ޔޫނުސްގެފާނުގެ ވާހަކަ: ބޮޑު މަހުގެ ބަނޑުތެރޭގައި

އާމިނަތު އަޙުމާ

މާތްﷲގެ ރަސޫލާ، ޔޫނުސް ޢަލައިހިއްސަލާމް ފޮނުއްވުނީ އިރާޤުގައި ދިރިއުޅުނު ބާގައެއްގެ މީހުންގެ ގާތަށެވެ. ކޮންމެ ރަސޫލު ބޭކަލެކޭ އެއްފަދައިން ޔޫނުސްގެފާނުވެސް އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތަށް ފޮނުއްވުނީ މާތްﷲ އަށް އަޅުކަންކޮށް، ހިދާޔަތުގެ ތެދުމަގު ލިބުމަށް ގޮވައިލެއްވުމަށެވެ. އެކަލޭގެފާނު ގޮވައިލެއްވީ އެއްވެސް ބައިވެރިއެއްނުވާ، ދަރިފަސްކޮޅެއް އުފަންވެ ވޮޑިގެންނުވާ ރަސްކަލާނގެއަށް އަޅުކަން ކުރުމަށެވެ. އަދި ބުދަށް އަޅުކަންކޮށް މުންކަރާތްތަކުން ދުރުވެގަތުމަށް ޔޫނުސްގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ގޮވައިލެއްވިއެވެ. ނަމަވެސް އެބައި މީހުން އެކަލޭގެފާނަށް ފުރަގަސްދިނެވެ. ޔޫނުސްގެފާނުގެ ގައުމުގެ މީހުންނަށް އެކަލޭގެފާނުގެ ކިބައިން ވަނީ ދުއްތުރާތައް ކަމަށް އެބައިމީހުން ދެކުނެވެ.

އެބައިމީހުން ފުރަގަސްދީ އިންކާރުކުރުމުގައި ހައްދު ފަހަނައަޅައި ދިޔުމުން ޔޫނުސްގެފާނު ނިންމެވީ އެ ރަށުން ހިޖުރަކުރެއްވުމަށެވެ. އަދި އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ﷲގެ އަޛާބުގެ ފަހު އިންޒާރު ދެއްވުމުންވެސް އެބައިމީހުންނަކީ ބިރުގަނެ ޖެހިލުންވާ ބަޔަކުކަމުގައި ނުވާކަމަށް ބުނަމުންގެންދިޔައެވެ. ޔޫނުސްގެފާނު ކޯފާވެވަޑައިގަތެވެ. އަދި އެބައިމީހުންގެ ހަވާނަފްސުގެ އެދުންތަކުގެ މަތީގައި ދެމިތިބުމަށް އެބައިމީހުން ދޫކޮށް ވަޑައިގަތުމަށް އެކަލޭގެފާނު ނިންމެވިއެވެ. އަދި އެކަލޭގެފާނުގެ ގައުމާއި ވީއެންމެ ދުރުމިނަކަށް ހިޖުރަ ކުރެއްވުމަށްޓަކައި އެކަލޭގެފާނަށް ނިސްބަތްވާ މުދާތަކުގެ ތެރެއިން މަދު މިންވަރަކާއެކު އެ ގައުމުން ނުކުމެ ވަޑައިގަތެވެ.

ޔޫނުސްގެފާނު އެކަލޭގެފާނުގެ ގައުމުން ނުކުމެވަޑައިގަތުމުން އެ ރަށަށް ނާމާންކަމާއި ބިރުވެރިކަން ވެރިވެގަތެވެ. އުޑުމަތީގެ ކުލަ ބަދަލުވަމުންގޮސް ރަތް އަނގުރު އަލިފާންގަނޑެއް ފަދައިން އުޑު ރަތްވެގެން ދިޔަކަމަށް ވެއެވެ. އަދި އެގައުމުގެ މީހުންނަށް އެބައިމީހުންގެ ހަލާކު އައީކަން ޔަގީންވުމުން އެރަށުގެ އެންމެ އުސް ފަރުބަދަ މައްޗަށް އަރައި މުޅި ގައުމުގެ މީހުން ﷲގެ ހަޟްރަތުން މަޢާފަށް އެދި ތައުބާވިއެވެ. ﷲ ތަޢާލާ އެބައިމީހުންގެ ތައުބާ ޤަބޫލުކުރައްވައި އުޑުގެ ކުލަ ގެންނެވިއެވެ. އަދި އެ ގައުމުގެ މީހުން އެބައިމީހުންގެ ގެތަކަށް ދުރުވުމަށްފަހު ޔޫނުސްގެފާނު އަނބުރައި އެބައިމީހުންގެ ގައުމަށް ވަޑައިގަތުމަށް އެދި ދުޢާ ދެންނެވިއެވެ. އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށްޓަކައެވެ.

އެވަގުތު ޔޫނުސްގެފާނު ހުންނެވީ ނާކޮޅަކަށް އަރާވަޑައިގެން، އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ކިބައިން ސަލާމަތްކޮށްދެއްވުމަށް އެދި ދެންނެވުމުގައެވެ. އެ ނައުކޮޅަށް ގިނަ އަދަދެއްގެ މީހުންތަކެއް، އެރުމަށްފަހު ކަނޑުމަޑު އޮމާން ދަތުރަކަށް ފަށައިގަތެވެ. އިރުއޮއްސި އަނދިރިކަން ވެރިވާން ފެށިހެން ކަނޑުގެ ބާނިތައް ކުލިއަކަށް ބަދަލުވާން ފެށިއެވެ. ވައި ބާރުވެ، އިސާހިތަކު ނާކޮޅު ބިނދިދާނެހެން ހީވާން ފެށިއެވެ. ނާކޮޅު ދެކޮޅަށް ތެޅެން ފެށުމުން އެބައިމީހުންގެ އަންނައުނުތަކާއި މުދާތައް މޫދަށް އުކާލައި ނާކޮޅަށް އަރާ ބާރު ކުޑަކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް އެއްވެސް ފައިދާއެއް ނުކުރިއެވެ. އެހެންކަމުން މާލިމީން ނިންމީ ނާކޮޅުގައި ތިބި މީހުންގެ ތެރެއިން އެކަކު މޫދަށް އެއްލާލުމަށެވެ.

ރާޅުތައް ފަރުބަދަތައް ފަދައިން ނާކޮޅުގައި މުގުރަމުން ދިޔައެވެ. އެމީހުންގެ ކާބަފައިންގެ އާދަކާދައިގައި އޮންނަ ގޮތުގެ މަތިން ނަވަށް އަރާ ތިބި އެންމެންގެ ނަން ލިޔުމަށްފަހު ގުރު ނެގިއެވެ. ގުރުލުމުން ދިމާވީ ޔޫނުސްގެފާނުގެ ނަންފުޅެވެ. އެހެން ނަމަވެސް ނަވުގެ މާލިމީންކަމަށް ތިބި މީހުން މިކަމާއި ނުރުހުނެވެ. އެއީ އެންމެންނަށްވެސް އެނގޭ ފަދައިން، ޔޫނުސްގެފާނަކީ ރަނގަޅު ޞާލިހު ބޭކަލެކެވެ. އެހެންކަމުން އިތުރު ދެ ފަހަރު ގުރު ނެގިއެވެ. މި ދެފަހަރުވެސް ހޮވުނީ ޔޫނުސްގެފާނެވެ.

އެހިނދު ﷲގެ ރަސޫލާ، ޔޫނުސް އަލައިހިއްސަލާމްއަށް އެނގިވަޑައިގަތެވެ. މިއީ ﷲ އެކަލޭގެފާނަށް މިންވަރުކުރައްވާފައިވާ ގޮތް ކަމާއި، މިއީ އެކަލޭގެފާނުގެ ޤަދަރުކަމަށް އެކަލޭގެފާނު ޢީމާންވެވަޑައިގަތެވެ. އަދި ނާކޮޅުން ފުންމައިވަޑައިގަތެވެ. ނާކޮޅުގައި ތިބި މީހުން ހައިރާންވެ އަޖައިބުވީ ޔޫނުސްގެފާނު ބޮޑު މާ ސިންގާ މަހެއްގެ ތެރެއަށް ވަންނަމުން ދިޔަ މަންޒަރުފެނުމުންނެވެ.

ޔޫނުސްގެފާނަށް ހޭވެރިކަންވެވަޑައިގަތުމުން އެކަލޭގެފާނު ހީފުޅުކުރެއްވީ އެކަލޭގެފާނު ވަނީ އަވަހާރަވެވަޑައިގެންފައި ކަމަށާއި އެކަލޭގެފާނު އޮންނެވީ ކަށްވަޅުގެ އަނދިރިކަމުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެހަނަކުން ނޫނެވެ. އެކަލޭގެފާނުގެ ވަށައިގެން ނަޒަރު ހިންގާލުމުން އެކަލޭގެފާނަށް ދޭހަވެގެން ދިޔައީ އެކަލޭގެފާނު ވަނީ އަވަހާރަވެފައި ނޫންކަމަށާއި އެކަލޭގެފާނު އޮންނެވީ ބޮޑު މަހެއްގެ ބަނޑުގެ އެތެރޭގައި ކަމަށެވެ. ޔޫނުސްގެފާނުގެ ހިތްޕުޅަށް ބިރުވެރިކަން ވެރިވެގަތެވެ. ޔޫނުސްގެފާނު އިންނެވީ ވިހައިން ފުރިފައިވާ މަހެއްގެ ބަނޑުގެ ތެރޭގައެވެ. އަދި އެކަލޭގެފާނުގެ ވެރި ރަސްކަލާންގެ ހަޟްރަތަށް ޔޫނުސްގެފާނު ގޮވައިލެއްވިއެވެ.

މާތްﷲ އަލްއަންބިޔާ ސޫރަތުގެ 87 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.

"އަދި ذوالنّون (އެބަހީ: يونس ގެފާނު) ހަނދުމަކުރާށެވެ! އެކަލޭގެފާނު (قوم ގެ މީހުންދެކެ) ކޯފާވެގެން ވަޑައިގަތް ހިނދެވެ. ފަހެ، އެކަލޭގެފާނަށް ތިމަންރަސްކަލާނގެ عقوبات އެއް ނުދެއްވާނެކަމަށް ހީކުރެއްވިއެވެ. ފަހެ، އެކަލޭގެފާނު އަނދިރިތަކުގެ ތެރޭގައި (މަހުގެ ބަނޑުގައި) دعاء ކުރެއްވިއެވެ. އިބަރަސްކަލާނގެ މެނުވީ، إله އަކު ނެތެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ހަމަކަށަވަރުން، އަނިޔާވެރިންގެ ތެރެއިން މި އަޅާވީމެވެ."

 ޔޫނުސްގެފާނު ﷲއަށް ދުޢާ ދެންނެވުމުގައި ދެމި ހުންނެވިއެވެ. އަދި އެކަލޭގެފާނުގެ ކުށްތަކަށް ތައުބާވެ ﷲގެ ހަޟްރަތުގައި މަޢާފު ލިބިގަތުމަށް އެދިވަޑައިގަތުމުގައި ދެމިހުންނެވިއެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަޞައްލަމް އަހަރެމެންނަށް އަންގަވާފައިވަނީ އިންސާނުން ﷲގެ މަތިން ހަނދުމަކުރެއްވުމުން މަލާއިކަތްބޭކަލުންގެ ރުހިވޮޑިގަތުން އެބައިމީހުންނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ޔޫނުސްގެފާނުގެ ރުއިމުގެ އަޑު މާތްﷲގެ މަލާއިކަތް ބޭކަލުންނަށް އިވިވަޑައިގަތެވެ. އަދި ޔޫނުސްގެފާނުގެ ވާހަކަ މާތްﷲގެ ހަޟްރަތުގައި ދެންނެވިއެވެ.

މާތްﷲ  އަލްއަންބިޔާ ސޫރަތުގެ 88 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ.

"ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނަށް އިޖާބަ ދެއްވީމެވެ. އަދި ދަތިކަމާއި، މޮޅިވެރިކަމުން އެކަލޭގެފާނު ސަލާމަތްކުރެއްވީމެވެ. އަދި އެފަދައިން ތިމަންރަސްކަލާނގެ مؤمن ތަކުން ސަލާމަތްކުރައްވަމެވެ."

މާތްﷲގެ އަމުރުފުޅަށް ބޮޑު މަސް މޫދުގެ އައްސޭރި ފަށަކަށް ޔޫނުސްގެފާނު އޭގެ ބަނޑުން ނެރުނެވެ. ޔޫނުސްގެފާނުގެ ހަށިކޮޅުވަނީ ވިހަތަކުން އަނދައިފައެވެ. އެކަލޭގެފާނުގެ ހަންގަނޑު އަނދައިފައިވުމުގެ ސަބަބުން އެކަލޭގެފާނުގެ ގަޔަށް ޖެހެމުން ދިޔަ ފިނިވައިންވެސް އެކަލޭގެފާނު ދިފާއުނުކުރެވުނެވެ. ޔޫނުސްގެފާނު ހުންނެވީ ވަރަށް ބޮޑު އާލާސްކަންފުޅެއްގައެވެ. އެލަކޭގެފާނު މާތްﷲގެ ހަޟްރަތުން ރައްކާތެރިކަމަށް އެދިވަޑައިގަތެވެ. ޔޫނުސްގެފާނު ތަކުރާރުކޮށް ﷲއަށް ދުޢާ ދަންނަވަމުން ގެންދެވިއެވެ. ﷲ ސުބްހާނަހޫ ވަޠަޢާލާ އެވަގުތުގައި އެކަލޭގެފާނުގެ ބޯ މައްޗަށް ހިޔާވަހިކަން ފޯރުކޮށްދިނުމަށް ބޮޑު ގަހެއް ލެއްވިއެވެ. އެ ގަހުން އެކަލޭގެފާނަށް ކާނާ ލިބުނެވެ. މަޑުމަޑުން ޔޫނުސްގެފާނުގެ އާލާސްކަން ރަނގަޅުވަމުން ދިޔަހެން އެކަލޭގެފާނަށް އެނގިވަޑައިތެވެ. އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތަށް އެނބުރި ވަޑައިގަންނަވަން އެކަލޭގެފާނު ނިންމެވިއެވެ.

މާތްﷲ އަލް ޞޯއްފަ ސޫރަތުގެ 139-148 ވަނަ އާޔަތުގައި ވަހީކުރެއްވި ބަސްފުޅުގެ މާނައިގައިވެއެވެ.

"ހަމަކަށަވަރުން (ތިޔަބައިމީހުންގެ ދަތުރުތަކުގައި) އެއުރެންގެ (آثار ތަކުގެ) ކައިރިންލާފައި ހެނދުނާއި، ރޭގަނޑުގައި ތިޔަބައިމީހުން ދަމުއެވެ. ފަހެ، ތިޔަބައިމީހުން ނުވިސްނަނީ ހެއްޔެވެ؟ ހަމަކަށަވަރުން، يونس ގެފާނުވަނީ، رسول ންގެ ތެރެއިންކަން ކަށަވަރެވެ."

"ހަމަކަށަވަރުން، يونس ގެފާނުވަނީ، رسولންގެ ތެރެއިންކަން ކަށަވަރެވެ."

"އެކަލޭގެފާނު ފިއްލަވައިގެން ވަޑައިގެން، ބަރާވެގެންވާ ނަވަށް އަރާވަޑައިގެންނެވިހިނދު ހަނދުމަކުރާށެވެ!"

"ފަހެ، އެކަލޭގެފާނު (ނަވުގެ މީހުންނާއެކު) قرعة ލެއްވިއެވެ. ފަހެ، އެކަލޭގެފާނުވީ (قرعة ން) ދެރަވިމީހުންގެ ތެރެއިންނެވެ."

"ފަހެ، އެހިނދު މަހެއް (އައިސް) އެކަލޭގެފާނު (އޮތްގޮތަށް) ދިރުވައިލިއެވެ. (އެއީ) އެކަލޭގެފާނަށް މަލާމާތް ލިބިވަޑައިގެންވާ حال ގައެވެ."

"ފަހެ، އެކަލޭގެފާނު ގިނަގިނައިން تسبيح ކިޔާ މީހުންގެ ތެރެއިން ނުވިނަމަ، އެއުރެން محشر އަށް ފޮނުއްވާ ދުވަހަށް ދާނދެން އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ވެއްޖައީހެވެ."

