އެންމެ ގިނަ މީހުން ނަރަކައިން މުއްތިކުރެވޭނީ ޢަރަފާތު ދުވަހު: ހުތުބާ

ޢަލީ ޔާމީން

އެންމެ ގިނަ މީހުން ނަރަކައިގެ އަޒާބުން މުއްތިކުރެވޭނީ ޢަރަފާތު ދުވަހުގައި ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ. "ޢަރަފާތު ދުވަހުގެ މާތްކަން" މި މަޢުލޫއަށް މިއަދުގެ ހުކުރު ހުތުބާގައި ވާހަކަ ދައްކާފައިވާއިރު، ހުތުބާގައި ބުނީ މާތް ދުވަސްތަކުގެ ތެރޭގައި ހިމެނޭ އެންމެ މާތް ދުވަހަކީ އަރަފާރު ދުވަސް ނުވަތަ ހައްޖު ދުވަސް ކަމަށެވެ.

އަދި އެ ދުވަހު އަރަފާތުގެ ބިމަށް ޖަމާވެފައިތިބޭ ހައްޖުވެރިންގެ ފާފަތައް މާތްﷲ ފުއްސަވައި ދެއްވާނެ ކަމަށާއި އެއީ ފާފަ ފުއްސެވުމާއި ޢަފޫ ކުރެއްވައި ނަރަކައިން ދިންނަވައި މުއްތިކުރެއްވުމުގެ ދުވަސް ކަމުގައިވެސް ހުތުބާގައި ބުނެފައިވެއެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ޢަރަފާތް ދުވަހަށްވުރެ، ގިނައިން ﷲ އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ"

ހުތުބާގައި ބުނީ އަޅުގަނޑުމެން ވޭތި ކުރަމުން މިދާ ހައްޖު މަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކަކީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެއް ކަމަށެވެ.

"އަޅުގަނޑުމެން ވޭތިކުރަމުން މިދަނީ ހައްޖުމަހުގެ ފުރަތަމަ ދިހައިގެ ދުވަސްތަކެވެ. މިއީ ހެޔޮކަމުން ފުރިގެންވާ ބަރަކާތްތެރި ދުވަސްތަކެކެވެ. ތަޤުވާވެރިވުމުގެ ދުވަސްތަކެވެ. ކުރެވިފައިވާ ކުށްފާފަތަކުން ތައުބާވުމުގެ ދުވަސްތަކެކެވެ. ހެޔޮ ޢަމަލުކުރުން ގިނަކުރަންވީ ދުވަސްތަކެވެ. އާހިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުމުގެ ދުވަސްތެކެކެވެ." ހުތުބާގައި ބުނެފައިވެއެވެ.

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ.

"ހެޔޮ އަމަލުކުރުމަށް، މި ދިހަ ދުވަހަށް ވުރެ ﷲގެ ހަސްރަތުގައި ލޮބުވެތިކަން ބޮޑު ދުވަސްތަކެއް ނުވެއެވެ"

މީގެ އިތުރުން ހުތުބާގައި ބުނީ ހައްޖަށް ދިއުމުގެ ނަސީބު ނުލިބޭ މީހުން ޢަރަފާތު ދުވަހު ރޯދަހިފުން މޮޅު އިތުރުވެގެންވާ ކަމަށެވެ.

"އަރަފާތު ދުވަހު ރޯދަ ހިފުމަކީ ފާއިތުވެ ދިޔަ އަހަރާއި، އަންނާން އޮތް އަހަރުގެ ކުދި ފާފަތައް ފޮހެވޭނެ ކަމެއް ކަމުގައި ރަސޫލާގެ އަރިހުން ސާބިތުވެއެވެ." ހުތުބާގައި ބުނެފައިވެއެވެ.

ރަސޫލާ  صلى الله عليه وسلم ހަދީޘް ކުރައްވާފައިވެއެވެ.

"އަރަފާތު ދުވަހު ރޯދަ ހިފުމީ، އިސްވެދިޔަ އަހަރާއި، އަންނާން އޮތް އަހަރުފެ ފާފަ ފުއްސަވާނޭ ކަމެކެވެ. އަދި ޢާޝޫރާ ދުވަހު ރޯދަ ހިފުމީ، އިސްވެ ގޮސްފައިވާ އަހަރުގެ ފާފަ ފުއްސަވާނޭ ކަމެކެވެ."

ހުތުބާ ނިންމާލަމުން ވަނީ އަރަފާތު ދުވަހުގެ ސަވާބާއި ނަސީބު ހޯދުމަށް ގަދަ އަޅައި މަސައްކަތް ކުރުމަށް ވަސިއްޔަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު