ލޫތުގެފާނުގެ ގައުމުގެ މީހުންގެ ވާހަަކަ: މިހާރުގެ 'ޑެޑް ސީ'

އާމިނަތު އަޙުމާ

އިބްރާހީމް ޢަލައިހިއްސަލާމް މިސްރު ދޫކޮށް ވަޑައިގަތްއިރު އެކަލޭގެފާނަށް ބޮޑުބޭބެ ކިޔާ ދަރިކަލެއްކަމަށްވާ ލޫތު ޢަލައިހިއްސަލާމް ގެންދެވިއެވެ. ލޫޠުގެފާނު ފަހުން ހިޖުރަ ކުރެއްވީ ސަދޫމްބާގައަށެވެ. އެއީ ޑެޑް ސީގެ ހުޅަނގު އައްސޭރިއާއި ދިމާލުން އޮންނަ ރަށެއްގައި ދިރިއުޅުން މީހުންތަކެކެވެ.

އެމީހުންނަކީ ވަރަށް ނުބައި ޖާހިލުބައެކެވެ. ސަދޫމް ބާގައިގެ ރަސްކަލުންނަކީ އެތަނަށް ހިޖުރަކުރާ މީހުންގެ އަތުން ފޭރުމަށްފަހު އެމީހުން ޤަޠުލުކުރާ މީހުންނެވެ. އަދި ލިވާތު ކުރުމުގެ ހަޑި މުޑުދާރު ޢަމަލުވެސް އެމީހުންގެ ތެރޭގައި ވީ ވަރަށް ޢާންމުވެފައެވެ. ޢާންމުންގެ ތެރޭގައި އެންމެންގެ ކުރިމަތީގައި މި ނުބައި ފާހިޝް އަމަލު ހިންގައި އުޅުނެވެ. މި ކަމުގެ ސަބަބުން މި ހަޑި ޢަމަލަށް މި މީހުންގެ ގައުމުގެ ނަމުން ނަންދެވުނެވެ.

ނުބައި ކަންކަމާއި މުންކަރާތްތަކުން މުޅި އެ ގައުމު ހަލާކެއްގެ ތެރެއަށް ވެއްޓިފައި ވީ ހިނދު މާތްﷲ އެބައިމީހުންގެ ގާތަށް ރަސޫލަކު ފޮނުއްވެވިއެވެ. އެއީ ލޫޠު ޢަލައިހިއްސަލާމް އެވެ. ލޫޠުގެފާނު އެބައިމީހުންގެ ގާތަށް ފޮނުއްވެވީ އެބައިމީހުންގެ ފާހިޝް ޢަމަލުތައް ދޫކޮށް ތެދުމަގު ލިބިގަތުމަށް ގޮވައިލެއްވުމަށެވެ. ނަމަވެސް އެބައިމީހުން ވީ ކާބަފައިންގެ ގަދީމީ ނުބައި އާދަތަކުގެ ތެރެއަށް ގޮސްހުސްވުމުގެ ސަބަބުން ލޫޠުގެފާނުގެ ނަސޭހަތްތަކަށް ބީރު ކަންފަތެއް ދިން ބަޔަކަށެވެ.

އެބައިމީހުންގެ މުންކަރާތްތަކުގެ ތެރެއަށް ގެނބިފައި ތިބި މިންވަރުންނާއި، ހަވާނަފްސަށް އަޅުދާސްތުވެފައިވުމުގެ ސަބަބުން ﷲގެ ކޯފާއެއް ފޮނުއްވާނެ ކަމުގެ އިންޒާރު ދެއްވުމުންވެސް ސަދޫމް ބާގައިގެ މީހުން، ލޫޠުގެފާނު ދީނަށް ގޮވައިލެއްވުމުގެ މަސައްކަތްޕުޅު ކުރައްވާނަމަ އެކަލޭގެފާނު ގައުމުން ނެރޭނެކަމުގެ އިންޒާރު ދިނެވެ.

މާތްﷲ ކީރިތި ޤުރުޢާނުގެ އައްޝުޢަރާ ސޫރަތުގެ 160 ވަނަ އާޔަތުން ފެށިގެން 171ވަނަ އާޔަތުގެ ނިޔަލަށް ވަހީކުރައްވި ބަސްފުޅުގެ މާނައިގައިވެއެވެ.

