ރަހިމުގެ ގުޅުން ޤާއިމްކުރުން: ހަޔާތުގައި ބަރަކާތް އިތުރުވާ ކަމެއް

ޢަލީ ޔާމީން

އިސްލާމް ދީނަކީ އެންމެ މަތިވެރި ދީނެވެ. އެދީނުގައިވަނީ އިންސާނުން އުޅެންވީ އެންމެ މަތިވެރި ގޮތް ބަޔާންކޮށްދެއްވާފައެވެ. އެގޮތުން މާތްވެގެންވާ އިސްލާމްދީނުގައިވަނީ ރަހިމުގެ ގުޅުން ޤާއިމް ކުރުމަށް ބާރު އަޅުއްވާފައެވެ. ރަހިމުގެ ގުޅުން ޤާއިމް ކުރުމަކީ ﷲ ތަޢާލާއަށް ކިޔަމަންގަތުމުގެ ގޮތުން ކުރެވޭ އިތުރުކަން ބޮޑު އަމަލެކެވެ.

ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ވަޤުތުގައި ބަރަކާތްލެއްވޭ އަދި ރިޒްޤު ތަނަވަސްކޮށްދޭ ކަމެއްކަމުގައި ލައްވާފައެވެ. ނަބިއްޔާ ﷺ ޙަދީޘްކުރެއްވިއެވެ.

«مَنْ أَحَبَّ أَنْ يُبْسَطَ لَهُ فِي رِزْقِهِ، وَيُنْسَأَ لَهُ فِي أَثَرِهِ، فَلْيَصِلْ رَحِمَهُ» [متفق عليه]

މާނައީ: "ރިޒްޤުތަނަވަސްވުމަށް އެދޭމީހާ އަދި އަޖަލުފަސްވުމަށް އެދޭމީހާ ދަންނައެވެ. ފަހެ އެމީހެއްގެ ރަޙިމުގެ ގުޅުން ޤާއިމުކުރާ ހުށިކަމެވެ"

ރަހިމުގެ ގުޅުން ޤާއިމްކުރުމަކީ އެމީހެއްގެ ޙަޔާތުގައި ބަރަކާތް އިތުރުވެގެންދާނެ ކަމެކެވެ.

އިބްނުއްތީން ވިދާޅުވިއެވެ.

"ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ހެޔޮޢަމަލުތައްކުރުމަށް ތައުފީޤުލިބުމުގެ ސަބަބެކެވެ. އަދި ފާފަތަކުން ރައްކާތެރިކޮށްދޭ ކަމެކެވެ. އަދި އެމީހަކު މަރުވުމަށްފަހުވެސް ރިވެތި ޘަނާ ދެމިގެންދާ ކަމެކެވެ. އެފަދަ މީހަކީ ދިރިހުރިމީހެއް ފަދައެވެ."

މީގެ އިތުރުން ރަޙިމުގެ ގުޅުން ޤާއިމުކުރުމަކީ ދުނިޔަވީ ޙަޔާތުގައި ތައުފީޤު ލިބޭ ކަމެއްގެ އިތުރުން އަޅުކަންތައްތަކުގެ ތެރެއިން އެންމެ މަތިވެރި އެއް އަޅުކަމެވެ.

ޢަމްރު ބުން ދީނާރު ވިދާޅުވިއެވެ.

"ފަރުޟުކަންތައްތައް އަދާކުރުމަށް އަޅާ ފިޔަވަޅަށް ފަހު، އެންމެ ބޮޑު ދަރުމައެއް ލިބޭ ކަމަކީ ރަޙިމުގެ ގުޅުން ޤާއިމުކުރުމަށް އަޅާ ފިޔަވަޅަށެވެ"

އެހެންކަމުން ރަހިމުގެ ގުޅުން ޤާއިމްކުރުމަށް ހާއްސަ އިސްކަމެއް ދޭން އެބަޖެހެއެވެ.

ކިޔުންތެރިންގެ ހިޔާލު
އަބުދުލް ހަންނާނު
މިި ޕޯސްޓު ވައިބާއިން ޝެއާ ކޮއްލެވެން ނެތީމަ ދެރައީ