އިސްކުރަންވީ ބުރުސޫރައެއް ނޫނެވެ. އިސްކުރަންވީ ރިވެތި އަހުލާޤެވެ.

ޢަލީ ޔާމީން

ރީތި އެއްޗެއްސައް ހިތްކިޔުމަކީ އިންސާނީ ތަބީޢަތެވެ. ނަމަވެސް ރީތި ކޮންމެ އެއްޗަކީ ރަނގަޅު ނުވަތަ އޭގެން މަންފާއެއް ކުރާ އެއްޗަކަށް ނުވެދާނެއެވެ. ކިތަންމެ ރީތި ސިފައެއްގައިވެސް ވިހައެއް އޮވެދާނެކަން ޤަބޫލު ކުރަންވާނެވެ. އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނަށް ހަޔާތުގެ ބައިވެރިއެއް އިހްތިޔާރު ކުރުމުގައި އެންމެ ބޮޑު އިސްކަމެއްދެވޭ އެއް ކަމަށް ވެފައި އޮންނަނީ ބުރު ސޫރައިގެ ރީތިކަމެވެ. ނުވަތަ އެމީހެއްގެ ބަށްޓަމެވެ. އެހެނަސް އެކަމަށް އެކަނި ވިސްނައިގެން ހަޔާތުގެ ކުރިއަށް އޮތް ދަތުރު އަމާން ނުވެދާނެއެވެ.

ހަޔާތުގެ ބައިވެރިއަކަށް އިހްތިޔާރު ކުރާ މީހާ ވާންވާނީ ހުލްޤު ރަނގަޅު ހިތްހެޔޮ މީހަކަށެވެ. މާތްވެގެންވާ އިސްލާމްދީން ދެކެ ލޯބިވާ މާތްﷲ ނަހީކުރައްވާފައިވާ ކަންކަމުން ދުރުހެލިވުމަށް މަސައްކަތް ކުރާ ޞާލިހް ފަރާތަކަށެވެ. މި ޒަމާނުގައި އެފަދަ ފަރާތެއް ހޯދުމަކީ "ޖަވާހިރެއް" ހޯދުންހާ ތަދު ކަމެކެވެ. އެހެނީ ފޯދެމުން އަންނަ ޒުވާން ޒީލަށް މިވަނީ ފޮހެލަން އުނދަގޫ ޝަހުވަތުގެ ވަބާ ފެތުރިފައެވެ. މުންކަރާތްތަކަށް އަރައިގަތުން މިއަދު މިވަނީ އާންމުވެފައެވެ. ޝަހުވަތުގެ އަނދަވަޅުގައި ގިނަ ބަޔަކު ތާށިވެފައިވާއިރު، އެ އަނދަވަޅަށް ރުހުމުގައި އެތައް ބަޔަކު އެރެމުން އެހެރަގެންދަނީއެވެ. ވިސްނުމެއް ފިކުރެއް ނެތިއެވެ.

ހަޔާތުގެ ބައިވެރިޔާ އިހްތިޔާރު ކުރުމުގައި އަހުލާޤު އެއްފަރާތްކޮށްލުމަށް ފަހު ބުރު ސޫރައަށް ބަލައިފިނަމަ ފަހުން ފަހަރުގައި ތިމާ އެކަމާއި ހިތާމަކުރަން ޖެހިދާނެއެވެ. އަދި ކިތަންމެ ލޯބިން ކައިވެނީގެ ގޮށް ޖަހާލާ، އުމުރަށް އެކުގައި އުޅުމަށް ވައުދު ވި ނަމަވެސް އެ ގޮށް މަދު ދުވަސްކޮޅެއްގެ ތެރޭގައި މޮހެވިދާނެއެވެ. އެއީ ހަޔާތުގެ އޮޑީގެ މާލިމީކަން ނުބައި ފަރާތަކާއި ހަވާލު ކުރެވުމުންނެވެ. އެފަދަ މީހަކަށް ހަޔާތުގައި ކުރިމަތިވާ މުސީބާތްތަކާއި ކުރިމަތިލާކަށް ނޭނގޭއެވެ. އެފަދަ ފަރާތްތަކުގެ ވިސްނުމުގައި ހުންނާނީ ދުނިޔޭގެ ލައްޒަތާއި އުފާވެރިކަމެވެ.

ރީތި ސޫރައަކާއި އެކު ރިވެތި އަހުލާޤެއް ހުރި ފަރާތެއް ލިބިއްޖެ މީހަކީ ނިކަން ނަސީބު ގަދަ މީހެކެވެ. އެމީހަކަށް ﷲ ތަޢާލާ އެ ދެއްވި ނިއުތުގެ ސަބަބުން އެމީހެއްގެ މުޅި ހަޔާތް ބާއްޖަވެރި ކުރުމުގެ ފުރުސަތު އެމީހަކަށް އޮންނާނެއެވެ. ދުނިޔެމަތީގައި ލޯބިން އަތުގައި ހިފައިގެން އުޅުނު ފަދައިން އުހުރަވީ ހަޔާތުގައިވެސް އެ ނަސީބު އެފަދަ ފަރާތްތަކަށް ލިބޭނެއެވެ. އެއީ ﷲގެ މަގުގައި، އެމީހުންގެ ދުވަސްތައް ހެޔޮގޮތުގައި ހޭދަކުރުމުގެ ހެޔޮ ޖަޒާއެއްގެ ގޮތުންނެވެ. އެހެންކަމުން ބައިވެރިއަކު އިހްތިޔާރު ކުރުމުގައި ބަލަންވީ ބުރު ސޫރައަކަށް ނޫނެވެ. ރިވެތި އަހުލާޤަށެވެ.

ކިޔުންތެރިންގެ ހިޔާލު