"لوط ގެފާނުގެ قوم ގެމީހުން رسول ން ދޮގުކުރޫއެވެ. (އެއީ) އެއުރެންގެ أخ، لوط ގެފާނު އެއުރެންނަށް ވިދާޅުވިހިނދުގައެވެ. ތިޔަބައިމީހުން (اللَّه އަށް) تقوى ވެރި ނުވަނީ ހެއްޔެވެ؟ ހަމަކަށަވަރުން، އަހުރެންނީ، ތިޔަބައިމީހުންގެ ގާތަށް ފޮނުއްވާފައިވާ أمانة ތެރި رسول އަކީމެވެ. ފަހެ، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ތިޔަބައިމީހުން އަހުރެންނަށް ކިޔަމަންތެރިވާށެވެ! އަދި އަހުރެން އެ رسول ކަން، އިއްވުމަކަށް ތިޔަބައިމީހުންގެ ކިބައިން އުޖޫރައަކަށް ނޭދެމެވެ. عالم ތަކުގެ ވެރިރަސްކަލާނގެ حضرة ން މެނުވީ އަހުރެންނަށް ثواب ދެއްވުމެއް ނުވެތެވެ.

خلق ތަކުންގެ ތެރެއިން ފިރިހެނުންނާ ތިޔަބައިމީހުން ގާތްވަނީ ހެއްޔެވެ؟ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންނަށްޓަކައި ހައްދަވައި (حلال ކުރައްވައި) ފައިވާ އަނބިން ދޫކުރަނީ ހެއްޔެވެ؟ އަދި ކިއެއްތަ! ތިޔަބައިމީހުންނީ (ނުބައިކަންތަކުގައި) ހައްދުފަހަނަޅައިދާ ބަޔަކީމުއެވެ.

އެއުރެން ދެންނެވޫއެވެ. އޭ لوط ގެފާނެވެ! ކަލޭގެފާނު (ތިމަންމެންނާ ދެކޮޅު ހެއްދެވުން) ހުއްޓަވައިނުލެއްވިނަމަ (ރަށުން) ނެރެލެވޭ މީހުންގެ ތެރެއިން ކަލޭގެފާނު ވާހުށިކަން ކަށަވަރެވެ.

އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންކަލޭގެފާނު ވަނީ ތިޔަބައިމީހުންގެ عمل އަށް (އެބަހީ: لواط ގެ عمل އަށް) ރުޅިއަރާ މީހުންގެ ތެރެއިންނެވެ. އަޅުގެ ވެރިރަސްކަލާކޮ! އެއުރެންކުރާ عمل ން މިއަޅާއާއި މިއަޅާގެ أهل ވެރިން ސަލާމަތް ކުރައްވާނދޭވެ! ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނާއި، އެކަލޭގެފާނުގެ أهل ވެރި އެންމެން ސަލާމަތް ކުރެއްވީމެވެ. عذاب ލިބުނު މީހުންގެ ތެރޭގައިވި މުސްކުޅި އަންހެނަކު މެނުވީއެވެ."

ލޫޠުގެފާނުގެ ގައުމުގެ މީހުންގެ ޢަމަލުތަކުން އެކަލޭގެފާނުގެ ހިތްޕުޅަށް އުދާސްކަން ވެރިވިއެވެ. އަހަރުތައް ފާއިތުވަމުން ދިޔައެވެ. ލޫޠުގެފާނުގެ އެކަލޭގެފާނުގެ މަސްޢޫލިއްޔަތު އަދާކުރައްވައި ދީނަށް ގޮވައިލެއްވުމުގެ މަސައްކަތް ކުރިއަށް ގެންދެވިއެވެ. އެހެނަސް އެކަލޭގެފާނުގެ އާއިލާގެ ބައެއް ބޭބޭކަލުންނާއި ބޭބޭކަނބަލުން ފިޔަވައި އެއްވެސް މީހަކު ދީނަށް ނުވަނެވެ. އެކަލޭގެފާނުގެ ޢާއިލާގެ މީހުންގެ ތެރެއިންވެސް އެއްބައިމީހުން ވީ ކާފިރުވެ ފުރަގަސްވި މީހުންގެ ތެރޭގައެވެ. އޭގެތެރޭގައި ލޫޠުގެފާނުގެ އަނބިކަނބުލޭގެވެސް ހިމެނެއެވެ.

މާތްﷲ އައްތްޙްރީމް ސޫރަތުގެ 10 ވަނަ އާޔަތުގައި ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

"نوح ގެފާނުގެ އަނބިކަނބަލުންނާއި، لوط ގެފާނުގެ އަނބިކަނބަލުންގެ ވާހަކައިން، كافر ވިމީހުންނަށް اللَّه، مثال އެއް ޖެއްސެވިއެވެ. އެ ދެބޭކަނބަލުން ތިއްބެވީ ތިމަންރަސްކަލާނގެ صالح އަޅުންގެ ތެރެއިން ދެ އަޅެއްގެ أمر ގެ ދަށުގައެވެ. ފަހެ، އެ ދެބޭކަނބަލުން، އެ ދެބޭކަލުންނަށް خيانة ތެރިވިއެވެ. ފަހެ، اللَّه ގެ حضرة ން އެއްވެސްކަމެއް އެ ދެބޭކަނބަލުންނަށްޓަކައި، އެ ދެބޭކަލުންނަކަށް ފުއްދައެއް ނުދެއްވުނެވެ. އަދި އެ ދެބޭކަނބަލުންނަށް އަންގަވާނެތެވެ. (ނަރަކައަށް) ވަންނަމީހުނާއެކު، ތިޔަ ދެމީހުންވެސް ނަރަކަޔަށް ވަންނާށެވެ!"

ސަދޫމްބާގައިގެ މީހުން ލޫޠުގެފާނަށް އެކިގޮތްގޮތުން ފުރައްސާރަތައް ކުރަމުން ގެންދިޔައެވެ. އެކަލޭގެފާނަށް އަނިޔާތައް ކުރަމުން ގެންދިޔައިރު، ކެތްތެރިކަމާއެކު ލޫޠުގެފާނު ހުންނެވިއެވެ. އަހަރުތައް ފާއިތުވަމުން ދިޔަހެން އެބައިމީހުންގެ ކާފިރުކަމާއި ޖާހިލުކަން ދިޔައީ އިތުރުވަމުންނެވެ. އަދި ލޫޠުގެފާނަކީ ހައްޤު ރަސޫލެއް ނަމަ ﷲގެ ކޯފާ ފޮނުއްވުމަށް އެންގިއެވެ.

މާތްﷲ އަންއައްކަބޫތު ސޫރަތުގެ 29 ވަނަ އާޔަތުގައި ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

"ހަމަކަށަވަރުން، ތިޔަބައިމީހުން ފިރިހެނުން ގާތަށް (شهوانى އެދުން ފުއްދުމަށް) ދަނީ ހެއްޔެވެ؟ އަދި ތިޔަބައިމީހުން މަގުފޭރި، ތިޔަބައިމީހުންގެ ނާދީތަކުގައި އެ ނުބައިކަންތައް ކުރަމުން ގެންދަނީ ހެއްޔެވެ؟ ފަހެ، އެކަލޭގެފާނުގެ (އެބަހީ: لوط ގެފާނުގެ) قوم ގެމީހުންގެ ޖަވާބުކަމުގައި އެއުރެންގެ މި ބުނުން ނޫނީ ނުވެތެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވަނީނަމަ، ތިމަންމެންނަށް (ތިޔަ ވިދާޅުވާ) اللَّه ގެ عذاب ނިކަންގެނެސްދެއްވައި ބައްލަވާށެވެ."

ދެރަފުޅުވެވަޑައިގެންނެވައި ހުންނަވާ މާތްﷲ ގެ ޙަޟްރަތުން އެކަލޭގެފާނުގެ ގައުމުގެ މީހުން ނެތި ކުރައްވައި އެކަލޭގެފާނަށް ނަޞްރުދެއްވުމަށް އެދި ދުޢާ ދެންނެވިއެވެ. އަދި ﷲ ޠަޢާލާ އެކަލޭގެފާނުގެ ދުޢާ އިޖާބަކުރައްވައި އެގައުމަށް ތިން މަލާއިކަތް ބޭކަލަކު ފޮނުއްވެވިއެވެ.

