަމަ ނުޖެހޭ ގޮތަށް އުޅެންވެސް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. ނުވަތަ މީހަކަށް ޑިޕެންޑް ވެގެން އުޅޭކަށް ވެސް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ އަމިއްލަ މަސައްކަތުން އަމިއްލަ ހާލައިގެން އުޅޭށެވެ. އެހެނަސް ދުނިޔޭގައި ކަންކަން ހިނގަމުންދާ ގޮތުން އެއްވެސް މީހަކަށް އެހެން މީހުންގެ މަދަދާއި ނުލައި ނޫޅެވޭނެއެވެ. އެކުވެރިންނާއި ނުލައި ނޫޅެވޭނެއެވެ. އެހެންކަމުން އެންމެ އެކީ ވަގުތުތައް ހޭދަކުރާއިރުވެސް ތިބާއަށް މީހަކު ހިތްހަމަ ނުޖެހޭ ގޯސްކަމެއް ކުރެވިފައިވާނަމަ އަވަހަށް މަޢާފަށް އެދޭށެވެ. ދެވަނަ ފަހަރަށް އެކަހަލަ ކުށެއް ތަކުރާރު ނުކުރުމަށް އަޒުމު ކަނޑައަޅާށެވެ.

ހަމަގައިމުވެސް، އެންމެ ވަރުގަދަ އަދި ބާރުގަދަ މީހަކީ ހަށިގަނޑުން އެންމެ ގަދަވެފައި ބާރުގަދަ މީހާއެއް ނޫނެވެ. އެންމެ ބާރުގަދަ މީހަކީ ފައިސާ ހުރި މުއްސަނދި މީހާއެއް ވެސް ނޫނެވެ. ހަގީގަތުގައި އެންމެ ވަރުގަދަ ބާރު ހުރި މީހަކީ އެމީހެއްގެ ރުޅި ކޮންޓްރޯލު ކުރަން ދަންނަ އަދި އަމިއްލަ ކުށް ގަބޫލުކުރަން ކެރޭވަރުގެ ހިތްވަރެއް އަމިއްލަ ގައިގައި ހުންނަ މީހާއެވެ. އަމިއްލަ މީހާއަށް ކުރެވޭ ކުށް ގަބޫލު ކުރުމަކީ އަމިއްލަ ނަފްސަށް ދެވޭ ދެރައެއް ނޫނެވެ. އަމިއްލަ މީހާ އެހެން މީހުންގެ ތެރޭގައި ދަށްކޮށްލާ ދެރަކޮށްލުމެއް ވެސް ނޫނެވެ. އޭގެބަދަލުގައި އަމިއްލަ ކޮށް ގަބޫލުކޮށް މަޢާފަށް އެދުމަކީ އެހެން މީހުންގެ އިތުބާރާއި ލޯބިވެސް ލިބިގެންދާ ކަމެކެވެ. އަހަރެންގެ ފަރާތުން ކުށެއް ކުރެވިފައިވާނަމަ މަޢާފްކުރާށެވެ!

ކިޔުންތެރިންގެ ހިޔާލު