"ފަހެ، ތިމަންރަސްކަލާނގެ އެކަލޭގެފާނު ބަލިحال ކޮޅުގައި ވަނިކޮށް (މަހުގެ ބަނޑުން) އައްސޭރިއަށް އެކަލޭގެފާނު އެއްލެވީމެވެ."

"އަދި ތިމަންރަސްކަލާނގެ އެކަލޭގެފާނަށްޓަކައި، ބަރަބޯ ގަހެއް އެތަނުން ފެޅުއްވީމެވެ."

"އަދި ސަތޭކަހާސް މީހުން، ނުވަތަ އެއަށްވުރެ ގިނަމީހުންގެ قوم އަކަށް رسول ކަމާއިގެން ތިމަންރަސްކަލާނގެ އެކަލޭގެފާނު ފޮނުއްވީމެވެ."

"ފަހެ، އެއުރެން (އެކަލޭގެފާނަށް) إيمان ވޫއެވެ. ދެން އެއުރެންގެ أجل ޖެހިއްޖައުމަށް ދާނދެން އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ." (148)

ޔޫނުސްގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތަށް ވަޑައިގަތް ހިނދު އެބައިމީހުންގެ ޢަމަލުތަކަށް އައިސްފައިވާ ބަދަލުތައް ފެނި އެކަލޭގެފާނަށް ހައިރާންކަމެއް ލިބުނެވެ. އެބައިމީހުން ޔޫނުސްގެފާނަށް އެގައުމުގައި ހިނގައި ދިޔަ ބިރުވެރިކަމުގެ ސަބަބުން އެބައިމީހުން ތައުބާވި ގޮތުގެ ވާހަކަ އިއްވެވިއެވެ. ޔޫނުސްގެފާނު އެކަލޭގެފާނުގެ ގައުމުގެ މީހުންގެ ގާތުގައި އެބައިމީހުންނަށް ތެދުމަގު ދެއްކެވުމުގައި ދެމިހުރިއެވެ. އެއްކައުވަންތަ މާތްﷲ އަށް އަޅުކަންކުރުމަށް އެކަލޭގެފާނުގެ ގައުމުގެ މީހުންނަށް ގޮވައިލެއްވުމުގައި އެކަލޭގެފާނު ދެމިހުންނެވިއެވެ. 

ޔޫނުސްގެފާނުގެ ވާހަކައިން އަހަރެމެންނަށް އަންގައިދެނީ ކެތްތެރިކަމުގެ މުހިންމުކަމެވެ. ޚާއްސަކޮށް މުސީބާތްތައް ކުރިމަތިވާ ވަގުތުގައި ﷲ މަތިން ހަނދުމަކޮށް އެކަލާނގެއަށް ދުޢާކުރުމުގެ މުހިންމުކަން ޔޫނުސްގެފާނުގެ ވާހަކައިން ދޭހަވެގެންދެއެވެ. އަދި ﷲގެ މަތިން ހަނދުމަކޮށް ތަސްބީހަ ވިދާޅުވާ މީހުންގެ އަޑު އެކަލާނގެ އައްސަވާވޮޑިގެން ވާނެކަމަށާއި އިންސާނުންގެ ޒުވާން ދުވަސްވަރުގައި ﷲގެ މަގުގައި ދެމިހުރުމުން އެކަލާނގެ އިންސާނުންގެ މަތިން މުސްކުޅިވުމުން ހަނދުމަކުރައްވާނެކަމެވެ. އަދި ހާސްކަމާއި މުސީބާތްތަކުން ސަލާމަތް ކުރައްވާނެ ހަމައެކަނި ފަރާތަކީ މާތްﷲ ކަން މި ވާހަކައިން ދޭހަވެގެންދެއެވެ.

ކިޔުންތެރިންގެ ހިޔާލު
މެކްސް
ވަރައް ފުރިހަމަ
ހަމަހަމަ
އާޓިކަލްއަށް ބޭނުންކޮއްފައިން ފޮޓޯ ބަދަލުކޮށްލުން އެދެން. ސަބަބަކީ ރަސޫލެއްގެ ސިފަ ކުރެހުމުން ދައްކާތީވެ.
ާަްެެެެެއއ
ފޮޓޯ ގަ އެއިނީ މީހެއްބާ ނޫނީ މަހެއްބާ