ޑރ ޝަހީމްގެ އިރުޝާދާއެކު ޤިބްލަގެ ފަރާތުންދޭ ޚިދުމަތްތައް ތަރައްޤީ ކުރަނީ

ޢަލީ ޔާމީން


ޤިބްލަ ޙައްޖު އެންޑް ޢުމްރާގެ ފަރާތުން ޢުމްރާއަށް ވަޑައިގަންނަވާ ފަރާތްތަކަށް ދޭ ޚިދުމަތްތައް ތަރައްޤީކުރުމަށް އެކުންފުނީގެ އެޑްވައިޒަރަކަށް ކުރީގެ އިސްލާމިކް އެފެއަރޒް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅޭގޮތުން ޤިބްލަ ޢުމްރާ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޔާމިން އިދްރީސް ވިދާޅުވީ ޑރ ޝަހީމް އެކުންފުނީގެ އެޑްވައިޒަރަކަށް ޑރ ޝަހީމް ހަމަޖެއްސީ އެމަނިކުފާނަކީ ޙައްޖާއި ޢުމްރާގެ ކަންކަމުގެ ޢިލްމާއި ތަޖުރިބާ ހުންނެވި ބޭފުޅަކަށް ވުމުން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޑރ ޝަހީމްގެ އިރުޝާދާއެކު ކުރިއަށް އޮތްތަނުގައި އެކުންފުނީގެ ފަރާތުން ޢުމްރާވެރިންނަށް ދޭ ޚިދުމަތްތައް މިހާރަށްވުރެ ތަރައްޤީ ވެގެންދާނެ ކަމުގައި ޔާމިން ފާހަގަކުރެއްވިއެވެ.

ޑރ މުހައްމަދު ޝަހީމް އަލީ ސައީދަކީ އޯއައިސީގެ ސެކްރެޓްރީ ޖެނަރަލްގެ ޔޫސު ބިން އަހުމަދު އަލް އޮތައިމީންގެ ހާއްސަ އެޑްވައިޒަރެވެ. އަދި ދާދިފަހުން އެމަނިކުފާނުވަނީ އޯއައިސީގެ ފިކުރީ ގޮފީގެ އިސްވެރިޔާގެ މަޤާމަށްވެސް އައްޔަން ކުރައްވާފައެވެ. ޑރ ޝަހީމްވަނީ އިސްލާމިކް މިނިސްޓަރުގެ މަޤާމުގެ އިތުރުން ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އުފައްދަވާ އެޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ކަމާއި ޗާންސެލަރ ކަންވެސް ކުރައްވާފައެވެ.

ޤިބްލަ ޙައްޖު އެންޑް ޢުމްރާއަކީ ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ހުއްދަ ދީފައިވާ ކުންފުންޏެކެވެ. މިކުންފުނީގެ ފަރާތުން މިއަހަރުގެ ޑިސެމްބަރ މަހު ޢުމްރާއަށް ދާން ބޭނުން ފަރާތްތަކަށް މިހާރުވަނީ އެފުރުޞަތު ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު