އެންމެ މުއްސަނދި މީހާއަކީ މާތްﷲ އެމީހަކަށް މިންވަރު ކޮށްދެއްވި އެއްޗަކަށް ރުހޭ މީހާ

އީމާ މުހައްމަދު ވަހީދު

އެންމެންނަކީ މުއްސަނދިންނެއް ނޫނެވެ. ބޭނުންވާހާ އެއްޗެއް ވަގުތުން ވަގުތަށް ހާސިލުކުރުމުގެ ފެންވަރު ކޮންމެ މީހަކަށް ލިބިފައި ނުހުރެދާނެއެވެ. އަނބިދަރިންނަށާއި އާއިލާއަށް މީރު ކާނާ ކާންދީ، އެންމެ ފަހުގެ އަގުބޮޑު އެއްޗެހި ގަނެދިނުމުގެ ތަނަވަސްކަން އެންމެން ގަޔަކު ނުހުންނާނެއެވެ. ދުނިޔޭގެ އެންމެންނަކީ އެއްކަހަލަ ދިރިއުޅުމެއް އުޅޭ މީހުންނެއް ނޫނެވެ. މުއްސަނދިން އުޅޭ ފަދައިން ނިކަމެތި ފަގީރުންވެސް އުޅޭނެއެވެ. ނަމަވެސް އަތުގައި ކިތަންމެ ގިނަ ފައިސާއެއް ހުރި މީހަކު ކަމުގައި ވީނަމަވެސް ލިބޭ މިންވަރަށް ޝުކުރު ނުކުރަނީ ކަމުގައި ވާނަމަ އެމީހަކީ ހަގީގަތުގައި ވަރަށް ފަގީރު މީހެކެވެ. އޭގެބަދަލުގައި، ދެ އިރުގެ ކެއުންވެސް ރަނގަޅަ ނުލިބޭ މީހާވެސް، އެލިބޭ ކުޑަ އެތިކޮޅުން ހިތްހަމަޖައްސާލައިގެން ލިބޭ މިންވަރަށް ޝުކުރު ކުރާނަމަ އެމީހަކީ ވަރަށް މުއްސަނދި މީހެކެވެ.

ޝައްކެއްނެތެވެ. ގަދަކީރިވަންތަ ﷲ ވޮޑިގެންވަނީ ކެތްތެރިންނާއިއެކުއެވެ. އެކަލާނގެ ރިޒުގު އިތުރުކުރައްވާނީ، އެކަލާނގެ ދެއްވާ ރިޒުގަށް ޝުކުރުވެރިވާ އަޅުންނަށެވެ. ލިބޭ މިންވަރުން ފުއްދާލައިގެން އުޅޭ އަޅުންނަށެވެ. ކޮންމެ މީހަކުވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ މާތް ﷲ އެއްވެސް އިންސާނަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެކަމެވެ. އަޅުގަނޑުމެން ފައިސާއާއި މޫދާ ހޯދާއިރު މަކަރާއި ހީލަތް އިސްކުރާނަމަ، އެ ފައިސާއިން އަޅުގަނޑުމެންނަށް ކުރާނީ ހަމައެކަނި ވަގުތީ ފައިދާއެވެ. މާތްﷲ ނަހީކުރައްވާފައިވާ ކަންތައްތައް ކޮށްގެން ފައިސާ އާއި މުދާވެރިކަން ހޯދާ މީހުންގެ މުއްސަނދި ކަމެއްގައި މާތްﷲ ބަރަކާތެއް ނުލައްވާނެއެވެ. 

މި ޒަމާނަކީ އެންމެ ފަހުގެ މީހުން ހައިރާކޮށްލުވަނިވި އިޖާދުތަކާއި ތަފާތު އެކި ވަޞީލަތްތައް އަޅުގަނޑުމެންގެ ތެރެއަށް ތަޢާރަފްވަމުން ދާ ޒަމާނެކެވެ. އެހެންގޮތަކަށް ބުނާނަމަ، ދުނިޔެ މިއަދު މިވަނީ ބަވަނަވެފައެވެ. އަޅުގަނޑުމެންނަށް މޮޅެތި އަދި މީހުން ހައިރާންކޮށްލުވާފަދަ އެއްޗެހި ހެދުމުގެ ވިސްނުން ދެއްވި ގަދަކީރިވަންތަ އިލާޙު އެންގެވި މަގު ނޫން އެހެން މަގުތައް ހިޔާރުކުރަނީ އެއްވެސް ބިރެއް ނެތިއެވެ. އެކަލާނގެ ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކަށް އަރައިގަންނަނީ އެއްވެސް ބިރެއް ނެތިއެވެ. ޖެހިލުންވުމެއް ނެތިއެވެ. މާތްﷲ ދެއްވާއި ރިޒުގާއި ނިއުމަތްތަކަށް ޝުކުރުވެރިނުވެއެވެ.

ވިސްނާލައްވާށެވެ. އަޅުގަނޑުމެން މިއަދު އަގުބޮޑު އެންމެ ފަހުގެ ފޯނެއް ނުވަތަ އެހެން އަގު ބޮޑު އެއްޗެއް ނުގަނެވުމުން މާޔޫސްވާއިރު، ދުނިޔޭގެ އެކި ހިސާބުތަކުގައި ދެއިރު ބަނޑުފުރާނެ ކާފެންކޮޅުވެސް ނަސީބުގައި ނެތް ކުދިން އެބަ އުޅެއެވެ. ލާނެ އަންނައުނެއް ނުލިބިގެން ހުސްގަޔާއި އުޅޭ ކުދިން އެބަ ތިއްބެވެ. ވަންނާނެ ބޯހިޔާވަހިކަމެއް ނަސީބުގައި ނެތް ކުދިން އެބަ ތިއްބެވެ. ތައުލީމު ހާސިލުކުރުމުން މަހުރޫމުވެފައިވާ ވެސް އެތައް ކުދިންނެއް އެބަ ތިއްބެވެ. އަޅުގަނޑުމެންނަށް ލިބިފައި ނެތީ ކޯއްޗެއްތޯއެވެ؟ ގަދަކީރިވަންތަ އިލާޙް އަޅުގަނޑުމެންނަށް ދެއްވާފައިވާ ރިޒުގާއި، ރޯދިއަށް ޝުކުރުވެރިވާން ދަސްކުރާށެވެ. ތިބާއަށް ލިބޭ މިންވަރަކަށް ޝުކުރުވެރިވާށެވެ. ބޭނުންވާ އެއްޗެއް ނުލިބުމުން އެކަމާއި ޝަކުވާ ނުކުރާށެވެ.

ތިބާ ބޭނުންވަނީ މި ދާއިމީ ދުނިޔެއިން މުދާވެރިކަން ތޯއެވެ؟ ނުވަތަ ސުވަރުގެވަންތަވެރިއަކަށް ވާންތޯއެވެ؟ ހާސިލުކުރަން ބޭނުންވަނީ ވަގުތީ އުފާތޯއެވެ؟ ނުވަތަ ދާއިމީ އުފަލާއި ފަލާހްތޯއެވެ؟ މި ވަގުތީ އާލަމުގައި ކިތަންމެ ވަރަކަށް މުދަލާއި ފައިސާ އެއްކުރިއަސް، މާދަމާވެސް އެހުރިހާ މުދާތަކެއް ދޫކޮށް، މިދުނިޔެއަށް އަލްވިދާއު ކިޔަން ޖެހިދާނެއެެވެ. ތިބާއަށް ކިރިޔާވެސް ފައިދާއެއް ކުރާނީ ލިބޭ މިންވަރަކަށް ޝުކުރުކޮށްގެން، ހެޔޮއަމަލު ކުރުމުގައި ދެމިހުރެގެންނެވެ. މާތް ﷲ އެމީހަކަށް މިންވަރު ކޮށްދެއްވި އެއްޗަކަށް ރުހޭ މީހަކީ އެންމެ މުއްސަނދި މީހާއެވެ.

ކިޔުންތެރިންގެ ހިޔާލު