މާތް، އާދަޔާ ޚިލާފު ރީތި ސޫރަތަކެއްގެ ވެރި ތިން ބޭކަލަކު އެ ގައުމަށް ވަޑައިގަންނަވާތީ އެގައުމުގެ ރަސްކަލުންގެ އަންހެން ދަރިކަނބުލޭގެއަކަަށް ފެނުނެވެ. އަދި އަވަހަށް ގޮސް އޭނާގެ ބައްޕަގެ ކައިރީގައި މިބައިމީހުންގެ (މަލައިކަތުންގެ) ވާހަކަ ބުންޏެވެ. މި އަޑު އިވުމުން ލޫޠުގެފާނު ވަގުތުން އެތަނަށް ދުރުވެވަޑައިގަނެ ހާސްކަންމަތީގައި ހުންނަވައި އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގޮތް ކިޔައިދެއްވިއެވެ.

ޖަވާބުގައި މަލާއިކަތުންގެ ބޭކަލަކު އެއްސެވީ އަރާމްކޮށްލައްވާނެ ތަންކޮޅެއް ދެއްވުމަށެވެ. އިރުއޮއްސި ރަށަށް އަނދިރިކަން ވެރިވުމުން ލޫޠުގެފާނުގެ ގެކޮޅަށް ވަރަށް ސިއްރުން އެބޭކަލުން ގެންނެވިއެވެ. މި މަންޒަރު ލޫޠުގެފާނުގެ އަނބިކަނބުލޭގެއަށް ފެނިގެން ސިއްރުން ގެއިން ނުކުމެގެން ގޮސް ރަށުގެ މީހުންނަށް މި ޚަބަރު ދީފިއެވެ.

ގައުމުގެ މީހުން ލޫޠުގެފާނުގެ ގެކޮޅާއި ދިމާލުން މިސްރާބުޖަހައި އަންނަ މަންޒަރު ލޫޠުގެފާނަށް ފެނިވަޑައިގަތެވެ. ލޫޠުގެފާނުގެ ގޮކޮޅުގެ ދޮރުގައި ތަޅައި ހަޅޭއް ޖަހައި ހަދަން ފަށައިފިއެވެ. އަދި ދޮރު ވައްޓާލުމަށްފަހު ގޭތެރެއަށް ވަދެގަތެވެ. މަލާއިކަތްބޭކަލުން ލޫޠުގެފާނަށް އެންގެވިއެވެ. "ބިރުފުޅުވެ ކަންބޮޑުވެވަޑައި ނުގަންނަވާށެވެ. ތިމަންކަލޭގެފާނުންނަކީ މަލާއިކަތްބޭކަލުންނެވެ. މިބައިމީހުންނަށް ކަލޭގެފާނަށް ގެއްލުމެއް ނުދެވޭނެތެވެ."

މިއަޑުއަހައި ގެއަށް ވަތް ވަގުކަލޭގެ ފިލައި ހިނގައްޖެއެވެ. މަލާއިކަތް ބޭކަލުން ލޫޠުގެފާނަށް އެންގެވީ، އިރުއެރުމުގެ ކުރިން އެކަލޭގެފާނުގެ އަނބިކަނބުލޭގެ ފިޔަވައި އެކަލޭގެފާނުގެ އާއިލާއާއެކު އެހެން ތަނަކަށް ހިޖުރަކުރެއްވުމަށެވެ.

މާތްﷲ އެރަށް ވަރަށް ބާރުގަދަ ބިންހެލުމެއް ފޮނުއްވެވިއެވެ. އަދި އެރަށް އެެއް ފުށުން އަނެއް ފުށަށް ޖެއްސެވިފަދައެވެ. ހިލައިގެ ވާރޭ އެއް އެރަށަށް ފޮނުއްވަވައި އެގައުމާއި އެގައުމުގެ އެންމެހައި މީހުން ނެތިކުރެއްވިއެވެ. ﷲގެ އަޛާބުގެ ގަދަފަދަކަމާއެވެ.

އެގައުމު ކުރިން އޮތް ތަނުގައި މިހާރު އެއްވެސް ބަޔަކު ދިރިއުޅުންކަމުގެ ހިލަމެއްވެސް ނެތެެވެ. ޑެޑް ސީ ފަދައިން މުޅި އެގައުމުވެސް ވަނީ މަރުވެގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު
މުޙައްމަދު ޔޫސުފް
އެފަދަ ހާދިސާތައް ގިނައިން ޝާޢިޢް ކރެއްވުމުން ގިނަބަޔަކު އިސްލާޙް ވުމަކީ ވެދާނެކަމެއް އިނއޝާﷲ
ަަްަްްއަހުމަދު
ﷲއަކުބަރު