"އެންމެ ގިނަ މީހުން ނަރަކައަށް ވަންނާނީ ދުލާއި އައުރައިގެ ސަބަބުން"

ޢަލީ ޔާމީން

އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމަށް އިސްލާމިކް މިނިސްޓްރީގައި ކޮންމެ އާދިއްތަ އަދި ބުރާސްފަތި ދުވަހެއްގެ ރޭ ބާއްވަމުން އަންނަ އިހްޔާ ފޯރަމްގައި ރޭ ވާހަކަދެއްކި މައުލޫއަކީ "ހެޔޮބަސް ބުނުން" މިއެވެ.

މި މައުލޫއަށް ވާހަކަ ދެއްކެވީ ޑރ އަބްދުއް ސައްތާރު އަބްދުލް ރަހްމާންއެވެ. އޭނާ ވިދާޅުވި ގޮތުގައި ދުލާއި ހިތް ރަނގަޅުވެއްޖެ ނަމަ އޭނާގެ އެހެން ހުރިހާ ގުނަވަނެއް ރަނގަޅުވާނެއެވެ.

އަދި އެންމެ ގިނަ މީހުން ނަރަކައަށް ވަންނާނީ ދުލާއި އައުރައިގެ ސަބަބުން ކަމަށް ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވާ ކަމަށް ޑރ އަބްދުއް ސައްތާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމްވެސް ބައިވެރިވެވަޑައިގެންނެވި، އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަމުން ޑރ. އަބްދުއް ސަައްޔާރު ވިދާޅުވީ، ދޫ ނުބައިވުމުގެ އެތަކެއް ސަބަބެއްވާ ކަމަށާއި އެގޮތުން ދޫ ނުބައިވުމުގެ ފުރަތަމަ ސަބަބަކީ އިބްލީސް ކަމަށެވެ. އަދި އޭގެ ފަހުގައި ރުޅި އިސްވުމަކީވެސް ދޫ ނުބައިވުމުގެ ސަބަބެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

އަދި ޝައިތާނާ އަބަދުވެސް އަހަރެމެންނަށް ވަސްވާސް ލައިދިނުމުގެ މަސައްކަތް ކުރާނެ ކަމަށާއި، އިންސީންގެ ތެރެއިންވާ ސައިތާނުންނާއި ޖިންނީންގެ ތެރެއިންވާ ސައިތާނުން އުޅޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އިންސީންގެ ތެރެއިންވާ ސައިތާނުންގެ ނުބައިކަން މާ ބޮޑު، އެ ސައިތާނާ ނުފެއްސޭނެ ކުރުސި ކިޔަވައިގެން. ނުވަތަ އެހެން ޒިކުރެއް ކިޔަވައިގެން" ޑރ. އަބްދުއް ސައްތާރު ވިދާޅުވިއެވެ.

ޑރ. އަބްދުއް ސައްތާރުގެ ވާހަކަފުޅު ނިންމާލަމުން ވަނީ ހެޔޮ ބަސް ބުނުމަށް ވަސިއްޔަތްކޮށް ދޫ ރައްކާތެރި ކުރުމަށް އެންމެ ކަތުންނަށް ވަސިއްޔަތް ކޮށްފައެވެ.

އިސްލާމިކް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ އިޙްޔާ ފޯރަމް 1440 ގެ ފޯރަމެއް ދެން އޮންނާނީ މި ހަފްތާގެ ބުރާސްފަތި ދުވަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު