ﷲއަށް އުރެދުމެއް ނުވާ ކަންކަމުގައި ޙާކިމާއަށް ކިޔަމަންވުމަކީ ފިތުނައިން ސަލާމަތްވާނެ ކަމެއް: ހުތުބާ

ޢަލީ ޔާމީން

ﷲއަށް އުރެދުމެއް ނުވާ ކަންކަމުގައި ޙާކިމާއަށް ކިޔަމަންތެރިވުމަކީ ފިތުނައިން ސަލާމަތްވާނެ ކަމެއް ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

"މުސްލިމު އަހުންނޭވެ! ﷲއަށް އުރެދުމެއް ނުވާ ކަންކަމުގައި ޙާކިމާއަށް ކިޔަމަންގަތުމަކީ ފިތުނަތަކުން ސަލާމަތްވެވެން އޮތް މަގެވެ. އަދި އެކަމަކީ ﷲ ތައާލާ މުއުމިނުންނަށް އަމުރުކުރައްވާފައިވާ ކަމެެވެ." ހުތުބާގައިވެެއެވެ.

ﷲ ތައާލާ ވަހީކުރައްވާފައިވާ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، ﷲއަށް ކިޔަމަންތެރިވާށެވެ! އަދި، ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރިންނަށްވެސް ކިޔަމަންވާށެވެ!"

ހުތުބާގައި ބުނީ އިންސާނާއަށް އޭނާގެ ވަތަނުގައި އުފަލާއި ހިތްހަމަ ޖެހުމާއިއެކު އުޅެވުމަކީ ﷲގެ ވަރަށް ބޮޑު ނިއުމަތެއް ކަމަށެވެ.

"އިންސާނާއަށް އޭނާގެ ވަތަނުގައި އުފަލާއި ހިތްހަމަ ޖެހުމާއިއެކު އުޅެވުމަކީ ﷲގެ ވަރަށް ބޮޑު ނިއުމަތެކެވެ. އެކަމުގެ ސަބަބުން ބިރެއް ނެތި ﷲއަށް އަޅުކަން ކުރެވޭނެތީއެވެ. އެކަމުގެ ސަބަބުން ﷲގެ ޝިއާރުތައް އުފުލޭނެތީއެވެ." ހުތުބާގައިވެއެވެ

އަދި ދުނިޔަވީ ޙަޔާތަކީ އިމްތިހާބުގެ ގޮވައްޗެއްް ކަމަށްވެސް ހުތުބާގައި ބުނެފައިވެއެވެ.

ލޮބުވެތި ރަސޫލާ صلى الله عليه وسلم ވަނީ ފިތުނަތަކުގެ ތެރެއަށް ނުވެއްޓި، ފިތުނައިން ރައްކާތެރިވެގެން އުޅުމަށް އިރުޝާދު ދެއްވާފައެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ފިތުނަތައް ތިޔަބައިމީހުންނާއި ކުރިމަތިވާނެއެވެ. އެ ފިތުނަތަކުގެ ތެރޭގައި ކޮޅަށް ހުރިމީހާއަށް ވުރެ އިށީނދެއިންނަ މީހާގެ ހެޔޮކަން ބޮޑެވެ. ހިނގާމީހާއަށް ވުރެ ހުއްޓި ހުންނަ މީހާގެ ހެޔޮކަން ބޮޑެވެ. ދުވާ މީހާއަށް ވުރެ ހިނގާ މީހާގެ ހެޔޮކަން ބޮޑެވެ. އެ ފިތުނަތަކުގެ ތެރެއަށް ވަދެއްޖެ މީހާ އޭގެ ތެރެއަށް ވެއްޓު ހަލާކުވެ ހިނގައިދާނެތެވެ. އެކަމުން ރައްކައުތެރިވުމަށް ފިލަން ވަންނާނެ ތަކެއް ލިބުނު މީހާ، ފަހެ އެތަނަކަށް ވަދެ ރައްކައުތެރިކަން ހޯދާށެވެ!"

މީގެ އިތުރުން ހުތުބާއި ބުނީ އެންމެ ވަރުގަދަ ފިތުނައަކީ ދީނީ ފިތުނަ ކަމަށެވެ.

"މުސްލިމު އަހުންނޭވެ! އެންމެ ވަރުގަދަ ފިތުނައަކީ ދީނީ ފިތުނައެވެ. އެ ފިތުނަ އޭނާގެ ވެރިރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިޙާނު ކުރެއްވުމަށްޓަކައި ކުރިމަތި ކުރއްވާ ފިތުނައެވެ. މި އިމްތިހާނުގައި ނާކާމިޔާބުވާ މީހުން މަގުގެއްލި ފުރެދުމުގެ ތެރެއަށް ވެއްޓިގެން ދެެއެވެ."

"ފިތުނައަކީ ހިތަށާއި ސިކުނޑިއަށް ޖެހޭ މުސީބާތެއް ކަމުން  ފިތުނައިގެ ސަބަބުން ކެތްތެރި މީހާވެސް އާވާރާވެ، މަހުއޮޅި ދެއެވެ. ރުޅިގަދަވެ ޒުވާބު ގިނަވާނެއެވެ."

ހުތުބާ ނިންމާލަމުން ވަނީ ފިތުނަތަކުން ރައްކާތެރިވުމަށް ﷲގެ ހަސްރަތުގައި ދުއާކުރުމަށް ވަސިއްޔަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު