އިހްތިރާމް ލިބިގަންނަން ބޭނުންނަމަ އިހްތިރާމްކުރާށެވެ!

އާމިނަތު އަޙުމާ

ދުނިޔެއަކީ ތަފާތު ވައްތަރުގެ މީހުން ދިރިއުޅޭ ތަނެކެވެ. އެންމެން އެއްގޮތް ނުވާނެކަން ކޮންމެ މީހަކަށްވެސް ރަނގަޅަށް އެނގޭނެއެވެ. ނަމަވެސް ދުނިޔެ އުޅޭ ކޮންމެ މީހަކަށްވެސް ބޭނުންވާނީ އެއް ޒަރޫރީ ބޭނުންތަކެކެވެ. މިގޮތުން ފާހަގަކުރެވޭ އެއް ކަމަކީ ކެއިންބުއިމާއި، އުނިއަންނައުނާއި، ބޯހިޔާވަހިކަމުން ލިބުމުން ދެން އިންސާނުން ބޭނުންވާނީ އެހެން މީހުންގެ ފަރާތުން ލިބިގަންނަ މަންފާތަކެވެ. އޭގެ ތެރެއިންވެސް ވަރަށް މުހިންމު އެއްކަމެއްވެއެވެ. ކޮންމެ އިންސާނަކުވެސް ދުނިޔޭގައި އުޅޭ އުޅުން މުރާޖާކޮށް، އޭގެއަށް ބަސްބުނަން ތިބޭނީ އެމީހަކު ދިރިއުޅޭ މުޖުތަމައެއްގެ މީހުންނެވެ. ކޮންމެ މީހަކުވެސް ބޭނުންވާނީ މުޖުތަމައު ބަލައިގަންނަ މީހަކަށްވާށެވެ. މިގޮތުން މުޖުތަމައު އެމީހަކު ބަލައިގަތްކަން އެމީހުންނަށް ޢަމަލުން ދެއްކޭނީ އިހްތިރާމްކުރުމުގެ ޒަރިއްޔާއިންނެވެ.

އިހްތިރާމްގެ މުހިންމުކަން ކުޑައިރުއްސުރެ އަހަރެމެންނަށް އަންނަނީ އުނގަންނައިދެމުންނެވެ. އެއީ އަހަރެމެންގެ ފައިދާ އަށެވެ. ކޮންމެ މީހަކުވެސް އެދޭނީ އެމީހަކީ އެހެން މީހުންގެ ނަޒަރުގައި ރަނގަޅު، ހެޔޮ މީހަކަށް ވުމަށެވެ. އެމީހަކީ އިޖްތިމާއީ މިންގަނޑަށް ފެތޭ މީހެއްކަމަށް ނިންމާނީ މުޖުތަމަޢުގެ ޢާންމުން އެމީހަކަށް އިހްތިރާމްކުރާ މިންވަރުންކަން ކަށަވަރެވެ. ދެން އޮތް ސުވާލަކީ އިހްތިރާމަކީ މިހައި މުހިންމު އެއްޗަކަށް ވާއިރު އިހްތިރާމް ލިބިގަންނާނީ ކިހިނެއްހެއްޔެވެ. ޖަވާބު ވަރަށް ސާފެވެ. އިހްތިރާމް ލިބިގަންނަން ބޭނުންނަމަ ދަސްކުރަންވީ އެހެން މީހުންނަށް އިހްތިރާމްކޮށް، އެމީހުންނަށް ހެޔޮވާށެވެ. ކުރުކޮށް ފޮނިކޮށް ބުނާނަމަ އިހްތިރާމް ލިބޭނީ އިހްތިރާމްކޮށްގެންނެވެ.

ވާހަކަދައްކާއިރު ރީތި ބަހުން ވާހަކަ ދެއްކުމަކީ އިހްތިރާމްކުރުމުގެ ބިންގައު ކަމަށް ބެލެވިދާނެއެވެ. މީހެއްގެ ގޮތެއް އެމީހެއްގެ ބަހުން ނޭނގުން ކަމަށް ވިނަމަވެސް ރީތި ބަހުން ވާހަކަ ދައްކާ މީހަކު ބަލައިގަތުމަށް ފަސޭހަވެގެންދާނެކަން ޔަގީނެވެ. އެހެންކަމުން އެހެންމީހުން ތިމާއަށް އިހްތިރާމްކުރާނީ ތިބާ އެމީހުންނާއި ރީތި ބަހުން ވާހަކަ ދައްކައި، ރީތި އަޚްލާޤެއް އެމީހަކަށް ދެއްކުމުންނެވެ.

އެހެންމީހުންގެ އެދުން ތަކާއި އެމީހުންގެ ބޭނުންތަކަށް ކަމޭ ހިތުމާއި އެހެން މީހުންނަށް އަޅައިލުމަކީވެސް މުހިންމުކަމެކެވެ. ހިނިތުންވުމަކާއެކު އެހެން މީހުންނަށް ހެޔޮހިތުން އެހީތެރިވެ އުޅޭށެވެ. ތިބާއަށް އޭގެ ބަދަލުގައި ފަހުންވެސް މަންފާއެއް ލިބެން ނެތަސްވެސް އެހެން މީހުންނަށް ހެޔޮކޮށް ހިތާށެވެ. އޭރުން ތިބާއަށް އިހްތިރާމްނުކުރާ މީހަކަސް ތިބާއަށް އިހްތިރާމްކޮށް ކަމޭ ހިތަން މަޖުބޫރުވާނެއެވެ.

އިހްތިރާމް ލިބުމުން ހިތަށް ލިބޭ ހަމަޖެހުން ވަރަށް ފުރިހަމައެވެ. ނަމަވެސް ތިބާ އެހެން މީހުންނަށް އިހްތިރާމް ކުރާ ވަގުތު ތިބާގެ ހިތަށް ލިބޭ އަރާމު މާ ފޮނިވާނެއެވެ. އެހެން މީހެއްގެ މޫނުމައްޗަށް ތިބާގެ ފަރާތުން ހިނިތުންވުމެއް ގެނެވުމަކީ ކޮންމެ މީހަކަށްވެސް ލިބޭނެ ޝަރަފެކެވެ. މި ހަމަޖެހުމާއެކޮށް ލިބިގެންދާނީ އެހެން މީހުންގެ އިހްތިރާމެވެ. އެހެން މީހުންގެ ބަލައިގަތުމެވެ.

ކިޔުންތެރިންގެ ހިޔާލު